އަހަންނަށް މާފްކުރޭ…!

25 އޮގަސްޓް 2016

ފުރަތަމަ ބައި

ރެއަކީ ކަޅުފޮއި އަނދިރި ރެއެކެވެ. އުޑުމަތިން ތަރިއެއް ހަނދެއްގެ އެއްވެސް އަލިކަމެއް މިދުނިޔެއަށް ފެންނަން ނެތް ރޭތަކުގެ ތެރެއިން ރެއެކެވެ. ކޮންމެވެސް ވަރަކަށް ވިދާ ގުގުރާ ރެއެއްވެސްމެއެވެ.  އާސިމާ އުޅުނީ ބަދިގޭގައެވެ. ދިރިއުޅުމުގައި އޭނާއަކީ ނަސީބުވެރިއެކޭ ބުނެވޭ ފަހަރުވެސް އާދެއެވެ. އެހެންނަމަވެސް އެކަނިވެރިއެކެވެ. އެތަކެއް ލޯތްބަކުން މަޙުރޫމުވެފައިވާ އަންބެކެވެ. ކައިވެންޏަށް ފަސް އަހަރުވެގެން ދިޔައިރުވެސް އުނގުގައި ބާއްވާލާނެ ދަރިއަކު ނުލިބެއެވެ. ލޯބިން މަންމާއޭ ކިޔާފައި ގޮވާލާނެ ދަރިއަކު އޭނާގެ ނެތެވެ. މީހުންގެ ދަރިން ފެނި ހަސަދަވެރިވެއެވެ. އެހެންނަމަވެސް މިދުނިޔޭގައި ކެއްކުރުން ނޫންގޮތެއް ނެތްކަން އާސިމައަށް އެނގެއެވެ.

“މިނިކަމެތި އަޅާގެ ހަޔާތް އެކަނިވެރިކަންމަތީ ނުލައްވައި، މިއަޅާއަށް މަންމަ ކިޔާނެ ދަރިއަކު ދެއްވާންދޭއެވެ!”

އެހެން ރޭތަކެކޭވެސް އެއްފަދައިން މިރޭވެސް ލައިގެން ހުރި ދިގުހެދުމުގެ ބޯވަޅުން ލޮލުން އޮހެމުންދިޔަ ކަރުނަތައް ފުހެލުމަށްފަހު ގެއަށްދާން އެތެދުވީ ދަރިއަކުދެއްވުމަށްއެދި ހިތާހިތުން، ގުނާއަދަދު ނުކުރެވޭވަރަށް، މާތްކަލާނގެ ހަޒުރަތަށް ދުޢާކުރަމުންނެވެ.

އުދުންމަތީ އިން ތެލީގައި މައްޗެއް ޖަހައިލުމަށްފަހު ގެއަށް ދިއުމަށް އާސިމާ ހިނގައިގަތެވެ. ބަދިގޭ އޮޅިގަނޑުމައްޗަށް ނޭރޭނެއެވެ. ކުށްލިއަކަށް ވާރޭ އޮއްސާލައިފިއެވެ. ހެދުން ކޮށިކޮށްލުމަށްފަހު ގެއާދިމާއަށް އާސިމާ ދުއްވައިގަތެވެ. ވެހެމުންދިޔާ ވާރޭގެ އަޑާއެކު އާސިމާގެ ކަންފަތުގައި އެޖެހުނީ މީގެ އެތައްއަހަރެއްކުރިން އެ ކަންފަތުއި ޖެހުމަށް އޭނާ އުންމީދުކުރި އަޑެކެވެ. ހީވީ ނިދީގައި ފެނުނު، ‘ކުލަ’ ހުވަފެނެއްހެންނެވެ.

އާސިމާ އޭނާ ހުރިތަނަށް ހުއްޓުނެވެ. ގަސްދުގައެއް ނޫނެވެ. ބޭއިޚްތިޔާރުގައެވެ. އޭނާއަށް ވަށައިގެން ގޯތިތެރެއަށް ބަލައިލެވުނެވެ. ކަނުކަމާ އަނދިރިކަމާއެކު އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. އޭނާއަށް އިވެމުންދިޔަ އަޑު ބާރުވަމުންދިޔަ ކަހަލައެވެ. އެއަޑު އަންނަ ވަކި ދިމާއެއް އާސިމާއަކަށް ނޭގުނެވެ. އެހެންނަމަވެސް އޭނާގެ ހިތްބުނަމުންދިޔަ މިސްރާބަށް އޭނާ ހިނގައިގަތެވެ. މޭމަތީގައި އަތްޖަހަލައިގެންހުރެ އޭނާގޮސް ހުއްޓުނީ ނިރުފީނި ކައިރީގައެވެ.

“ސުބުޙާނަﷲ…!!” އާސިމާ ދިޔައީ ސިއްސައިގެންނެވެ.

ބުނާނެ އެއްވެސް އެއްޗެއް އޭނައަކަށް ނޭނގުނެވެ. ޔަގީނުންވެސް އެ މުޅޯށީގައި އޮތް ތުއްތު ތުއްތު ކުއްޖާގެ އުމުރުން އަދި އަހަރެއްވެސް ނުވާނެއޭ އޭނާގެ ހިތްބުނަމުންދިޔައެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި އޭނާގެ ލޮލުން ކަރުނަތައް އޮހޮރިގަތެވެ. ނިރުވަޅުގަނޑުތެރޭގައި އިން މުޅޯށީގައި އެއޮތީ ކާއްގެ ކުއްޖޭތޯ ބެލުމަކަށް އެންމެ ފަހަރަކުވެސް އޭނާގެ ހިތަކަށް ނާރައެވެ.

އާސިމާ އޭނާގެ ދެއަތް ތުރުތުރު ލަމުންދިޔަ ހާލު ތެމިފޯވެގެންހުރެ އެމުޅޯށީގައިއޮތް ލޯބިލޯބި ފިރިހެން ދަރިފުޅު ނެގިއެވެ. އޭރުވެސް އާސިމާގެ ލޮލުން ކަރުނަތައް އޮހޮރެމުންދިޔައެވެ.

“ދަރިފުޅާ..!!” އާސިމާ އެކުޑަކުދަ ފުރާނަ އޭނަގެ ގަޔާ ލައްކޮށްލިއެވެ.

ދުވަހަކުވެސް ދޫކޮށް ނުލާނެ ކަމަށްބުނެ އެދަރިފުޅާ ބާރަށް ބައްދައިލިއެވެ. ތިޔައީ މަންމަގެ ދަރިއެކޭ ބުނެ އެމަޑުފޮށްކޮޅު މޮޑެލިކަހަލައެވެ. ކޮލުގެ ދެފަރާތަށް ބޮސްދެމުން މީ ދަރިފުޅުގެ މަންމައޭ ބުނަމުންދިޔައެވެ. ދަރިފުޅުގެ މޫނަށް އާސިމާ ބަލާލިއެވެ. ވެހެމުންދިޔަ ވާރޭގެ ފިނިކަން އެދަރިފުޅަށް ގޯނާކުރަމުންދިޔަކަހަލައެވެ. ހުދުމުސަޅެއް ހީކަރުވައިގެން ގުލަވެލާފައި އޮތްހެން އާސިމާގެ އުނގުގެތެރޭގައި އެދަރިފުޅު އޮތެވެ.

އޭރުވެސް ބޯކޮށް ވާރޭވެހެއެވެ. އާސިމާ އެދަރިފުޅު ގަޔާ ލުއްޕައިގެންހުރެ ގެއާދިމާއަށް ދުއްވައިގަތެވެ. އޭރު ގޭ ފެންޑާގައި ބަހައްޓާފައިހުރި ފަތްޖެހިއެނދެއްގައި އޮށޯވެލައިގެން އާސިމާގެ އިންތިޒާރުގައި ޒާހިދު އޮތެވެ.

“ޒާހިދު… ޒާހިދު… ނިކަން އައިސްބަލަ!!”

އުފަލުން ރޮމުންކަހަލަ ގޮތަކަށް އާސިމާ ގޭތެރެއަށް ވަދެގެން ދިޔައެވެ. މާތްﷲ އަހަރެމެން ދެމަފިރިންނަށް ދެއްވި ނިޢުމަތެކޭ ބުނެ އޭނާގެ އުނގުގައިއޮތް ކުޑަކުޑަ ދަރިފުޅު ޒާހިދުއަށް ދައްކައިލިއެވެ. އެވަގުތު ޒާހިދުއަށް ހީވީ މި ދުނިޔޭގައިވާ ހުރިހައި އުފަލެއް ހިތަކަށް ލިބުނުހެންނެވެ.

ލޯބިން އެދަރިފުޅު އުރައިލީ މިބައްޕަ ދުނިޔޭގައި ހުރިހާހިނދަކު ދަރިފުޅުގެ ޚިދުމަތުގައި ހުންނާނަމޭ ބުނަމުންކަހަލަ ގޮތަކަށެވެ. ބައްޕައެއްގެ ލޯބިން ދަރިފުޅުގެ ހިތް ފުރާލަދެނަމޭ ބުނަމުން ކަހަލަ ގޮތަކަށެވެ. ޒާހިދު ކައިރީގައިހުރި އެނދުގައި އިށީނެވެ. އަދި އާސިމާގެ މޫނަށް ބަލައިލިއެވެ.

“އަހަރެން މިދަރިފުޅަށް ކިޔާނީ ޔޫސުފް..!”

އެވަގުތު އާސިމާގެ މޫނުމަތިން ވެރިވި ހިނިތުންވުން އެނަމާ އޭނާ ރުހޭކަން އަންގައިދިނެވެ.

ހަނދާނަށް އައީ މީގެ ފަސްއަހަރު ކުރިއެވެ. އާސިމާއާއި ޒާހިދުގެ ކައިވެނީގެ ފުރަތަމަ ރެއެވެ. ހިތްދަތިކަމުން ފުރިގެންވި ރެއެކެކެވެ. އުމުރުން އެންމެ ސަތާރަ އަހަރުގައި މައިންބަފައިންގެ ރުހުންނުލިބި ޒާހިދުއާ ކައިވެނިކުރި ރެއެވެ. ލޯތްބަކީ އެއްވެސް މީހަކަށް ބާރުފޯރުވޭނެއެއްޗެއް ނޫނޭ ބުނާފަދައިން އާސިމާވެސް ޒާހިދުއާ ކައިވެނިކުރީ އޭނާދެކެ އިންތިހާއަށް ލޯބިވާތީއެވެ. މުޅިއުމުރަށްވެސް ޒާހިދުއާއެކީ އުޅުމަށެވެ.

ޒާހިދުގެ އުނގު ތެރޭގައި އޮށޯވެލައިގެން އާސިމާއޮތްއިރު ދަރިއަކު ހޯދާނީ ކައިވެނީގެ ކިހައިހިސާބުންކަމާއި އޭނާއަށް ލިބޭ ދަރިއަކަށް ކިޔާނެ ނަމަކާމެދު އެދެލޯބިވެރިން ވާހަކަދައްކަމުން ދިޔައެވެ.

“ޔޫސުފް…”

ޒާހިދުގެ އަތުގައި ހިފާލަމުން އާސިމާ ވާހަކަދެއްކިއެވެ.

“އަހަރެން ބޭނުމީ އަހަންނަށް ލިބޭ ދަރިއަކަަށް ޔޫސުފް ކިޔަން.. ރީތި ދޯ..”

އާސިމާގެ އެނިންމުމަށް ޒާހިދު މަރުހަބާކީ، އާސިމާގެ އަތުގައި ބޮސްދެމުންނެވެ. ޒާހިދުއަށްވެސް އެނަން ކަމުދިޔައެވެ.

އެރޭގެ އެ އުފާވެރި، ހިތްގައިމު ވަގުތުން ފެށިގެން ދަރިއަކު ލިބޭތޯ ކުރިމަސައްކަތުގެ ނަތީޖާއަކީ ފަސްއަހަރުވަންދެން ހިތާމަ ކުރަންޖެހުން ކަމުގައި  މިއަދަކު އާސިމާއެއް ނުދެކެއެވެ. ކުރިހާ ޝަކުވާތަކާއި ރުއިހާ ރުއިންތައް މިއަދަކު ހަނދާނެއް ނެތެވެ. މިއަދު އާސިމާގެ ހުރިހައި އުންމީދެއް ބިނާވެފައިއޮތީ އެކުޑަކުޑަ ޔޫސުފްއާއެވެ. މަޔަކަށް ދަރިއަކުދެކެ ނުވެވޭނެއޭ ބުނާވަރަށް ލޯބިވާން އާސިމާ ބޭނުމެވެ. މިދުނިޔޭގައިވާ ހުރިހައި އުފަލެއް އެދަރިފުޅަށް ހޯދައިދޭން އާސިމާ ބޭނުންވެއެވެ.

*     *     *     *

ހަޔާތަކީ ހާދަ އެހެންކަހަލައެއްޗެކޭ ހިތަށްއަރައެވެ. އުމުރުން ފަންސަވީސް އަހަރު ވެގެންދިޔައިރުވެސް ޔޫސުފްގެ އުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ކައި ހަދަނީ މަންމަ ލަވައި ދިނީމައެވެ. އަތުން ކާން ބޭނުން ނުވާތީއެއް ނޫނެވެ. އަތުން ކެއަނުދޭތީއެވެ.

“މަންމާ… މަންމަ އަހަންނަށް ކާންދެނިކޮށް މީހަކަށް ފެނިއްޖެއްޔާ…”

“ހަސަދަވެރިވާނެ…!” ޔޫސުފްގެ ވާހަކަ ނުނިމެނިސް އާސިމާ އޭނާގެ ދަރިފުޅުގެ މޫނަށް ބަލައިލަމުން ވާހަކަދެއްކިއެވެ.

“މަންމަ ދަރިފުޅާ މެދު ކަންތައް ކުރާގޮތް ފެނިފައި، މީހުން ހަސަދަވެރިވުން ނޫން އެހެންކަމެއް ނުވާނެ…”

ތެދެކެވެ. އާސިމާ އޭނާގެ ދަރިފުޅުދެކެ ވާލޯބީގެ ވާހަކައަކީ އެރަށު އެންމެން ދަންނަ ވާހަކައެކެވެ. އުމުރުން އެންމެ ތުއްތު ދުވަހުން ފެށިގެން ސްކޫލު ނިމި މީހަކާ އިންނަ އުމުރަށް އެޅިއިރުވެސް އާސިމާ އޭނާގެ ދަރިފުޅު ދެކެ ވާ ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

މިއަދަކީ ޔޫސުފްއަށް ވަރަށް ޚާއްޞަ ދުވަހެކެވެ. އޮފީސް ނިންމާލާފައި ގެއަށް އައީ އެހެން ދުވަސްތަކަށްވުރެ އަވަހަށެވެ. މޫނުމަތިން ފެންނަމުންދަނީ އުފާވެރިކަމާ ހިތްހަމަ ޖެހުމުގެ ނިޝާންތަކެވެ. ކާކޮޓަރީގައި އާސިމާ އުޅެނިކޮށް ޔޫސުފް އައިސް އޭނާގެ މަންމަގެ ގައިގައި ބައްދާލިއެވެ.

“މަންމާ… އަހަންނަށް ކުއްޖަކު ދެކެ ލޯބިވެވިއްޖެ..!”

އަޑާރާގުގައި ވަނީ ހިތްހަމަޖެހުމާ އުފާވެރިކަމުގެ މިއުޒިކެވެ. ޔޫސުފް އަބަދުވެސް އޭނާގެ ހަޔާތުގައި ދިމާވާ ހުރިހައިކަމެއް އޭނާގެ މަންމައާ ހިއްސާކުރެއެވެ. އެހެން ނަމަވެސް ކުއްޖަކާ ރައްޓަހިވެގެން އުޅޭ ވާހަކަ އެބުނީ ފުރަތަމަ ފަހަރުއެވެ. އާސިމާ ހިނިތުންވެލާފައި އޭނާގެ ދަރިފުޅުގެ މޫނަށް ބަލާލިއެވެ. އަދި ދަރިފުޅުގެ ނިންމުންތަކަށް އަބަދުވެސް މަރުހަބާ ކިޔާކަމަށް ބުންޏެވެ.

“އެއީ ކޮންކުއްޖެއްތަ؟ މަންމައަކަށް ދައްކައެއް ނުލާނަންތަ؟…”

ޔޫސުފްގެ މޫނުގައި ފިރުމާލަމުން އާސިމާ އޭނާގެ ދަރިފުޅާ ވާހަކަދެއްކިއެވެ. ކޮންމެ ކަމަކަށްވެސް ރަނގަޅު ވަގުތެއް އޮންނާނެކަމާއި  ވަގުތުއައިސް ޖެހުމުން މަންމައާއި ބައްޕައަށް އެއަންހެން ކުއްޖަކީ ކާކުކަން ބުނާނެކަމަށް ބުނެ މަންމައާއި ސަމާސާކޮށްލިއެވެ.

“މަންމައާ ބައްދަލުކޮށްލަން ގެންނާނަން…”

ގޯތިތެރޭގައި ދަމާހުރި ރޯނެއްގައި އޮތް ޓީޝާޓެއް ނަގަމުން ޔޫސުފް މަންމައަށް ގޮވާލިއެވެ.

(ނުނިމޭ)

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*