ކައުންސިލް އިންތިޚާބާ ގުޅިގެން ޕީޕީއެމުން ނެރެފައިވާ އިޢުލާނަށް ތަބާނުވުމަށް އެދިއްޖެ

ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ޕީޕީއެމް ނެރެފައިވާ އިއުލާނަށް ތަބާނުވަން، އެޕާޓީގެ ޕީޖީ ގްރޫޕުންނާއި ޕާޓީގެ ކައުންސިލުން އެދިއްޖެ އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕާއި ކައުންސިލް މެންބަރުން އިސްނަގައިގެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ އިތުރުން، ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންވެސް އެކަމަށް އެދިވަޑައިގެންފައި ވެއެވެ.

ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް އެދި، ޕީޕީއެމް އިޢުލާނެއްކޮށްފައި ވަނިކޮށް، އެ އިޢުލާނަށް ތަބާ ނުވުމަށް އެބޭފުޅުން އެދިވަޑައިގެންފައިވަނީ، އެ އިޢުލާން ޕާޓީގެ އުޞޫލުތަކަށް ފުށުއަރާތީ ކަމަށް ނިހާން ވިދާޅުވި އެވެ.

ޕީޖީ ލީޑަރ ނިހާން ވިދާޅުވީ، ޕީޕީއެމްގެ ޓިކެޓް ވާދަކުރަން ބޭނުންވާ ފަރާތްތަކުން 150 ރުފިޔާ ދައްކަންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވާ ކަމަށާއި އެފަދަ ގޮތަށް ޕީޕީއެމްގެ ތާރީހުގައި ވެސް ޢަމަލުކޮށްފައިނުވާ ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގުމަކީ ގަވައިދާ ޚިލާފު ކަމެއް ކަމަށެވެ. އަދި ސަރުކާރު ކޯލިޝަން ތެރޭގައި ހިމެނޭ އެމްޑީއޭއާއެކު ވެފައިވާ އެއްބަސްވުމާ ގުޅިގެން އަންނަ ކައުންސިލް އިންތިހާބުގައި ޕީޕީއެމްއިން ނިކުންނަން ޖެހޭނީ އެ ޕާޓީއާއެކު ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ޕާޓީގެ ޓިކެޓް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އިލެކްޝަނުން ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އަލުން ފުރުޞަތު ހުޅުވާލާނެ ކަމަށެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*