ނިލަންދޫގައި ޢީދު ކުލަގަދަކޮށް ފާހަގަކުރަން ތައްޔާރުވާން ފަށައިފި

ނިލަންދޫ ޒުވާނުންގެ ސަގާފީ ކުޅިވަރުގެ ތެރެއިން ދަނޑިޖެހުން

ފ.ނިލަންދުގައި އަންނަ އަލްޙާ ޢީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުންދާކަމަށް ފ.ނިލަންދޫ ކައުންސިލުން ހާމަކޮށްފިއެވެ. އެކަމުގައި އިސްކޮށް ޙަރަކާތްތެރިވާ އެކައުންސިލްގެ މުވައްޒަފު އަޙްމަދު ޝަރީފް ޓީވީއެމްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ހާމަކުރެއްވި ގޮތުގައި ޢީދަށް ތައްޔާރުވުމުގެ ގޮތުން ސަގާފީ ބައެއް ކުޅިވަރުތަކާއި އެހެނިހެން ބައެއް ޙަރަކާތްތައް ބޭއްވުމުގެ އިންތިޒާމްތައް ދަނީ ތައްޔާރުކުރަމުންނެވެ.

ނިލަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގެ ތެރޭގައި އެންމެ ފާހަކުރެވޭނީ ތިންމުގޯލިއާއި ލޮނިކުޅުން ކަމަށް އޭނާވަނީ ފާހަގަކުރައްވާފައެވެ. މި ދެ ކުޅިވަރުވެސް ކުރިޔަށް ގެންދާނީ މުބާރާތެއްގެ ސިފައިގައެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި ތިންމުގޯލި ކުޅުުގައިވެސް ޢާންމުކޮށް ކުޅޭގޮތާއި ކުޑަ ތަފާތެއް ހިމެނޭގޮތަށް މިކުޅިވަރު މިފަހަރު ފެނިގެންދާނެއެވެ. އޭގެ އިތުރުން ލޮނިކުޅުމަކީ މިހާތަނަށް ފާހަގަކުރެވިފައިވާ ގޮތުގައި ހަމައެކަނި ނިލަންދޫއަށް ޚާއްސަ ކުޅިވަރެއްކަމަށްވެއެވެ.

މި ދެ ކުޅިވަރުގެ އިތުރުން މަންޑިކުޅުންވެސް އޮންނަ ކަމަށްވެއެވެ. މިފަހަރުގެ ޢީދުގައި 7 ޓީމަކުން ވާދަކުރާ ވޮލީ މުބާރާތެއްވެސް ނިލަންދޫގައި ކުރިޔަށް ދާނެއެވެ. އަދި ވަރަށް ފޯރިގަދަކޮށް ޢީދުގެ އެންމެ ފަހުދުވަހު ބީރުކެނޑުންވެސް އޮންނާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ޝަރީފު އިތުރަށް ހާމަކުރެއްވި ގޮތުގައި ޢިދާ ދިމާކޮށް މިހާރު ރަށުގައި ދިރިއުޅޭ މީހުންގެ އިތުރުން 1000 ވަރަކަށް މީހުން ނިލަންދޫއަށް ޗުއްޓީ ހޭދަކުރުމަށް އަންނާނެ ކަމަށްވެއެވެ. ނިލަންދޫ މޫދުގެ ހިތްގައިމުކަން ދެކިލުމަށްވެ ގިނަބަޔަކު ނިލަންދުއަށް އަންނަކަން އޭނާވަނީ ފާހަގަކޮށްފައެވެ.

މިވަގުތު ނިލަންދޫގައި ކުއްޔަށް ލިބެންހުރި ހުރިހާ ކޮޓަރިއެއް ކަހަލަ ގޮތަށް ފުލްވެފައިވާކަމަށް އޭނާވަނީ ހާމަކޮށްފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*