މިނިވަންކަމަކީ އެ މީހަކު ހިތުހުރިހާ ގޮތަކަށް އުޅުމެއް ނޫން: ރައީސް

މިނިވަންކަމުގެ މާނައަކީ ހިތުހުރިހާ ގޮތަށް އުޅުން ނޫން ކަމަށާއި ހަމަނުޖެހުން އުފައްދާނަމަ، އިގްތިސާދާއި ކުރިއެރުމަށް ލޮޅުން އަރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 51 އަހަރު ފުރުމުގެ މުނާސަބަތުގައި ދިވެހި ގައުމާ މުހާތަބް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކިތަންމެ ކުރިއަރައި ތަނަވަސް ގައުމަކަސް، ހަރުކަށި އަމަލުތައް ގިނަވެ، ގާނޫނު މުގުރާ މަގުތައް ހަލަބޮލިކުރާނަމަ ކުރިއެރުމަށް އަސަރު ކުރާނެ ކަމަށެވެ.

“ގައުމުގެ އިގްތިސާދާއި ކުރިއެރުމަށް ލޮޅުން އަރާނެ. އަޅުގަނޑުމެން ކަހަލަ ކުޑަ ގައުމަކަށް މިކަހަލަ ކަމެއްގެ އަސަރާ ނިކަމެތިކަން މާބޮޑުވާނެ،” ރައީސް ވިދާޅުވި އެވެ.

ސަރުކާރަށް ފާޑުކިޔާ އެންމެ ބޮޑު އެއް މައްސަލައަކީ މަރުގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ އެވެ. އެގޮތުން އެއް ބަޔަކު ފަނޑިޔާރުގެއާ މެދު ކަންބޮޑުވާއިރު، އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމްގެ ވާރިސުން މަރުގެ ހުކުމް ލަސްކުރުމަށް އެދިފައިވާތީ އެކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.

އިސްލާމީ ޝަރީއާ އާއި ގާނޫނުއަސާސީ އާއި ގާނޫނީ އޮނިގަނޑު ހަމަޖެހިފައިވާ ގޮތުން، މިކަމަކީ މި ވަގުތު ގައުމުގެ ރައީސްގެ ބާރުގެ ދަށުގައިވާ ކަމެއް ނޫން ކަމަށާއި އިސްލާމްދީނުގައި، ގަސްދުގައި މީހަކު މަރާލާ މައްސަލަތަކުގާ ގާތިލަށް ކަނޑައެޅިފައިވާ ހުކުމަކީ މަރު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

“މިއީ، ސީދާ ކީރިތި ގުރުއާނުގެ ސާފު ނައްސުން ބަޔާންކުރެވިފައިވާ ކަމެއް. އެހެންކަމުން، ގާނޫނީ އޮނިގަނޑު ތަންފީޒުކުރުމަށް މަރުގެ އަދަބު ތަންފީޒުކުރުމަކީ ކުރަންޖެހިފައި އޮތްކަމެއް،” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެހެން ގައުމުތަކުގެ ދާހިލީ މިނިވަންކަމަށް އިހްތިރާމްކުރާ ފަދައިން، އެހެން ގައުމުތަކުން ވެސް ދާހިލީ މިނިވަންކަމަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށެވެ. ދާހިލީ ކަންކަމުގެ ތެރެއަށް އެހެން ގައުމުތަކުން ވަންނަނަމަ، ހީނުކުރާވަރުގެ ބޮޑެތި ނުފޫޒުތަކަށް ގައުމު ހުޅުވާލުމުގެ ޖާގަދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޝަރުއީ ދާއިރާއަކީ ސަރުކާރުގެ ނުފޫޒެއް ނެތް މިނިވަން ބާރެއް ކަމަށާއި ސަރުކާރުން ޝަރުއީ ދާއިރާ ތަރައްގީ ކުރުމަށް ގެންގުޅޭ ސިޔާސަތަކީ، އެ ދާއިރާ ފުރިހަމަކުރުމުގެ ގޮތުން ތަނަވަސްކޮށްދެވެން ހުރި ހުރިހާ ވަސީލަތެއް ފޯރުކޮށްދިނުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެގޮތުން ވިޔަފާރިތަކާ އިންވެސްޓްމަންޓްތައް ޙިމާޔަތްކުރެވޭނެ ގާނޫނީ ނިޒާމެއް ގާއިމްކޮށްދިނުމާއި، އާބިޓްރޭޝަން މަރުޙަލާ ޝަރީޢަތުގާ އުފެދިގެން ދިއުމާއި ބައިނަލްއަގްވާމީ ޖަޖުންނާ ގާނޫނީ މާހިރުންގެ ބައިވެރިވުމާ އެހީތެރިކަން ޖުޑިޝަރީއަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޝަރުއީ އަދި ގާނޫނީ ނިޒާމު ހަރުދަނާކުރުމަށް ހެޔޮ ބަދަލުތަކެއް ސަރުކާރުން ގެނެސްފައިވާނެ ކަމަށެވެ. އެގޮތުން ޒަމާނާ ގުޅޭ ގާނޫނުލް އުގޫބާލެއް ގެނެސް، ޖިނާއީ އިޖުރާތާބެހޭ ގާނޫނު ތަސްދީގު ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ޝަރުއީ ނިޒާމް އާންމުންނާ ގާތްކުރުމުންގެ ގޮތުން ހައިކޯޓުގެ 2 ގޮތްޕެއް އުތުރާ ދެކުނުގައި ގާއިމު ކުރެވިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުގެ ފުރަތަމަ ފަސް އަހަރު ތެރޭގައި 16،000 އަށްވުރެ ގިނަ ހައުސިން ޔުނިޓް ހުޅުމާލޭގާ ބިނާކުރާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ސަބަބުން އަމިއްލަ ހިޔާވަހިކަމުގެ ޔަގީންކަން ގިނަ އަދަދެއްގެ އާއިލާތަކަށް ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މިރޭ ވެސް ވިދާޅުވި ގޮތުގައި ސަރުކާރުން ވެރިކަން ކުރަނީ ސިޔާސީ ކަންކަމުގައި ވާދަކޮށް މަގުމަތިން ކުރިމަތިލައި ހަނގާ ކުރާކަށް ނޫނެވެ. ސަރުކާރުން މަސައްކަތް ކުރަނީ ގައުމުގައި ހުރި މައްސަލަތަކަށް ހައްލު ގެނައުމަށާއި ރައްޔިތުންނަށް އުފާފާގަތި އަމާން މިނިވަން ގައުމެއް ހޯދައި ދިނުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނޯޓް: މިއީ މިހާރު.ކޮމް ގައި ޝާއިއު ކޮށްފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*