ވިސްލްބްލޯ ބިލަށް ތާއީދުކުރަން، ކަންބޮޑުވުން އެބަހުރި: ޑރ.ޚަލީލް

ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބުދުﷲ ޚަލީލް މަޖިލިސްގެ ކޮމެޓީއެއްގައި

ރާއްޖޭގައި ފެތުރިފައިވާ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވުމަށް ރައީސް އިބްރާހީމް މުޙަންމަދު ޝޯލިޙްގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ވިސްލްބްލޯ ބިލަށް ތާއީދުކުރައްވާކަމަށާއި ނަމަވެސް، އެބިލްގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ރައްޔިތުންގެ މަޖިލިސްގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ.ޢަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އޭނާގެ ވާހަކައިގައި، ވިސްލްބްލޯ ކުރާ ފަރާތުގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ބައެއް ހުށަހެޅުންތައް ވިދާޅުވެފައިވެއެވެ. އެގޮތުން ވިސްލްބްލޯކުރާ ފަރާތަށް އަދަބު ދިނުމުގެ ގޮތުން ކޮށްފާނެ ކަމަށް ބެލެވޭ ކަންތައްތަކުގެ ތެރެއަށް އޮފީސް ބަދަލުކުރުން ހިމެނުމާއި، އިސްލާމް ދީނާއި ޚިލާފު ޢަމަލުތައް ހިންގުން ފަދަ ކަންކަން ވިސްލްބޮލޯ ކުރެވިދާނެ ކަންކަމުގެ ތެރެއަށް ހިމެނުމަށް ޚިޔާލުދެއްވިއެވެ.

ޑރ. ޚަލީލްގެ ވާހަކަފުޅުގައި ވިސްލްބޮލޯކުރާ ފަރާތުގެ ރައްކާތެރިކަން ވަރަށް ރަނގަޅަށް ބިލްގައި ކަށަވަރުކޮށްދީފައިވިޔަސް، ވިސްލްބޮލޯކުރާ ފަރާތުން ހުށަހަޅާކަމެއް ރައްދުވާ ފަރާތާއިމެދު ދޮގު ތުހުމަތުތަކެއްކޮށް، އޭނާގެ އަބުރާއި އިންސާނީ ކަރާމާތަށް އުނިކަން ލިބުމުގެ ސަބަބުން ގެއްލިދާ ޙައްޤުތައް ހިމާޔަތްކުރާނެ އެއްވެސް ގޮތެއް މިބިލްގައި ނެތުމަކީ ބިލްގައިވާ ވަރަށް ބޮޑު އުނިކަމެއްކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި އެފަދަ ގޮތަކަށް އޮވެއްޖެނަމަ، ހާސިލްކުރަން ބޭނުންވާ މަގްސަދު ގެއްލި، މިބިލުން ހިމާޔަތް ހޯދައިގެން ޒާތީގޮތުން އެކިއެކި ފަރާތްތަކާދިމާކުރުންފަދަ ނޭދެވޭ ކަންކަން އިތުރުވެގެން ދިއުން ވަރަށް ކައިރިކަމަށެވެ.

މި ބިލްގެ އިޚްތިސާސް ކަނޑައަޅާފައިވަނީ މާޒީގެ އެންމެ 2 އަހަރަށެވެ. އޭގެ ކުރީގެ މައްސަލައެއް ހުށަހެޅިޔަސް އެމައްސަލަ ބަލާކަށް ލާޒިމް ނުކުރެއެވެ. ޑރ.ޚަލީލް ވިދާޅުވެފައިވާ ގޮތުގައި މިއީ ސަރުކާރުން ބިލް ހުށަހެޅުމުގެ ނިޔަތާމެދު އިންތިހާއަށް ސުވާލު އުފެދޭކަމެއްކަމަށެވެ. އެގޮތުން 2008ގައި އިންތިޚާބުކުރި އެމްޑީޕީގެ ސަރުކާރުން ހިންގާފައިވާ ބޮޑެތި ޚިޔާނާތުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކަށް މިބިލުން ހިމާޔަތްދީ، އެމައްސަލަތައް ބަލަން ބޭނުންނުވަނީތޯ ސުވާލުކުރެއްވިއެވެ.

އޭނާ ހާމަކުރެއްވިގޮތުގައި ކޮރަޕްޝަންގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅަކަށްވެސް ތާއީދުކުރައްވާ ކަމަށާއި، ނަމަވެސް ފަޓާސް ބަރިއެއްހެން އަވަސްއަރުވާލައިގެން އަނިޔާވެރިކަން ފަތުރާފަދަ ބިލްތަކެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން އުޅޭ އުޅުމާމެދު ކަންބޮޑުވާކަމަށެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*