ނިލަންދޫއާއި ދަރަނބޫދޫ އެއްވަރުވެ، ނިލަންދޫ ފައިނަލަށް

މިނިވަން ޗެންޕިއަންޝިޕް 2016 ގަ މިއަދު ހަވީރު ނިލަންދޫއާއި ދަރަނބޫދޫ ބައްދަލުކުރި މެޗް އެންމެ ފަހުވަގުތުގައި ލަނޑެއްޖަހައި ދަރަނބޫދޫއާއި އެއްވަރުކޮށް، ނިލަންދޫ ފ.އަތޮޅު މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗް އެއްވަރު ވެފައިވަނީ 1-1 އިންނެވެ.

މި މެޗްގައި ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ނިލަންދޫ ޓީމުންނެވެ. މެޗްގެ 13 ވަނަ މިނިޓްގައި ނިލަންދުގެ އާއްލައަށް ލަނޑެއްޖަހަން ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައެވެ. ބޯޅަ ބޭކާރުވީ ފަޔަށް ނޭރުމުންނެވެ. މެޗްގެ 26 ވަނަ މިނިޓްގައި ވެސް އާއްލައަށް ވަރަށް ހުސް ފުރުސަތެއް ލިބިގެންލުނެވެ.

މެޗްގެ 31 ވަނަ މިނިޓްގައި އަޖޫ ޖެހި ބާރު ޝޮޓްގެ ހުރަހަކަށްވެގެން ދިޔައީ ދަރަނބޫދޫގެ ކީޕަރެވެ. ފުރަތަމަ ހާފް ނިމުނީ ނިލަންދޫ އިން ދަރަނބޫދޫގެ ގޯލަށް ވަރުގަދަ ޙަމަލާތަކެއް ދިންނަމަވެސް އެއްވެސް ގޯލެއް ނުޖެހިއެވެ. މި ހާފުގައި ދަރަނބޫދޫގެ 2 ކުޅުންތެރިޔަކަށް ރީނދޫކާޑު ދައްކާފައިވެއެވެ.

ދެވަނަ ހާފްވެސް ފެށިތާ މިނިޓެއްގެ ތެރޭގައި އާއްލަވަނީ ނުރައްކާތެރި ޙަމަލާއެއް ދަރަނބޫދޫގެ ގޯލަށް ފޮނުވާލާފައެވެ. މި ޙަމަލާއާއިއެކު ނިލަންދޫ ސަޕޯޓަރުންގެ ފޯރިވެސް ގަދަވެގެން ދިޔައެވެ. ނަމަވެސް ސަޕޯޓަރުންގެ ހިތްވަރު އެލުވާލީ 11 ވަނަ މިނިޓްގައި ދަރަނބޫދޫ ޓީމުގެ މަޖީދު ނިލަންދޫގެ ގޯލަށް ވައްދާލި ލަނޑުންނެވެ.

ދަރަނބޫދޫގެ ގޯލާއިއެކު ނިލަންދޫގެ ހަމަލާތައް ވަރަށް ވަރުގަދަ ކުރިތަން ފެނިގެން ދިޔައެވެ. އެގޮތުން މެޗްގެ ދަރަނބޫދޫ ޓީމުގެ ފައުލްތައް ގިނަވެ، ފަހު ހާފުގެ 38 ވަނަ މިނިޓްގައި ދަރަނބޫދޫ ޓީމުގެ މުޙަންމަދު ޢުމަރަށް ވަނީ ރަތްކާޑު ދައްކާފައެވެ. ފުރިހަމަ ވަގުތު ހަމަވީއިރު ވެސް ނިލަންދޫ ޓީމުން އުފައްދާ ޙަމަލާތަކުން އެއްވެސް ފައިދާއެއް ނުކުރިއެވެ.

މެޗްގެ ދެވަނަ ހާފުގައި މެޗްގެ ދެވަނަ ރަތްކާޑު ދަރަނބޫދޫގެ ސާޖިދުއަށް ވެސް ދައްކާފައިވެއެވެ. މިހާފުގައި ވެސް ގިނަ ޢަދަދެއްގެ ރީނދޫކާޑު ފެނިފައިވެއެވެ.

ނިލަންދޫ ޓީމުން ނިލަންދޫގެ ސަޕޯޓަރުންގެ ހިތް އުފާކޮށްލީ އިތުރުވަގުތުގެ ފުރަތަމަ މިނިޓްގައި ވާނި ޖެހި ލަނޑާއެކުއެވެ. 1-1 އިން މިޗް ނިމުމާއެކު ނިލަންދޫއަށް ފައިނަލް ކަށަވަރުވީއެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދަރަނބޫދޫގެ ގޯލްކީޕަރު ހުޒައިލް އެވެ.

ނިލަންދޫ ފައިނަލަށް ދިޔައީ ޖެހިގޯލުން މުބާރާތުގައި ބައިވެރިވި އަނެއް ދެ ޓީމަށްވުރެ އިތުރުވުމުންނެވެ. ފައިނަލްގައި އަނެއް ކޮޅުން ބައްދަލުކުރާނީ ހުރިހާގޮތަކުން ވެސް އެއްވަރުވި، ދަރަނބޫދޫއާއި މަގޫދޫ ޓީމުގެ މެދުގައި ގުރުއަތުލައިގެންނެވެ. ގުރުއަތުލުން އޮންނާނީ މާދަމާގައި ކަމަށްވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*