ރުއްގަހުގެ ބަދަލުދޭނެ ގޮތް ހޯދަން އެދުނުތާ 3 ހަފްތާ، ޓޫރިޒަމް ޖަވާބުގެ އިންތިޒާރުގައި

ބަދަލުގެ ކަންތައް ހަމަޖައްސާނެ އުސޫލެއް އަންގާދިނުމަށް އެދުނުތާ 3 ހަފްތާވެފައިވާ ކަމަށްވޭ

ޓޫރިޒަމް ސަރަޙައްދަށް އަމާޒްކޮށް އެމްޕީ ޢަބުދުﷲ ޚަލީލް ހައްދަވާފައިވާ ޕްލޭން (ފޮޓޯ: ފޭސްބުކް)

ނިލަންދޫ ބިނާވެށި ޕްލޭންގައި ޓޫރިޒަމްގެ މަސައްކަތަށް ކަނޑައަޅާފައިވާ ބިމުގައި ހުރި ރުއްގަހުގެ ބަދަލު ހަމަޖައްސާނެ ގޮތެއް އަންގާދިނުމަށް ނިލަންދޫ ކައުންސިލްގައި އެދުނުތާ 3 ހަފްތާ ވީއިރުވެސް ނިލަންދޫ ކައުންސިލުން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ޖަވާބު ދީފައިނުވާކަމަށް އެ މިނިސްޓްރީގެ ކަމާބެހޭ މުވައްޒަފެއް މިއަދު ހާމަކުރައްވައިފިއެވެ.

ބަދަލު ހަމަޖައްސާނެ ގޮތެއް ކައުންސިލުން ނިންމުމަށްފަހު އެ މިނިސްޓްރީގައި ދެންނެވުމަށް އެދިފައިވަނީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހުގައި ކަމަށް “ނިލަންދެ”އަށް ވަނީ އެނގިފައެވެ.

މިކަމާ ގުޅޭ ގޮތުން ނިލަންދޫ ކައުންސިލްގެ މުވައްޒަފަކާ “ނިލަންދެ” އިން ސުވާލުކުރުމުން، މި ދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބަދަލުގެ ކަންކަމާގުޅޭ ގޮތުން ކައުންސިލުން ގޮތެއް ނިންމާފައިވިޔަސް، އެ ނިންމުން ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވުމަށް، ކައުންސިލްގެ ކަމާބެހޭ މުވައްޒަފުންނާ ހަމައަށް ނުދާކަމަށްވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި ރުއްގަހުގެ ބަދަލު ހަމަޖެއްސުމުގެ މައްސަލާގައި ކައުންސިލުން ނިންމާފައިވަނީ، ބިން ނަގާފަރާތަކުން ބަދަލުގެ ކަންކަންވެސް ހަމަޖައްސާގޮތަށެވެ.

މިފަދަ ކަންކަން މިހެން ހުރުމުން ނިލަންދޫ ކައުންސިލް ފާހަގަކުރެވެނީ، ކަންކަން ތަންފީޒުކުރުމުގައި ލަސް ނުވަތަ ފަރުވާކުޑަ އިދާރާއެއްގެ ގޮތުގައި ކަމަށް ނިލަންދޫގެ ގިނަ ރައްޔިތުންދަނީ ފާހަގަކުރަމުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*