ޑރ. ޒާކިރު ނައިކް އާއިމެދު ކުރެވޭ ތުހުމަތުތަކުގެ ޙަޤީޤަތަކީ ކޮބާ؟

ޒާކިރު ނައިކް: އިސްލާމް ދީނަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއް

މި މަހުގެ ފުރަތަމަ ދުވަހު ބަންގްލަދޭޝްގެ ޑާކާގެ ކެފޭއަކަށް ބަޔަކު ވަދެ، 20 މީހަކު މަރާލި ހާދިސާއަށް ހިންގި ދެމީހުންނަށް އެކަން ކުރުމަށް ހިތްވަރު ލިބުނީ އިންޑިއާގެ ދީނީ އިލްމުވެރިޔާ ޑރ ޒާކިރު ނައިކުގެ ފަރާތުން ކަމަށް ވާހަކަ ދެކެވެން ފަށައިފި އެވެ.

ބަންގްލަދޭޝްގައި ހަމަލާ ދިން ދެ މީހުން ކަމުގައިވާ ނިބްރަސް އިސްލާމް އަދި ރޯހަން އިމްތިއާޒް ނަމަކަށް ކިޔާ ދެ މީހުންނަކީ ޒާކިރު ނައިކްގެ ދަރުސްތަކާއި ނަސޭހަތްތައް އަޑު އަހައި، އޭނާއަށް ތަބާވާ ދެމީހުންނެވެ. މި މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގައި ބެލެވެން ފެށީ، އިންޑިއާގެ ހައިދަރާބާދުގައި މީގެ ކުރިން ހަމަލާ ދިން ދެ މީހަކު ވެސް، އެމީހުންގެ އަމަލުތަކަށް ހިތްވަރު ލިބުނީ ޑރ. ޒާކިރު ނައިކުގެ ދަރުސްތަކުގެ ސަބަބުން ކަމަށް ބުނުމުންނެވެ.

މި ކަމާ ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރުން ބުނެފައިވަނީ އެގައުމުގެ ކަމަ ބެހޭ މާހިރުން މިހާރު ދަނީ ޑރ. ޒާކިރު ނައިކުގެ ދީނީ ނަސޭހަތްތައް އަޑު އަހަމުން ކަމަށާއި، ހަނގުރާމަވެރިކަމަށް ނުވަތަ ހަމަނުޖެހުމަށް ހިތްވަރު ލިބޭ ކަމެއް ފާހަގަވެއްޖެ ނަމަ އެ ދަރުސްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ބަންގްލަދޭޝްގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވީ ޒާކިރު ނައިކް ދެއްވާ ދަރުސްތަކުގައި ވާހަކަ ދައްކަވަނީ ޒުވާނުންނަށް އޮޅުން ހުރި ގޮތްގޮތަކަށް ކަމަށެވެ.

ޒާކިރު ނައިކަށް މިފަދަ ބޮޑު ތުހުމަތުތަކެއް ކުރެވެމުން ދާ އިރު، ޒާކިރު ނައިކު ވަނީ މި ވާހަކަތައް ދޮގު ކުރައްވައިފަ އެވެ.

ޒާކިރު ނައިކު ވިދާޅުވީ އޭނާއަކީ އެފަދަ ކަންކަމަށް ހިތްވަރު ނުދޭކަމަށެވެ. އޭނާ ވިދާޅުވީ އޭނާ ހިތްވަރު ދެނީ ދީނީ ކަންކަމަށް ކަމަށާއި ބަންގްލަދޭޝްގެ ރައްޔިތުންނަށް ވެސް ހިތްވަރު ލިބުމަކީ ހައިރާން ވާންޖެހޭނެ ކަމެއް ނޫން ކަމަށެވެ.

“އަހަރެން ގިނަ ޓީވީ ޗެނަލްތަކަށް އަރަން. ޕީސް ޓީވީ ނެޓްވޯކްގައި އެކަނި ވެސް 100 މިލިޔަން މީހުން އަހަރެންގެ ދަރުސްތައް ބަލާ. އެތައް މިލިޔަން ބަޔަކަށް އަހަރެންގެ ދަރުސްތައް ފެނިގެން ދީނީ ކަންކަމައަށް ހިތްވަރުވޭ. އަޅުގަނޑުގެ ފޭސްބުކް ޕޭޖުގައި ވެސް 14 މިލިޔަން ލައިކު ލިބިފައިވާ އިރު އޭގެ ތެރެއިން ގިނައީ ބަންގްލަދޭޝް މީހުން. އެއީ ހައިރާން ވާންޖެހޭ ކަމެއް ނޫން،” ޒާކިރު ނައިކު ވިދާޅުވި އެވެ.

ޒާކިރު ނައިކްގެ ޕީސް ޓީވީއަކީ ދުބާއީއިން ބްރޯޑްކާސްޓް ކުރާ ޓީވީ ޗެނަލެކެވެ. ނަމަވެސް މި ޗެނަލް އިންޑިއާގައި ދެއްކުން ވަނީ މަނާ ކޮށްފަ އެވެ. އެ ޓީވީ ޗެނަލް ދެއްކުން މަނާކުރުމަށް ބަންގްލަދޭޝްގެ ގިނަ ބަޔަކު ވެސް މިހާރު ދަނީ ގޮވާލަމުންނެވެ.

ނޯޓް: މިލިޔުމަކީ 9 ޖުލައި 2016 ގަ ސަން އޮންލައިންގަ މާހިލް މުޙަންމަދު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*