ނިލަންދޫ އާއި މަގޫދޫ ބައްދަލުކުރި މެޗް އެއްވަރުވެއްޖެ

މިއަދު ހަވީރު ކުޅުނު ނިލަންދޫ - މަގޫދޫ މެޗްގެ ތެރެއިން

މިނިވަން ޗެންޕިއަންޝިޕް 2016 ގެ ފ.އަތޮޅު މުބާރާތުގެ ފުރަތަމަ މެޗްގައި މިއަދު ނިލަންދޫއާއި މަގޫދޫ ބައްދަލުކުރި މެޗް 1-1 އެއްވަރު ވެއްޖެއެވެ. މި މުބާރާތުގެ ފ.އަތޮޅުގެ މެޗްތައް ކުޅެމުންދަނީ ފ.ނިލަންދޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.

ގޯލްޖަހަން ނިލަންދޫ ޓީމަށް މި މެޗްގައި ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން މެޗްގެ 26 ވަނަ މިނިޓްގައި ނިލަންދޫ ޓީމުގެ ވާނީއަށް ވަރަށް ހުސް ފުރުސަތެއް މަގޫދޫ ޕެނަލްޓީ އޭރިޔާތެރެއިން ލިބި ވަނީ ބޭކާރުވެފައެވެ. އޭގެ އިތުރުން މެޗްގެ 32 ވަނަ މިނިޓްގައި ވެސް މުޅިން ހުސްކޮށް، ކީޕަރުވެސް ކަޓާފައި އޮތް ބޯޅައެއް ނިލަންދޫ ޓީމުގެ އުބައިދުއަށް ލިބި ބޭކާރުވެފައިވެއެވެ. ލަފާކުރެވޭގޮތުގައި މިހެން ދިމާވީ ގޯލުގެ ކުރިމަތީ އުފެދިފައި އޮތް ފެންގަނޑުގައި ޖެހި ބޯޅައިގެ މިސްރާބު ބަދަލުވުމުގެ ސަބަބުންނެވެ. ފުރަތަމަ ހާފް ނިމުނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފް ފެށިތާ ކުޅައިރުކޮޅެއް ތެރޭގައި މަގޫދޫ ޓީމަށްވެސް ސްކޯކުރަން ވަރަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެޓީމުގެ ކުޅުންތެރިޔަކު ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ގޯލުގެ ދަނޑިއެވެ. ނަމަވެސް، ފަހުހާފުގައި ނިލަންދޫ ޓީމުންވަނީ އެޓޭކް ވަރުގަދަކޮށްފައެވެ. އެގޮތުން ވާނީ ވަރަށް ވަރުގަދަ ޝޮޓެއް މެޗްގެ 76ވަނަ މިނިޓްގައި ހެދިއެވެ. ނިލަންދޫ ޓީމުން މޮޅަށް ކުޅެމުން ދިޔަ މި މެޗްގެ ފުރަތަމަ ލަނޑު އާދިލް ޢަލީ ކާމިޔާބުކޮށްދީފައިވަނީ މެޗްގެ 78 ވަނަ މިނިޓްގައެވެ.

އާދިލްގެ ލަނޑާއެކު، މަގޫދޫ ޓީމުން ކުޅުން ވަރުގަދަ ކުރުމުގެ ނަތީޖާއަކީ މެޗް ނިމެން އެންމެ 3 މިނިޓަށް ވެފައިވަނިކޮށް މަގޫދޫ ޓީމުގެ އަރީން ލަނޑެއްޖަހާ ހަމަހަމަ ކުރުމެވެ. މި މެޗްގައި އުފެދުނު ކޮންމެސްވަރެއްގެ ހަމަނުޖެހުމެއްގައި މަގޫދޫ ޓީމުގެ ޖާޒީ ނަންބަރު 14 އަށް ރަތްކާޑުވެސް ދައްކާފައިވެއެވެ.

މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މަގޫދޫ ޓީމުގެ އަރީންއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*