ރަށުގައި ދެވޭ ކޭބަލް ޓީވީގެ ޚިދުމަތް – އާންމުންގެ ބޮޑު ހިއްސާއަކާއެކު ފޯރުކޮށްދެވޭ ޚިދުމަތެއް

ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރަންޖެހޭ.

މީގެ އަހަރުތަކެއް ކުރިން ފެށިގެން މަދު ޗެނަލް ތަކަކާއެކު ފެށީ ނިލަންދޫގެ ކޭބަލް ޚިދުމަތަކީ އޭރުވެސް ނިލަންދޫގެ ވަރަށް ގިނަ ރައްޔިތުންތަކެއް އެކަމަށް އެދިއެދި ތިބި ޚިދުމަތެކެވެ. NJA ކުންފުނިން ފަށާފައިވާ މި ޚިދުމަތަށް އެކިކަހަލަ ކުރިއެރުންތައް އަައިސްފައިވެއެވެ. އެގޮތުން 18ވަރަކަށް ޗެނަލްއާއެކު ފެށި ކޭބަލްގެ ޚިދުމަތް މިއަދު ގާތްގަނޑަށް 28 ޗެނަލްއަށް ވަނީ އިތުރުކޮށްފައެވެ. އަދި ބޭނުންެތެރި މުހިއްމު ބައެއް ޗެލަންތައްވެސް އިތުރުކޮށްފައި ވެއެވެ. އަދި މީގެ އިތުރުން ކޭބަލް ޚިދުމަތްދެމުންގެންދިޔަ ގޮތް ބަދަލުކޮށް، ޑީކޯޑަރ މެދުވެރިކޮށް ޚިދުމަތްދޭން ފެށުން ވެގެންދިޔުމަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ވަކީން ޚާއްޞަކޮށް އެޚިދުމަތުގައި މިހާރު ބޭނުންކުރަމުންދާ އެޗް.ޑީ ޑިކޯޑަރުތަކަކީ ފެންވަރުގެ ގޮތުން ކުރިން ގެންގުޅު ޑިކޯޑަރަށްވުރެ ބޮޑުތަން ރަނގަޅު ޑީކޯޑަރެކެވެ.

ދޫކުރާ ޗެނަލްތަކާމެދު ހިތްހަމަ ޖެހޭތަ؟

ނިލަންދޫގައި ދެވެމުންދާ ކޭބަލްޚިދުމަތާމެދު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުކުރެވޭ އެއް ހިސާބަކީ ދޫކޮށްފައިވާ ޗެނަލްތަކެވެ. އެކިދުވަހު އެކި ޗެނަލް ހުންނަ ޝަކުވާއަކީ ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ. “ވަރަށް ބަލާހިތުން ފިލްމު ބަލަން އިންދަ ޓަސްލާފަ ކުރިކެޓް މެޗެއް ދައްކާ ކޮންމެވެސް ޗެނަލްއަކަށް ބަދަލުވެދާނެ” އަޅުގަނޑު ވާޙަކަ ދައްކާލި ނިލަންދޫގެ ޒުވާނަކު ކިޔައިދިނެވެ. “ބައެއްފަހަރު ޗެނަލް 07ން ސްޓާރޕްލަސް ލިބޭނެ. ބައެއްފަހަރު އެހެން އެއްޗެއް ޗެނަލް 07އިން ދޫކޮށްފާނެ.” ތެދެކެވެ. އެއީ އަޅުގަނޑަށްވެސް ތަޖުރިބާ ކުރެވިފައިވާ ކަމެކެވެ. މީގެ އިތުރުން އެކި ޗެނަލްގެ އަޑު އެކި ލެވެލްގައި ހުރުމަކީވެސް ވަރަށް އުނދަގޫވާކަމެކެވެ. “ގިނަ ދުވަސްތަކެއްވަންދެން ބައެއް ޗެނަލްތަކުގެ އަޑު ވަރަށް ނުސާފުކޮށް، ފިސް އަޑަކާއެކު ހުރެ އެކަމުގެ ޝަކުވާވެސް ކުރިން. ދެފަހަރަކު މިގެއަށް އަންނާންވެސް އައި. ބުނިން ދި-ޓީވީ އާއި ވީ-ޓިވީ ގެ އަޑު ނުސާފު ވާޙަކަ. ރަނގަޅެއް ނުވި” އެހެން މީހަކު ކިޔައިދިނެވެ. މީގެ އިތުރުން އެއަރޓެލް މެދުވެރިކޮށް ދޫކޮށްފައި ހުންނަ ޗެނަލްތަކުގެ ފީ ދައްކާފައި ނުހުރުމުގެ ސަބަބުން ޗެނަލްތައް ކެނޑިފައިހުންނަނީވެސް މަަދެއްކޮށެއް ނޫނެވެ.

NJA 2
ކޭބަލް ޓިވީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޑިޝްތަކެއް: މޫސުން ގޯސްވުމުން ޗެނަލްތައް ސްޓަކްވެ ނުބެލޭކަމުގެ ޝަކުވާ ރައްޔިތުން ކުރޭ.

ނަގާ ފިއަކީ ރަނގަޅު ފިއެއްބާ!

ކޭބަލް ޓީވީގެ ޚިދުމަތަށް ރަށުން ނަގާ އަގަކީ ބޮޑު އަގެއް ނޫނެވެ. 28 ޗެނަލް ފޯރުކޮށްދޭ ކޭބަލް ޚިދުމަތަކަށް 150ރުފިޔާއަކީ ބޮޑު އަދަދެއް ނޫނެވެ. 28 ޗެނަލް ދޫކުރާއިރު ރީބްރޮޑްކާސްޓުކުރުމަށްޓަކައި ފީއެއް ދައްކަން ޖެހެނީ ކިތަށް ޗެނަލްއަށްތޯ ބަލާލުން ރަނގަޅެވެ. ގިނަ ޗެނަލްތަކަކީ ސެޓަލައިޓް މެދުވެރިކޮށް ހިލޭ ލިބެން ހުންނަ ޗެނަލްތަކެކެވެ. ގަވާއިދުން ފީދައްކައިގެން ކޭބަލް ޓީވީގެ ޚިދުމަތް ލިބިގަންނަ ރައްޔިތުމީހާއަށް އެޚިދުމަތް ބަރާބަރަށްލިބޭތޯ ސުވާލުކޮށްލުން ރަނގަޅެވެ. ކިރިޔާ ވައިރޯޅިއެއް ޖެހިލިޔަސް ނުވަތަ ވިއްސާރަވެލިޔަސް ސްޓަކްވެގެން އެއްވެސް އެއްޗެއް ނުފެންނަ ދެތިން ޗެލަން އަބަދުވެސް ހުރެއެވެ. ވިއްސާރަ ދުވަސްވަރަކަސް ހުޅަނގު މޫސުމުގެ ގަދަ ވައިތެރޭގައިވެސް ރައްޔިތުން ބަރާބަރަށް ކޭބަލް ފީ ދައްކާއިރު އެ ޚިދުމަތްވެސް  މެދު ނުކެނޑި ދެވެންޖެހޭނެކަމަށް ގަބޫލުކުރެވެއެވެ. އެހެން ނޫންކަމަށްވާނަމަ މިހާރު ނެގޭ ފީއިން ކޮންމެވެސް އިންސައްތައެއް އުނިކުރަންވީނޫންތޯއެވެ؟ ނުވަތަ ރައްޔިތުން ހެއްވާލާނެ ކޮންމެވެސް ބޯނަސް ކަމެއް ތަޢާރަފްކުރުން ކިހިނެއްތޯއެވެ؟

ބޭނުންކުރާ ޑިކޯޑަރާއި ރިމޯޓު – ސާވިސްކުރެވޭކަށް ނެތް!

ވިޔަފާރި އުސޫލުން ދެވޭ މި ޚިދުމަތުގައި މިހާރު ބޭނުން ކުރެވެމުންދާ ޑިކޯޑަރަކީ ކުރިން ބޭނުން ކުރަމުންއައި ޑިކޯޑަރަށްވުރެ ހުރިހައި ގޮތަކުންވެސް ‘އަރައިހުރި’ ޑިކޯޑަރެކެވެ. އަގުވެސް ބޮޑެވެ. އެއާއެކު އޭގެ ފެންވަރުވެސް ރަނގަޅެވެ. އެހެންނަމަވެސް ޝަކުވާއެއްވެސް އެބައޮތެވެ. ޑިކޯޑަރުގެ އެންމެ ފިތެއް ހިލާކުވެގެން ނުވަތަ ޑިކޯޑަރުގެ މަދަރބޯޑާ ގުޅިފައިވާ ޖެކްތަކުގެ ތެރެއިން ޖެކެއްގެ މައްސަލަ ޖެހުނީމައި އަލުން ޑިކޯޑަރެއް ގަންނަންޖެހުން އެއީ އެކަމަށް އޮތް އެންމެ އެކަށީގެންވާ ހައްލުތޯއެވެ؟ މިހާރު ބޭނުންކުރެވެމުންދާ ‘ކަޅު’ ރިމޯޓުގެ ކުރިން ބޭނުންކުރަމުންދިޔަ ‘ހުދު’ ރިމޯޓު މަސައްކަތް ނުކުރާތީ ރިމޯޓެއް ގަންނަން ދާއިރު “ރިމޯޓު ހުސްވެފައި ހުންނަތާ 4 މަސްވެއްޖެ” ފަދަ ޖަވާބުތައް އަޑުއިވުން އެއީ ރަށުގައި އެފަދަ ޚިދުމަތެއްދޭ ހަމައެކަނި ކުންފުނިން ދޭންވީ ޖަވާބުތޯއެވެ؟

ދާދި އިހަކަށްދުވަހު އަޅުގަނޑު އުޅޭ ގޭގެ ޓީވީއަކަށް ކޭބަލް ނުލިބިގެން ގުޅާލުމުން ތިޔައީ ކޭބަލް ގުޅަން ބޭނުންކޮށްފައިހުރި ނަރުގެ މައްސަލައެއްކަމަށް ނިންމައި އެކަމަށް ދާނެ ޚަރަދުގެ ވާހަކަ ބުނެފައި ދިޔައީއެވެ. އެހެން ނަމަވެސް ފަހުން ރަށުތެރެއިން ކުއްޖަކު ލައްވައި ބަލާލުމުން ކޮންމެވެސް ވާގަނޑެއް ނުބައިކޮށް ގުޅިފައި އިނީމައި ނުލިބެނީކަމަށްބުނެ ރަނގަޅަށް ގުޅާދިނެވެ. ކަންވީވެސް އެހެންނެވެ. އެވަގުތުން ފެށިގެން މިއަދާ ހަމައަށްވެސް އަދި ހަމަ ރަނގަޅެވެ. ޚިދުމަތުގެ ކަންކަމުގައި އެހީތެރިކަން ދޭން އައި މީހާއަށް މުހިއްމުވީ ކުންފުންޏަށް ފައިސާ ފޮއްޗެއް އިތުރުވާނެގޮތަކަށް އެކަން ނިންމާލާފައި ދާށެވެ. ޚިދުމަތް ހޯދަން ތިބި ރައްޔިތުންގެ ވިސްނުންހުރީވެސް ހަމަ އެގޮތަށް ބާވައެވެ؟

ބޭނުންވަނީ… އުއްމީދަކީ…

މިހާރުވެސް ފޯރުކޮށްދޭ ކޭބަލް ޓީވީގެ ޚިދުމަތް މެދު ނުކެނޑި ރައްޔިތުންނަށް ލިއްބައިދެވޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖެހިގެން ދިޔުން އެއީ ނިލަންދޫގެ ރައްޔިތުންގެ އުއްމީދެވެ. މިހާރަށްވުރެ ޒިންމާދާރު ގޮތެއްގައި ޚިދުމަތް ދެއްވުމަކީ ޚިދުމަތާމެދު އާންމު ރައްޔިތުންގެ އިތުބާރު މިހާރަށްވުރެ ބޮޑު ވާނެކަމެކެވެ. އަދި ހަަމައެހެންމެ ކޭބަލް ޓީވީގެ ގޮތުގައި ދެވ ޭޚިދުމަތުގެ ކޮލިޓީ ރަނގަޅުކޮށްލުން ބުއްދިވެރިއެވެ. ޗެނަލްތައް އަވަސް އަވަހާ ބަދަލުނުކުރުމާ، ސްޓަކް ނުވާނެފަދަ ގޮތަކަށް ޑިޝްތައް ހަރުކޮށްފައި ބެހެއްޓުން ރަނގަޅެވެ. އަދި އެއަރޓެލްއަށް ދައްކަން ޖެހޭ މަހު ފީތައް ބަރާބަރަށް ދެއްކުމާއި ދޫކުރަމުން އަންނަ ޗެނަލްތައް އިތުރުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދިޔުމަކީ މިހާރަށްވުރެ ޚިދުމަތް ފުޅާވެގެންދިޔުމަށް ލިބޭނެ ބާރަކަށް ވުން އެކަށީގެންވެއެވެ. ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދޭ ބޮޑެތި ކުންފުނިތަކާ ގުޅިގެން ޚިދުމަތް ތަރައްޤީކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުން ރަނގަޅެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*