ޕިކަޕްގަންނަން ލިބުނު ފައިސާ “ގެއްލި”، ޕިކަޕްވެސް “ގެއްލިފައި”

ނިލަންދޫ ކުނިނައްތާލުމުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް 2015 ވަނަ އަހަރު ކުރީކޮޅު ސަރުކާރުން ޕިކަޕެއް ގަތުމަށް 3 ލައްކަރުފިޔާ ދީފައިވެއެވެ، ޕިކަޕް ގަތުމަށް ސަރުކާރުގެ ގެޒެޓްގައި ޖަހާފައިވަނީ 13 ޖުލައި 2015 ގައެވެ. ނަމަވެސް އަދިވެސް ޕިކަޕްގެ ހިލަމެއްވެސް ވަނީ ނުވެފައެވެ.

ނިލަންދޫ ކައުންސިލުން ވާހަކަ ދެއްކެވި އޮފިޝަލެއްގެ ފަރާތުން “ނިލަންދެ” އަށް އެނގިފައިވާ ގޮތުގައި ޕިކަޕްގަތުމަށް ކުރި އިއުލާނަށް އިޖާބަދިން ފަރާތްތަކުގެ ތެރެއިން ފަރާތެއް ހޮވައި އެފަރާތަށް ޕިކަޕް ގެނައުމަށްވަނީ ޙަވާލުކޮށްފައެވެ. އަދި ޕިކަޕްގަންނަށް ޙަވާލުކުރި އިރު ޕިކަޕްގެ އަގަށްޖެހޭ %90 ފައިސާވެސް ވަނީ އެފަރާތަށް ދޫކޮށްފައެވެ. މިކަން ހިނގާފައިވަނީ 2015 ވަނަ އަހަރުގައެވެ. މުދާ ލިބުމުގެ ކުރިން މިގޮތަށް ފައިސާ ޙަވާލުކުރުމަކީ މާލިއްޔަތުގެ ޤާނޫނާއި ޚިލާފް ކަމެކެވެ.

މަޢުލޫމާތު ލިބޭގޮތުން ކައުންސިލާއި އެފަރާތާއި ދެމެދު ހަދަންޖެހޭ އެގްރިމެންޓްގައި ފުރިހަމަކުރަންޖެހޭ ސޮއިތައް ވަނީ ފުރިހަމަވެސް ނުވެއެވެ. އަދި ޕިކަޕް ގަތުމަށް ޙަވާލުކުރި ކުންފުނީގެ ވެރިޔާ ނާޒިމް ވަނީ “ފިލާފަ” އެވެ. އޭނާއާއި އެއްގޮތަކަށްވެސް ނުގުޅެއެވެ. ނާޒިމްއަކީ މާލޭގެ ރަށްވެއްސަކަސް، ދިރިއުޅެނީ ކުޅުދުއްފުށީގައެވެ.

މިފަދައިން، ކަންކަން ހިނގުމުން ކައުންސިލްގެ ފަރާތުން ޝަރީޢަތަށް ހުށަހެޅުމަށްޓަކައި މިހާރުވަނި އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައެވެ.

ނިލަންދޫ ކައުންސިލްގެ ހިންގުން ދޯދިޔާވުމުގެ ސަބަބުންނާއި ހިންގުމުގައި ހުރި ދޫމަޅިތަކުގެ ސަބަބުން “ގެއްލިފައިވާ” މިފައިސާ ލިބޭނެ ކަމާމެދު މިހާރުވަނީ ޝައްކު އުފެދިފައެވެ. ނަމަވެސް އެފައިސާ ހޯދުމަށްވެސް އަދި ޕިކަޕް ހޯދުމަށްވެސް ކައުންސިލުން އެކަށީގެންވާ މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. އެނގޭހާވެސް އެއްޗަކީ 3 ލައްކައެއްހާ ރުފިޔާ ގެއްލިގެން ދިޔައިރު، އެކަމުގައި ޒިންމާވާނެ ފަރާތްތަކެއް ނިލަންދޫ ކައުންސިލްގައި ތިބެންވާނެކަމެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*