ނިލަންދޫ ރައްޔިތުންގެ ފިހާރަ މިހާރުން މިހާރަށް ބަންދު ކުރަންޖެހޭ – މުޙައްމަދު ޖަލީލު

ނިލަންދޫ ރައްޔިތުންގެ ނަމުގައި، ރައްޔިތުންގެ މާލިއްޔަތުން ބޮޑު ހޭދައެއް ކޮށްގެން ހިންގަމުންދާ ފިހާރައިން ރައްޔިތުންނަށް ބޮޑު ގެއްލުމެއް ވަމުންދާ ކަމަށާއި، މިހާރުން މިހާރަށް އެފިހާރަ ބަންދު ކުރަންޖެހޭ ކަމަށް އަތޮޅު ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުޙައްމަދު ޖަލީލު އަޙުމަދު ވިދާޅުވެއްޖެ އެވެ.

ނިލަންދޫގެ ތަރައްޤީ އާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ރޭ ސޯޝަލް ސެންޓަރގައި ބޭއްވި ބައްދަލުވުމުގައި ޖަލީލު ވިދާޅުވީ، ފެންނަން ހުރި ހިސާބުތަކަށް ބަލާނަމަ، އެފިހާރަ ހުޅުވި ފަހުން މިހާތަނަށް ކޮންމެ މަހަކު ހިންގަމުން އަންނަނީ އެންމެ މަދުވެގެން 35،000ރ ގެ ގެއްލުމާއި އެކުގައި ކަމަށެވެ. އޭގެ އިތުރުން ހަލާކުވެގެން އުކާލެވޭ ތަކެތީގެ ގޮތުގަޔާއި އެހެނިހެން ގޮތްގޮތުން އަތުން ދޫވެގެންދާ މުދަލާއި ފައިސާ ހިމަނައިގެން ޖުމްލަ 50،000ރ އާއި ގާތްކުރާ މިންވަރަކަށް އެފިހާރައިން މަހަކު ގެންލުން ވަމުންދާ ކަމަށެވެ.

ޖަލީލު ވިދާޅުވީ އެފިހާރަ ހުޅުވަން ކައުންސިލުން އެންމެ ފުރަތަމަ މަސައްކަތް ފެށި ހިސާބުންވެސް، ޚުދު ޖަލީލު އާއި، ގާތްގަނޑަކަށް ރަށުގެ ހުރިހާ ހަރު ބޭފުޅުން ދެކޮޅު ހެއްދެވި ކަމަށެވެ. އަދި އެއީ ކައުންސިލުން ކުރަން އެންމެ ރަނގަޅު ވިޔަފާރިއެއް ނޫން ކަމަށާއި، އެއަށްވުރެ ރައްޔިތުންނަށް މާ ފައިދާ ކުރުވަނިވި އަދި ޢާއްމުދަނީ ބޮޑުކޮށް ލިބޭނެ ވިޔަފާރިތައް އެބަ ހުރި ކަމަށް ބުނަމުން ދިޔަ ކަމަށެވެ.

ހަމައެހެންމެ ޢާއްމު ގިނަ ރައްޔިތުން އެވިޔަފާރި ތެރޭގައި އުޅުމާއިއެކު، ކައުންސިލުން “ޑެއިލީ ގުޑްސް” ފިހާރައެއް ހުޅުވައިފިނަމަ، އެކަމުން ޢާއްމު ރައްޔިތުންގެ ފިޔާރަތަކަށް ބޮޑު އަސަރެއްކޮށް، ޢާއްމު ރައްޔިތުންނަށް ލިބެމުންދާ އާއްމުދަނީ އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށް ތަކުރާރުކޮށް ދަންނަވަމުން ދިޔަ ކަމަށެވެ.

ނަމަވެސް ކައުންސިލުން އޭގެން އެއްވެސް ބޭފުޅަކު ދެއްކެވި އެއްވެސް ވާހަކައެއް އަޑު ނޭހި ކަމަށާއި، މިއަދު ފެންނަމުންދަނީ އޭގެ ނަތީޖާ ކަމަށެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*