ނިލަންދޫގައި ބާއްވާ އިންޓަރ އޮފީސް ގޭމްސް ފެށިއްޖެ

ފ.އަތޮޅު ހޮސްޕިޓަލް ރިކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ނިލަންދޫގެ މުއައްސަސާތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ އިންޓަރ އޮފީސް ގޭމްސް ފެށިއްޖެއެވެ.

މިމަހު 21 ވަނަ ދުވަހު ފުޓްސަލް މުބާރާތުން ފެށިގެން ދިޔަ މިގޭމްސް މިމަހު 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ އޮފީސް ގޭމްސްގައި 5 މުއައްސަސާއަކުން ވާދަކުރާއިރު އެންމެ ބޮޑަށް ފާހަގަކުރެވިގެން ދަނީ ވޭތުވެދިޔަ އަހަރުތަކުގައި ޤަވާޢިދުން ގޭމްސްގައި ވާދަކުރަމުންދިޔަ ފ.ނިލަންދޫ ކައުންސިލާއި ފ.އަތޮޅު ކައުންސިލުން މިގޭމްސްގައި ބައިވެރިވެފައިނުވާ ކަމެވެ. އެހެން ނަމަވެސް ފ.އަތޮޅު ތަޢުލީމީ މަރުކަޒާއި ނިލަންދޫ ޕޮލިސް، އެސްޓީއޯ، މިފްކޯ އައިސް ޕްލާންޓްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް ނިލަންދޫ ބްރާންޗުން ގޭމްސްގައި ބައިވެރިވެ ފޯރިއާއިއެކުދަނީ ވާދަކުރަމުންނެވެ.

މިއަހަރުގެ ގޭމްސްގައި 4 ކުޅިވަރަކުން 6 އިވެންޓެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފިރިހެން ފުޓްސަލް ޓޯނަމަންޓާއި ބެޑްމިންޓަން ސިންގަލްސް އަދި ޑަބަލްސްއާއި ކެރަމް ސިންގަލްސް އަދި ޑަބަލްސް އިވެންޓްގެ އިތުރުން ރާޒުވާވެސްވަނީ ހިމަނާފައެވެ.

މިމަހު 21 ވަނަ ދުވަހު ހަވީރު ފެށުނު ގޭމްސްގައި ފުރަތަމަ ކުޅެވުނީ ފުޓްސަލް ޓޯނަމަންޓުގެ 2 މެޗެވެ. ފުރަތަމަ މެޗުގައި މިފްކޯ އައިސް ޕްލާންޓާއި ވާދަކޮށް އެސްޓީއޯ މޮޅުވީ 5 ލަނޑު 3 ލަނޑުންނެވެ. 2 ވަނަ މެޗްގައި ވާދަވެރި ކުޅުމަކަށްފަހު ފަހަތުންއަރާ 5 ލަނޑު 4 ލަނޑުން ބޭންކް މޮޅުވީ ޕޮލިސްއާއި ވާދަކޮށެވެ. މިއަދު ކުޅުނު ފުރަތަމަ މެޗުގައި ޕޮލިސްއާއި ވާދަކޮށް ފަސޭހަކަމާއެކު 10 ލަނޑު 1 ލަނޑުން އަތޮޅު ތަޢުލީމީ މަރުކަޒު މޮޅުވިއިރު 2 ވަނަ މެޗްގައި ބޭންކާއި ވާދަކޮށް އެސްޓީއޯ މޮޅުވީ 5 ލަނޑު 1 ލަނޑުންނެވެ.

އިންޑޯރ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ބެޑްމިންޓަން އިވެންޓްގެ ކުޅުން ނިލަންދޫ ޒުވާނުން މަރުކަޒުގެ ކޯޓުގައި ރޭ ފެށިފައިވާއިރު ރާޒުވާއާއި ކެރަމް އިވެންޓްގެ ކުޅުން ހޮނިހިރު ދުވަހުން ފެށިގެން ކުރިޔަށްދާނީ ފ.ހޮސްޕިޓަލް ރެކްރިއޭޝަން ކްލަބްގެ ހޯލުގައެވެ.

ނިލަންދޫ އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ގުޅުންބަދަހިކޮށް ވާދަވެރި ކުޅިވަރު މުބާރާތްތަކުގައި ވާދަކުރުމަށް ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ވޭތުވެދިޔަ 5 އަހަރުދުވަހު މެދުކެނޑުމެއްނެތި ފ.ހޮސްޕިޓަލް ރެކްރިއޭޝަން ކްލަބުން ބާއްވަމުން އަންނަ މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރއަކީ ފ.ނިލަންދޫގައި ގިނަދުވަސްތަކެއް ވަންދެން މާލެ ދަތުރު ކުރުމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެމުންދާ “ކާމިޔާބު 7″އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*