އެއީ ގުރުއަތުލުމެއް ކަމަށް ޤަބޫލެއް ނުކުރަން: މަގޫދޫ ޓީމު

މިނިވަން ޗެންޕިއަންޝިޕް 2016 ގަ ފ. ދަރަނބޫދޫއާއި މަގޫދޫ ކުޅުނު ހުރިހާ މެޗަކުންވެސް އެއްވަރުވުމުން، މިއަދު ގުރުއަތުލައިގެން ފ.ދަރަބޫދޫ އެއްކޮޅުން ނިލަންދޫ އާއިއެކު ފައިނަލްގައި ބައްދަލުކުރާގޮތަށް ހަމަޖެހުމާއެކު، އެކަން ގަބޫލު ނުކުރާކަމަށް ފ.މަގޫދޫ ޓީމުން އެފްއޭއެމަށް މިއަދު އަންގައިފިއެވެ.

މިފަދައިން އަންގާފައިވަނީ ފ.މަގޫދޫ ޓީމުގެ މެނޭޖަރު، އަޙްމަދު ފަޒީލް ޙަސަން ސޮއިކުރައްވައި މަގޫދޫ ރަށު ކައުންސިލްގެ ލެޓަރހެޑުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަށް މިއަދު ފޮނުއްވާފައިވާ ސިޓީއެއްގައެވެ.

އެސިޓީގައި ބުނެފައިވާ ގޮތުގައި “މުބާރާތުގެ ޤަވައިދުގެ 10.3 ގައި ބަޔާންކޮށްފައިވަނީ ހުރިހައި ގޮތަކުންވެސް ދެޓީމެއް އެއްވަރުވެއްޖެނަމަ ޓީމެއް ހޮވާނީ ގުރުއަތުލައިގެން ކަމަށެވެ. ނަމަވެސް ފައިނަލަށްދާ ޓީމެއް މިހާރު ހޮވާފައިވަނީ “ޓޮސް” އަކުން ކަމަށްވާތީވެ، އެއީ ގުރުއަތުލުން ކަމުގައި އަޅުގަނޑުމެން ޤަބޫލެއް ނުކުރަމެވެ.” މިފަދައިންނެވެ.

އެސިޓީގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި ޓޮސް ލުމާއި ގުރުއަތުލުމާއި ދެމެދު ވަރަށް ބޮޑު ތަފާތެއްވާކަން ފާހަކޮށްފައިވެއެވެ. އެގޮތުން ޓޮސްލާ މީހާއަށް ބޭނުން ގޮތެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު ބޮޑުކަމަށް ބުނެފައިވެއެވެ. މިކަން މިގޮތަށް އޮތުމާއެކު، އެއީ ގުރުއަތުލުމެއް ނޫންކަމަށް މަގޫދޫޓީމުން ފާހަގަކުރެއެވެ.

މުބާރާތުގެ ގަވައިދާ އެއްގޮތަށް ކަންކުރާނަމަ، އަލުން ގުރުއަތުލުމަކަށް ދާނޭކަމަށް އުންމީދުކުރާ ކަމަށްވެސް އެސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި އެފްއޭއެމްއިން މުބާރާތުގެ ގަވައިދު ނަގަހައްޓާނެކަމަށް އުންމީދުކުރާ ކަމަށްވެސް ވެއެވެ.

މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*