ފައިސާލިބުނަސް އާ ކުނިގޮނޑު ނުހެދި، ކައުންސިލް އިހުމާލުވެފައި

ނިލަންދޫ ކުނި ގޮނޑު: މިތަނުގެ ސަބަބުން ބަލިތައް ފެތުރި ގިނަ ބަޔަކަށް ދަނި ތުރާވަމުން

މިވަގުތު ފ.ނިލަންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ދުލުކުރިޔަށް ފުރަތަމަވެސް އަންނާނީ ނިލަންދޫ ކުނި ގޮނޑެވެ. ނިލަންދޫއަށް އަރާ ކޮންމެ މީހަކަށް ކުނި ގޮނޑު މަރުޙަބާ ކިޔާއިރު، ފައިބާއިރު އަލްވަދާޢު ކިޔާނީ ވެސް ކުނިގޮނޑެވެ. މިކަމުގެ ސަބަބުން ރަށުގެ މުޅި މަލަމަތި ވަނީ ހުތުރުވެގެން ގޮސްފައެވެ.

ނިލަންދޫއަށް ޒިޔާރަތްކުރާ ގިނަ ޢަދަދެއްގެ ފަތުރުވެރިންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމެއް ގުޅިފައިވަނީ ކުނި ގޮނޑާއެވެ. 2016 ވަނަ އަހަރު ކުރީކޮޅު ނިލަންދުއަށް ޒިޔާރަތްކުރި ޕޮލަންޑުގެ ފަތުރުވެރިންތަކެއް ކުނި ގޮނޑުގެ ފޮޓޯނެގުމަށްފަހު ފޭސްބުކްގައި ހިއްސާކުރިއެވެ. އަދި ލިޔެފައިވެއެވެ. “ޗުއްޓީ ހޭދަކުރުމަށް މިފަހަރު ތިމަންނަމެނަށް ދެވުނީ ކުނި ގޮނޑަކަށެވެ.” އެމީހުންގެ މި ސްޓޭޓަސްއަށް އެތައްބަޔަކު ކޮމެންޓްކޮށް އަދި އެހެންމީހުނާއި ޙިއްސާކޮށްފައިވެއެވެ.

ނަމަވެސް، މިއިން އެއްވެސް ކަމަކީ ނިލަންދޫ ރަށު ކައުންސިލަށް ކަންބޮޑުވާ ކަމެއް ނޫންކަމަށް ގަބޫލުކުރެވެއެވެ. މިކަން ބޮޑަށް ގަބޫލުކުރެވެނީވެސް، ނިލަންދޫ ދާއިރާގެ މެންބަރ ޑރ. ޢަބުދުﷲ ޚަލީލުގެ މަސައްކަތުން ނިލަންދޫގައި ކުނި މެނޭޖްކުރާނެ ސެންޓަރެއް ހެދުމަށް 5 ލައްކަ ރުފިޔާ ލިބޭނެ އިންތިޒާމް ސަރުކާރުގެ ތެރެއިން ހަމަޖައްސާ އޮކްޓޫބަރ 2015 ގަ ކައުންސިލަށް މިނިސްޓްރީ އޮފް ފިނޭންސްއިން އަންގާފައިވެއެވެ. އޭގެ ފަހުން އެޢަދު އިތުރުވެސް ކޮށްދީފައިވެއެވެ.

މިކަމާ ގުޅިގެން ކައުންސިލަށް ކުރެވުނުހާވެސް ކަމަކަށްވީ، ރަށުގެ ކަނުކޮޅުން ބިމެއްނަގާ ސާފުކުރުމެވެ. އަދި ތަކެތި ހޯދުމަށް ދެފަހަރެއްގެ މަތީން އިއުލާން ކުރުމެވެ. މީގެ އިތުރުން ބިން ހަމަޖެއްސުމަށް އީޕީއޭއަށް ލިޔެ އޭގެ ހުއްދަވެސް ލިބިއްޖެއެވެ. ހައުސިންގ މިނިސްޓްރީއަށް ވަނީ ލިޔެފައެވެ. މިކަންކަން އަވަސްކުރުމަށް، މާލެއަށް އައިސް އެކިފަރަތްތަކާއި ބައްދަލުކޮށް މަސައްކަތްތައް އަވަސްކުރުމަށް އެއްވެސް މަސައްކަތެއް ނުހިނގައެވެ.

އެހެންވާހަކައެކެވެ. ފިނޭންސް މިނިސްޓްރީން ސިޓީ ފޮނުވާފަވާއިރު، މަސައްކަތް ނިންމުމަށްފަހު ބިލްކުރުމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މިގޮތަށް އެންގިތާ އަހަރަކާ ގާތްވެފައިވަނިކޮށް މިހާރު ކައުންސިލުން ފިނޭންސަށް ލިޔެފައިވަނީ، “ތަކެތި ގަތުމަށް” ހުއްދައަށް އެދިއެވެ. މަސައްކަތް ނިންމުމަށްފަހު ބިލް ހުށަހެޅުމަށް ކައުންސިލަށް އަންގާފައިވާއިރު އިތުރު ބަހަނާތަކުން މިފެންނަނީ ހައްތަހާވެސް ޕްރޮޖެކްޓް ލަސްވާނެހާގޮތަކަށް މަސައްކަތްތައް ގެންދާ މަންޒަރެވެ. މިހެން މިވަނީ ކަންކަން ހިނގާގޮތް ނޭނގޭތީ ނުވަތަ ކަންކަން ކުރުމުގެ ޝައުގުވެރިކަން އެހާވަރަށް ނެތުމުގެ ސަބަބުން ކަމަށްވެދާނެއެވެ.

ކޮންމެއަކަސް ކުރިން ސާފުކުރި ބިން ކަމުނުގޮސްގެން، އަނެއްކާ އެހެން ބިމެއް ހަމަޖެއްސުމަށް ކައުންސިލުން މިހާރު މަސައްކަތްކުރާ ކަމަށްވަނީ އެނގިފައެވެ.

މިކަންކަމުގެ ސަބަބުން ފެނިގެން މިދަނީ، މިފަދަ މުހިންމު ޚިދުމަތްތައް ދިނުމަށް ވަސީލަތްތައް ތަނަވަސްވިޔަސް، ޚިދުމަތްތައް ގާއިމްކުރުމުގައި ކައުންސިލްގެ މާބޮޑު ފަރުވާލެއް ނެތް މަންޒަރެވެ. އަދި ރައްޔިތުންނަށް ކިތަންމެ ތުރާވެ، ނިލަންދުއާއިމެދު ރަށަށް އަރާމީހުން ކިތަންމެ “ގޮނޑު”ކޮށް ދެކުނަސް ކައުންސިލްގެ ސަމާލުކަމެއް ނެތްކަމެވެ.

ކުނި ނައްތާލުމުގެ ނިޒާމަށް ޕިކަޕެއް ގަތުމަށްވެސް ސަރުކާރުން މީގެ ކުރިން ތިން ލައްކަ ރުފިޔާ ކައުންސިލަށް ޖަމާކޮށްދީފައިވެއެވެ. ނަމަވެސް އެފައިސާ ވެސް ވަނީ ގެއްލިފައެވެ. ރައްޔިތުންގެ މިފަދަ އުންމީދުތަކަށް މިފެންނަނީ ކައުންސިލުން ތަކުރާރުކޮށް އިހުމާލުވާ މަންޒަރެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*