ގިނަ ޢަދަދެއްގެ ބަޔަކު ނުކުމެ ނިލަންދޫ ސާފުކޮށްފި

އިއްޔެ ހިންގި ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން

ރައީސް އިބްރާހީމް މުޙަންމަދު ސޯލިޙްގެ ސަރުކާރުން އެކުލަވާލި މުޅި ރާއްޖެ ސާފުކުރުމުގެ ސިޔާސަތުގެ ތެރެއިން އިއްޔެ ފ.ނިލަންދޫގެ ގިނަ ޢަދަދެއްގެ ބަޔަކު ނުކުމެ ފ.ނިލަންދޫ ސާފުކޮށްފިއެވެ. ފ.ނިލަންދޫ ކައުންސިލުން އިސްނަގައިގެން ހިންގި ޕްރޮގްރާމްގައި 113 މީހުން ބައިވެރިވެފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އިއްޔެ ހެނދުނު ޕްރޮގްރާމް ފަށާފައިވަނީ އެކަމަށް ތައްޔާރުކުރި ޚާއްސަ ޓީޝާޓެއްލައިގެންނެވެ. ގްރޫޕްތަކަށް ބަހާލައިގެން ހިންގި ޕްރޮގްރާމްގައި 1 ޓަނުގެ ކުނި ނިލަންދޫގެ އެކި ސަރަޙައްދުތަކުން އެއްކޮށްފައިވެއެވެ.

ނިލަންދު ރަށު ކައުންސިލްގެ ރައީސް މުޙަންމަދު ޖަލީލް ހާމަކޮށްފައިވާ ގޮތުގައި “ސާފު ރާއްޖެ – އަހަރެންގެ ވެސް ޒިންމާ” މިޝިއާރުގެ ދަށުން ހިންގި ސާފުކުރުމުގެ ޕްރޮގްރާމްގައި 173.2 ކިލޯގެ ޕްލާސްޓިކް، 37.7 ކިލޯގެ އެލުމީނިއަމް، 95.3 ކިލޯގެ ދަގަނޑު، 44.3 ކިލޯގެ ބިއްލުރި، 654.8 ކިލޯގެ އެހެނިހެން ބާވަތްތަކުގެ ކުނި ނަގާފައިވެއެވެ.

ސާފުކުރުމަށް ހިންގި މި ޕްރޮގްރާމްގައި ސަރުކާރުގެ މުވައްޒަފުންނާއި، ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންގެ އިތުރުން ޢާންމު ބައެއް ރައްޔިތުން ވެސް ބައިވެރިވެފައިވެއެވެ.

މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމްގެ ދަށުން ފ.އަތޮޅުގެ ހުރިހާ ރަށެއްގައިވެސް މި ޕްރޮގްރާމް ހިންގާފައިވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*