ޙައްޖު ދުވަސް

އެއްދުވަހަކު ޔަހޫދީންގެ މީހަކު ޢުމަރު ރަޟިޔަﷲޢަންހަށް ބުންޏެވެ. އޭ އަމީރުލްމުއުމިނީންއެވެ. އަޅުގަނޑުމެންނަށް ބާވައިލެއްވުނު ނަމަ، އެއާޔަތް ބާވައިލެއްވުނު ދުވަސް އަޅުގަނޑުމެން ޢީދެއްގެ ގޮތުގައި ފާހަނގަކުރާނޭފަދަ ޢާޔަތެއް މުސްލިމުން އެބައިމީހުންގެ ފޮތުން ކިޔަވަމުންދެއެވެ.

ޢުމަރު ރަޟިޔަﷲޢަންހު ދެންނެވިއެވެ. އެއީ ކޮން އާޔަތެއްހެއްޔެވެ؟ އޭނާ ޖަވާބުގައި، الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا (سورة المائدة :3) ” މިއަދު ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް، ތިމަންއިލާހު ފުރިހަމަކޮށްދެއްވަވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވަވައިފީމެވެ. އަދި އިސްލާމްދީން، ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަން އިލާހު ރުހިވޮޑިގެންފީމެވެ.”

މި އާޔަތް ކިޔެވިއެވެ. އެހިނދު ޢުމަރު ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. ﷲގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ތި އާޔަތް ބާވައިލެއްވުނު ދުވަހާއި ތަންވެސް އަހަރެމެންނަށް އެނގެއެވެ. އެއީ ހުކުރުދުވަހެއްގައި އެކަލޭގެފާނު ޢަރަފާތުގައި ހުންނަވަނިކޮށެވެ. (ޞަޙީހުލް ބުޚާރީ ވަ ޞަޙީހު މުސްލިމް)

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللهُ عَزَّ وَجَلَّ فِيْهِ عَبْداً مِنْ النَّارِ ، مِنْ يَوْمِ عَرَفَةَ….( ޞަޙީހު މުސްލިމު) “ޢަރަފާތްދުވަހަށް ވުރެ ގިނައިން ﷲތަޢާލާ، އަޅުތަކުން ނަރަކައިން މިންޖުކުރައްވަވާ ދުވަހެއްނުވެއެވެ.”

ޢަރަފާތް ދުވަހު ރޯދަ ހިފުމަކީ ދެއަހަރުގެ ފާފަ ފޮހެވޭ ސަބަބަކަށް ވުން. ރިވާވެގެން ވެއެވެ. “ޢަރަފާތް ދުވަހު ރޯދަ ހިފުމަކީ މިއަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފޮހެވޭ ކަމެކެވެ.” ނަމަވެސް މިދުވަހުގައި ރޯދަ ހިފުން ސުންނަތް ވެގެންވަނީ ހަމައެކަނި ޢަރަފާތު ބިމަށް ނުދެވޭ މީހުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަރަފާތް ބިމުގައި ހުންނެވި ދުވަހު ރޯދަ ވިއްލެވިއެވެ. އަދި ޢަރަފާތުގައި ތިބޭ މީހުން ރޯދަ ހިފުން މަނާ ކުރެއްވިއެވެ.ޢަބްދުއްރަޙްމާން ބިން ޔަޢްމަރު ރަޟިޔަﷲއަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. الحَجُّ عَرَفَةُ (ސުނަން ތިރްމިޒީ) “ޙައްޖަކީ ޢަރަފާތެވެ.” (މާނައަކީ ޢަރަފާތްދުވަސް ނުލިބޭ މީހަކަށް ޙައްޖެއް ނުވެއެވެ.)

.އަބޫ ޤަތާދާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ޢަރަފާތް ދުވަހުގެ ރޯދައާއި ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ސުވާލުކުރެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވެވިއެވެ. يُكَفِّرُ السَّنَةَ المَاضِيَةَ وَالبَاقِيَةَ (ޞަޙީހް މުސްލިމް) ” ފާއިތުވި އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފޮހެ ދެއެވެ.”
ޢަރަފާތް ބިމުގައި ތިބޭ މީހުންނަށް ޢީދު ދުވަހަކަށް ވުން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ يَوْمَ عَرَفَةَ وَيَوْمَ النَّحْرِ وَأَيَّامَ التَّشْرِيقِ عِيدُنَا أَهْلَ الْإِسْلَامِ وَهِيَ أَيَّامُ أَكْلٍ وَشُرْبٍ ) މާނައަކީ: “ހަމަކަށަވަރުން ޢަރަފާތް ދުވަހަކީ އަދި ޢީދު ދުވަހަކީ އަދި އައްޔާމުއް ތަޝްރީގް ދުވަސްތަކަކީ އަހަރުމެން މުސްލިމުންގެ ޢީދު ދުވަސްތަކެވެ. އެއީ ކައި ބޮއި ހެދުމުގެ ދުވަސްތަކެކެވެ.”
ޢަރަފާތް ދުވަސް ގަންދެއްވާ ހުވާ ވަޙީ ކުރައްވާފައިވާކަން. عَن أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْيَوْمُ الْمَوْعُودُ يَوْمُ الْقِيَامَةِ وَالْيَوْمُ الْمَشْهُودُ يَوْمُ عَرَفَةَ وَالشَّاهِدُ يَوْمُ الْجُمُعَةِ) މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “އަލްޔައުމުލް މައުޢޫދަކީ ގިޔާމަތް ދުވަހެވެ. އަލްޔައުމުލް މަޝްހޫދަކީ ޢަރަފާތް ދުވަހެވެ. އައްޝާހިދަކީ ހުކުރު ދުވަހެވެ.”

ޢަރަފާތް ދުވަހަކީ ފާފަތައް ފުއްސަވާ، ނަރަކައިން މުއްތި ކުރައްވާ، ޢަރަފާތް ބިމުގައި ތިބޭ މީހުންގެ ވާހަކައިން ﷲ ތަޢާލާ ފަޚުރުވެރި ވެލައްވާ ދުވަހެވެ. عَنْ عَائِشَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ عَزَّ وَجَلَّ فِيهِ عَبْدًا أَوْ أَمَةً مِنْ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمْ الْمَلَائِكَةَ وَيَقُولُ مَا أَرَادَ هَؤُلَاءِ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ޢަރަފާތް ދުވަހަށް ވުރެ ގިނައިން ﷲ ތަޢާލާ މީސްތަކުން ނަރަކައިން މުއްތި ކުރައްވާ ދުވަހެއް ނުވެއެވެ. އެދުވަހުގައި މާތް ﷲ މަލާއިކަތް ބޭކަލުންނަށް އަންގަވާނެއެވެ. “މިބައިމީހުން ބޭނުން ވަނީ ކޮން ކަމެއްތޯއެވެ؟”

މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ” إِنَّ اللهَ تَعَالَى يُبَاهِيْ مَلَائِكَتَهُ عَشِيَّةَ عَرَفَةَ بِأَهْلِ عَرَفَةَ ، فَيَقُوْلُ : اُنْظُرُوْا إِلَى عِبَادِيْ أَتَوْنِيْ شَعْثًا غُبَراً ” رواه أحمد ، މާނައަކީ: “ޢަރަފާތް ދުވަހު ޢަރަފާތުގައި ތިބޭ މީހުންނާމެދު މާތް ﷲ މަލާއިކަތް ބޭކަލުންގެ އަރިހުގައި ފަޚުރުވެރިވެ ވަޑައިގެން ވަޙީ ކުރައްވާނެއެވެ. “ތިމަން ﷲ ގެ އަޅުތަކުންނަށް ބަލާބަލާށެވެ. އެބައިމީހުން ހިރަފުހުން ތަތްތެޅިގެން، ބޯހޭވިފައި އެތިބީ ތިމަން ﷲ ގެ ދަރުބާރަށް އައިހެވެ.”

ވީމާ، ލޮބުވެތި މުސްލިމުންނޭވެ. ޢަރަފާތް ދުވަހުގެ މާތް ކަން ޙާޞިލް ކުރެވޭތޯ ގަދަ އަޅާ މަސައްކަތް ކުރުމަށް އަޅުގަޑުގެ އަމިއްލަ ނަފްސަށާއި ތިޔަ އެންމެ ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނަށް ވަޞިއްޔަތް ކޮށް ނަޞޭޙަތްތެރި ވަމެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*