ނަޝީދާއި އެމްޑީޕީގެ ވެރިންތަކެއް 7 ދުވަސް ތެރޭ ދައުލަތަށް ފައިސާ ދައްކަން އަންގައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ހަތަރު ބޭފުޅަކާއި އެހެން ދެ ބޭފުޅަކު ކުރިއަށް އޮތް ހަތް ދުވަސް ތެރޭގައި ދައުލަތަށް ފައިސާ ދައްކަން ސަރުކާރުން އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން ރޭ ނެރުނު އިއުލާނެއްގައިވާ ގޮތުން ވަކި މުއްދަތެއްގައި ފައިސާ ދައްކައި ނިންމަން އަންގާފައިވަނީ ނަޝީދުގެ އިތުރުން ޑރ. އަހުމަދު ޝަހީދާއި އަހުމަދު ނަސީމާއި މިހާރު މާލޭގެ މޭޔަރު މުހައްމަދު ޝިހާބާއި މުހައްމަދު އަސްލަމާއި ހުސައިން ރަޝީދު އަހުމަދާއި އަހުމަދު އަސްވާނެވެ.

މި ހަތް ބޭފުޅުން ދައުލަތަށް އަނބުރާ ފައިސާ ދައްކަންޖެހެނީ ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ހިލާފަށް، އެ ބޭފުޅުންނަށް ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓްތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގީ ރިޕޯޓުތަކުގައި ފާހަގަކޮށް، އެ ފައިސާ ހޯދުމަށް ލަފާއަރުވާފައިވާތީ ކަމަށެވެ.

ފިނޭންސުން ބުނީ ހަތް ދުވަސް ތެރޭގައި ފައިސާ ނުދައްކައިފި ނަމަ އެ ހަތް ބޭފުޅުންނާ ދެކޮޅަށް ދައުވާކުރަން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ އެވެ. އެކަމަކު އެ ބޭފުޅުން ދައްކަވަންޖެހޭ ފައިސާގެ އަދަދު އިއުލާންގައި ބުނެފައެއް ނުވެ އެވެ.

މި ހަތް ބޭފުޅުންގެ އިތުރުން ވެސް ދައުލަތުން ފައިސާ ދޫކުރި އެހެން މީހުންގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިއުލާނުގައި ވެ އެވެ.

ދައުލަތުން އެކި ފަރާތްތަކަށް ދޫކުރި ލޯނުތައް އަނބުރާ ހޯދުން އަވަސް ކުރަން ދާދިފަހުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ފިނޭންސް މިނިސްޓްރީއަށް އަންގައިފަ އެވެ.

ނަމަވެސް ނަޝީދާއި އެމްޑީޕީގެ ސަރުކާރުގެ އެހެން އިސްވެރިންތަކަކަށް ދައުލަތުން ދޫކުރި ފައިސާ ހަތް ދުވަސް ތެރޭގައި ދައްކަން އެންގިކަން ފިނޭންސުން މި އިއުލާންކުރީ، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދިވެހި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް އިތުބާރު ހުރި ފަރާތްތަކާ ހަވާލާދީ ބީބީސީން މިއަދު ބުނުމުން، މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*