“ބޯޓު” ފުރަނީ ކޮންތަނަކުން..

“ކިރިޔާ މި އާދެވުނީ. ޢާއްމުކޮށް ބޯޓު ފުރަނީ އަންނި ޖެޓީން ވީމަ އެތަނަށް މި ދިޔައީ. ހޯދާ ހޯދާ ބޯޓު ނުފެނިގެން ރަށު މީހަކާ ދިމާވެގެން ބުނީ ބޯޓު އޮތީ އެމްއެމްއޭ ކުރިމަތީގަ އޭ. ރަށު މީހާ އާއި ދިމާވިކަން މީ ނަސީބެއް” ބޯޓު ފުރަން ތައްޔާރުވެ، ވާ މޮހެމޮހެ އޮއްވައި ބޯޓަށް އެރި ރަހުމަތްތެރިޔަކާއި ދިމާވެގެން އޭނާ ބުންޏެވެ.

އެހެން ރަޙުމަތްތެރި އެކެވެ. އެދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ވެފައި، ސްކޫލުތައް ބަންދުވެ، މުހިއްމު ދުވަސް ވަރަކާއި ދިމާކޮށް ރަށްރަށް ދާ މީހުންްތައް ފުރުމަށް ކޮޅުކޮޅަށް ހެލިފެލިވެ އުޅުމާއި، ހަވީރުގެ ސްކޫލުތައް ނިމޭ ވަގުތު ކަމުގައި ވުމުން ރަށު ތެރޭގެ މަގުތައް ތޮއްޖެހިފައިވާ މިންވަރު އަޅުގަނޑަށްވެސް އިޙުސާސް ކުރެވެ އެވެ. އަދި ހަވީރުވެ އިރު އޮށްސެމުންދާ ވަގުތަކީ ބާޒާރުމަތީގެ އެންމެ ކާރޫބާރު ބޮޑު ވަގުތުކަން އެއްވެސް މީހަކަށް އޮޅިފައެއް ނުވާނެ އެވެ.

“ނޭނގޭނެ އެންނު. އަހަރުމެން ރަށަށްދާ ކޮންމެ ފަހަރަކު ބޯޓު ފުރަނީ ނޯތު ހާބަރުން. އަދި ލަގެޖް ކޮޅު ޕިކަޕަކަށް އަރުވާފައި ނޯތު ހާބަރުގައި ބޯޓު އޮންނާނެއޭ ކިޔާފައި، ޕިކަޕް އެދިމާލަށް ފޮނުވާލާފައި އަހަރުމެން މިއައީ ޓެކްސީއެއް ގައި. އެބޯޓުން ފުރާ ރަށުގެ ޒުވާނަކު ސައިކަލްގަ ދަނިކޮށް ދިމާވެގެން އޭނަ ބުނީ ބޯޓު ފުރަނީ އެމްއެމްއޭ ކައިރިންނޭ” ކިރިޔަ ކިރިޔާ ބޯޓަށް އެރުނު ރަޙުމަތްތެރިޔާ ބުންޏެވެ.

“ލޯންޗު ކަޓައިފި. ކުނިގޮނޑާއި ދިމާލުން ފުރާކަމަށް ބުނެފައި އޮތީ. ފުރަން އައިފަހުން ލޯންޗު ނެތުމުން ގުޅާފައި އެހީމަ ބުނީ އެއް ނަމްބަރ ޖެޓީގައޭ މިއޮތީ. އޭރު ވަރަށް ކުޑަ ވަގުތު ކޮޅެއް އޮތުމާއިއެކު އަވަސް އަވަހަށް ތަންކޮޅެއް ބާރު ސްޕީޑެއްގައި ސައިކަލްގައި އެދިމާލަށް ދެވުނު އިރު، ލޯންޗު ފަޅުން ނެރެނީ. ލޯންޗު ކައްޕިއަށްވެސް އަހަރެން އައިތަން ފެންނާނެ. ފުރާ ގަޑި ޖެހިއްޖެ އޭ ބުނެ ކައްޕި ނައްޓާލި ކަމަށްވަނީ” ލޯންޗަކުން ފުރަން ގޮސް ފުރޭގޮތް ނުވި މީހަކާއި އެއް ނަމްބަރ ފާލަން ކައިރިން ދިމާވެގެން އެމީހާ ބުންޏެވެ.

ރަނގަޅެވެ. ބޯޓު ނުވަތަ ލޯންޗު ފަހަރު ފުރާ ތަނާއި ގަޑި ބަދަލު ވެއްޖެނަމަ ޓިކެޓް ގަނެފައިވާ ހުރިހާ ފަރާތްތަކަށް ގުޅައި އެކަން އަންގަންވާނެ އެވެ. އެއީ ދުއްވާ ނުވަތަ އޮޕަރޭޓު ކުރާ ފަރާތުގެ ޒިންމާއެކެވެ.

ނަމަވެސް އެގޮތަށް އޮޑިފަހަރު ފުރާ ގަޑިއާއި ތަން ބަދަލުވަނީ، ނުވަތަ ބަދަލު ކުރަނީ “އެހެން ގޮތެއް ނެތިގެން ކަަމަށް” ބައެއް ބޯޓުތަކުގެ މީހުންނާއި ވާހަކަ ދައްކާލުމުން ބުނެއެވެ. ފުރަންޖެހޭ ތަން ބަދަލު ކުރަންޖެހޭ އެންމެ މައިގަނޑު ކަމަކަށް ބޯޓުތަކުގެ މީހުން ފާހަގަ ކުރީ ބޯޓު ބާއްވާނެ ޖާގަ ނުލިބުމުގެ މައްސަލައެވެ. ތިން ހަތަރު ބޯޓު ބޭރުގައި ބާއްވައިގެން ފޮށިތަންމަތި އެރުވުމަކީ ދަތި ކަމެކެވެ. އެއަށްވުރެ ބޮޑަށް އެހާ ބޭރުގައި ބޯޓު ބާއްވައިގެން ފަސިންޖަރުން ބޯޓަށް އެރުވަން މަސައްކަތް ކުރުމަކީ ޚާއްޞަކޮށް އަންހެންވެރިންނާއި ކުޑަކުދިން ތިބިނަމަ ސަލާމަތާއި ތައްކާތެރި ކަމަށް ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްކަމަށް ބޯޓުތަކުގެ މީހުން ޤަބޫލު ކުރެއެވެ.

ޤުދުރަތީ ގޮތުން މޫސުމަށް އަންނަ ބަދަލާއި ގުޅިގެން ނޫނީ ޢީދުތަކާއި އެހެނިހެން ބަންދުތަކާއި ދިމާކޮށް ފަސިންޖަރުންގެ ޑިމާންޑު ބޮޑުވެ، ފަސިންޖަރުންނަށްޓަކައި އިތުރު ދަތުރުތަކެއް ޝެޑިއުލަށް ލުމަށް ނޫނީ ބޯޓު ފުރާ ގަޑިއަށް ވަރަށް މަދު ފަހަރަކުނޫނީ ބަދަލު ނުގެންނަ ކަމަށް ބޯޓު ދުއްވާ ފަރާތްތަކުން ބުނެ އެވެ.

އެފަރާތްތަކުން ބުނާ ގޮތުން ފުރަން ވަރަށް ކުޑަތަން ވެފައިވަނިކޮށްވެސް، އެގޮތަށް ޝެޑިއުލަށް ބަދަލުތައް ގެންނަން ޖެހިފައި އެބަހުއްޓެވެ. އަދި އެ ލިބޭ މަދު ވަގުތުކޮޅުގެ ތެރޭގައިވެސް އަބަދުވެސް ފަސިންޖަރުންނަށް ފުރުމުގެ ކުރިން އެންގޭތޯ މަސައްކަތް ކުރެއެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދެވުމާއި، ފޯނަށް ގުޅަން އުނދަގޫވުމުގެ މައްސަލަ ބައެއް ފަހަރު ދިމާވެ، ފުރާ ގަޑި ޖެހޭ އިރުވެސް ބައެއް ފަސިންޖަރުންނަށް އަންގާނުލެވި ދާކަން އެފަރާތްތަކުންވެސް ޤަބޫލު ކުރެއެވެ.

ވަށައިގެން ކަނޑު އެކުލެވިގެންވާ މި ޤައުމުގެ މައިގަނޑު ދަތުރުފަތުރުގެ ނިޒާމު ބިނާވެގެންވަނީ ކަނޑު މަގަށެވެ. އަދި މި ލިޔުމުގައި ފާހަގަ ކޮށްލި ކޮންމެ ކަމަކީވެސް ދިމާވެދާނެ ކަންކަން ކަމުގައި ޤަބޫލު ކުރަން ޖެހެއެވެ.

މިކަންކަމާއިމެދު އަޅުގަނޑުމެން ވިސްނަން ޖެހޭ ވަރަށް ވިސްނާ ނުލެވުމުން، ނުވަތަ ހަމައެކަނި ބޯޓު ނުވަތަ ލޯންޗު ފަހަރު ދުއްވާ މީހުންގެ ޒިންމާއެއް ކަމަށް ދޫކޮށްލުމުން، އިސްވެ ދެންނެވުނު ފަދައިން ދެރަވަރު ކަންކަން ދިމާވެފައި އެބަހުއްޓެވެ. ބޯޓު ނުވަތަ ލޯންޗް ކެޓުމެވެ. ގަޑިޖެހޭއިރުވެސް ލަގެޖު ކޮޅު ނައިސް ހަމައެކަނި މީހާ ފުރަން ޖެހި، ނުވަތަ މީހާއަށް ގަޑިއަށް ނާދެވި ހަމައެކަނި ލަގެޖުކޮޅު ފުރުވާލަން ޖެހިފައިވެސް އެބަހުއްޓެވެ. އަދި ފުރާ ގަޑީގައި ފުރާތަނުގައި އެހެން ބައެއްގެ ލޯންޗެއް އޮތުމުން ރަނގަޅަށް ބަލާނުލެވި، މުޅިން އެހެން ރަށްރަށަށްވެސް ދެވިފައި އެބަހުއްޓެވެ.

މިއީ މިހާރަށްވުރެ ބޮޑަށް އަޅުގަނޑުމެންވެސް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ބޮޑު އަގުގައި ޓިކެޓް ނަގައި، އަދި ބޯޓުތަކުންނާއި ލޯންޗު ފަހަރުން ޖާގަ ލިބުމުގައި އިންތިހާއަށް ދަތިވެފައިވާއިރު، ފުރަން ގެއިން ނައްޓާލުމުގެ ކުރިން ބޯޓު ފުރާ ގަޑިއާއި ތަން އޮޅުން ފިލުވާފައި ބާއްވުމަކީ، އަޅުގަނޑުމެން ދަތުރުކުރާ ފަސިންޖަރުންގެވެސް ޒިންމާއެއް ކަމުގައި ހަދާފައި ބާއްވަމާ ހިންގާށެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*