ނިލަންދޫގެ ތަރައްޤީ އާއި ގުޅޭ މަޢުލޫމާތު ހިއްސާ ކުރުމަށް ޚާއްޞަ ސައިފޮދެއް ބާއްވައިފި

ނިލަންދޫގެ ތަރައްޤީ އާއި ގުޅޭ މަޢުލޫމާތުތައް މާލެގައި މިވަގުތު ތިބި ނިލަންދޫގެ ރައްޔިތުންނާ ހިއްސާ ކުރުމަށް ޚާއްޞަ ސައިފޮދެއް ބާއްވައިފި އެވެ.

ބައްދަލުވުމަކާއި އެކު ކުރިއަށް ގެންދެވުނު މިސައިފޮދުގައި ނިލަންދޫގެ ތަރައްޤީ އާއި ގުޅޭގޮތުން މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި، ކުރިއަށް ހުރި މަސައްކަތްތަކާއި، ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ހުރި ކަންބޮޑުވުންތަކާއި  ގުޅޭގޮތުން މަޢުލޫމާތުތައް ހިއްސާ ކުރައްވާފައި ވެއެވެ.

ބައިވެރިންނާއި މި މަޢުލޫމާތުތައް ހިއްސާ ކުރައްވާފައިވަނީ އެމްޕީ ޑރ.ޚަލީލުގެ އިތުރުން، މި ސައިފޮދުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ވަޙީދު އާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އަންވަރު ޢަލީ އަދި ފ.އަތޮޅު ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުޙައްމަދު ޖަލީލު އަޙުމަދު އެވެ.

އެގޮތުން މިހާރު ނިލަންދޫގައި މުޅިން އަލަށް ހަދަމުންދާ ބަނދަރާއި، އަލަން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްގެ އާ އިމާރާތާއި ކައުންސިލް ޢިމާރާތާއި، މިހާރު މަސައްކަތް ކުރެވެމުންދާ ސްކޫލުގެ އާ ޢިމާރާތާއި ސްޕޯޓްސް އެރީނާ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ލާނިންގ ސެންޓަރގެ މަސައްކަތްތަކުގެ އިތުރުން، ފެނުގެ ނިޒާމާއި ރަށުގެ ކުނީގެ ނިޒާމް މިހާރު އޮތް ނާޒުކު ޙާލަތާއި ގުޅޭ ގޮތުން ވަރަށް ތަފްޞީލު ގޮތެއްގައި މަޢުލޫމާތުތައް ހިއްސާ ކުރައްވާފައި ވެއެވެ. އަދި މިހާރު ނިމިފައިވާ މަސް މާރުކޭޓާއި އަދި ރައްޔިތުންގެ ފިހާރަ ހިނގަމުންދާ ގޮތުގެ މަޢުލޫމާތުތައް ފޯރުކޮށްދެއްވާފައި ވެއެވެ.

ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޑރ.ޢަބްދުﷲ ޚަލީލު އިސް ނެންގެވުމައިއެކު ބޭއްވުނު މި ބައްދަލުވުން އޮތީ  2016 ސެޕްޓެމްބަރ 21 ވަނަ ދުވަހުގެ ރޭ ސޯޝިއަލް ސެންޓަރގައި އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*