ނަރުދަމާ ނިޒާމް ފެއިލްވެ، މުޅި ނިލަންދޫ ނަޖިސްވަނީ

ޢީދު މިސްކިތް މަގުގައި ހުރި ޖަންކްްޝަނަކުން ނަޖިސް އަހަރަނީ

2007 ވަނަ އަހަރު ފ.ނިލަންދޫގައި ޔުނިސެފުން ގާއިމްކުރި ވެކިއުމް ނަރުދަމާ ނިޒާމް ފެއިލްވެ، ރަށުގެ އެކި ހިސާބުގައި ހުރި ޖަންކްޝަންތަކުން ނަޖިސް އަރަމުން އެބަދެއެވެ. މި މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވަނީ ނިލަންދޫ ފުޓްބޯޅަ ސްޓޭޑިއަމްގެ ހުޅަނގުން އޮންނަ ޢީދު މިސްކިތް މަގުގައެވެ. އެސަރަޙައްދުގައި އުޅޭ މީހުން ފާހަގަކުރާ ގޮތުން މި މަގުގައި ހުންނަ ޖަންކްޝަންތަކުން މެދު ނުކެނޑި ނަޖިސް އަރާތާ އެތައް ދުވަހެއްވެއްޖެއެވެ.

ފާޚާނާ ނިޒާމާއި ގުޅޭ މަޢުލޫމާތު އެނގޭ ފަރާތަކުން ހާމަކުރި ގޮތުގައި މައްސަލަތައް މިގޮތަށް ދިމާވަނީ ޖަންކްޝަންތަކުގައި ހުންނަ އޮޓޯ ސްވިޗްތައް ހަލާކުވެ، މެއިން ސްޓޭޝަންގައި ހުންނަ ޕަންޕްތައް ނުޖެއްސޭތީއެވެ. އަދި ހަމަ އެހެންމެ، މި ނިޒާމުގެ މެއިން ސްޓޭޝަންގައި ހުރި ވެކިއުމް ޕަންޕްތަކުގެ ތެރެއިން ބައެއް ޕަންޕްތައް ހަލާކުވެފައި ހުންނަތާ އަހަރުތަކެއް ވުންވެސް މިއީ މި މައްސަލަ އިތުރަށް ބޮޑުވުމަށް މެދުވެރިވާ ސަބަބެއް ކަމަށް އެފަރާތުން ހާމަކުރެއްވިއެވެ.

ރަށުގެ އެކި ސަރަޙައްދުތަކުން ނަޖިސް އަރަމުން ދިއުމާއެކު، ޖަންކްޝަންތައް ސާފުކުރުމުގެ ހަރަކާތްތަކެއް ރަށު ކައުންސިލުން މެދު ކެނޑުމެއްނެތި ކުރި ނަމަވެސް، ރަށުގެ އެކި ސަރަޙައްދުގައި ހުރި ޖަންކްޝަންތަކުން ނަޖިސް އަރާލެއް ގިނަކަމުންނާއި ޖަންކްޝަންތައް ބެދޭލެއް އަވަސްކަމުން މި މައްސަލައަށް ޙައްލެއް ހޯދުމަށް ކައުންސިލްވަނީ ނުކުޅެދިފައެވެ.

މި ގޮތަށް ނަޖިސް އަރައި ބައެއް ސަރަޙައްދުގެ ވަސް ނުވައިވުމުގެ ސަބަބުން، އެ ސަރަޙައްދުގައި އުޅޭ މީހުންގެ ޞިއްޙަތަށް ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*