ނިލަންދޫ ދާއިރާގެ ޕީޕީއެމް ޓިކެޓް ޑރ. ޚަލީލަށް

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނިލަންދޫ ދާއިރާއަށް ވާދަކުރައްވާނެ ޕީޕީއެމް ކެންޑިޑޭޓުގެ ގޮތުގައި މިހާރުގެ ވެސް މެންބަރ ޑރ. ޢަބްދުﷲ ޚަލީލް ހަމަޖެހިއްޖެއެވެ. ޕީޕީއެމްއިން މަޖިލިސް އިންތިޚާބުގައި ވާދަކުރާ މެންބަރުންނަށް ޓިކެޓް ޙަވާލުކުރުމަށް މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނަށް ޓިކެޓް ޙަވާލުކޮށްދެއްވީ ޕީޕީއެމްގެ ރައީސް ރައީސް ޔާމީނެވެ. މި ބައްދަލުވުމުގައި ޕީޕީއެމްއިން ޓިކެޓް ޙަވާލުކޮށްފައިވަނީ ޕީޕީއެމް މެންބަރުންގެ ގޮތުގައި މިހާތަނަށް ތިއްބަވައި ކުރައްވާފައިވާ ތެދުވެރި އިޚްލާޞްތެރި މަސައްކަތަށް ބެއްލެވުމަށްފަހު ޕާޓީގެ ޓިކެޓް ދިނުން ޙައްޤުވާކަމަށް ޕާޓީއިން ދެކޭ ބޭފުޅުންނަށްކަމުގައި ޕީޕީއެމްއިންވަނީ މަޢުލޫމާތު ދެއްވާފައެވެ.

މެންބަރ ޑރ. ޚަލީލަކީ ނިމިގެންމިދާ މަޖިލީހުގެ ދައުރުގައި އިންނެވި ހަމައެކަނި ޕީ.އެޗް.ޑީ ޙާޞިލްކޮށްފައިވާ ތަޢުލީމީ ބޭފުޅެކެވެ. އިސްލާހީ ގިނަ ބިލްތަކެއް ހުށައަޅައި މަޖިލީހުގެ ފްލޯގައި ގިނަ ބަހުސްތަކެއްގައި ބައިވެރިވެ ބިނާކުރަނިވި ވާހަކަފުޅެއް ދައްކަވާ ބޭފުޅެކެވެ. މީގެ އިތުރުން ޑރ. ޚަލީލްވަނީ ޕާޓީއާއި އަދި ރާއްޖެ ތަމްސީލުކުރުމުގެ ގޮތުން ބޭރުގެ އެކި ޤައުމުތަކަށް ވަޑައިގެން އަގުހުރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައެވެ. ޑރ ޚަލީލްވަނީ އަމިއްލަގޮތުން މަޖިލީހަށް ހޮވިވަޑައިގެން ދާއިރާއަށް ތަރަށްޤީ ގެނުވޭނީ ސަރުކާރު ހިންގާ ޕާޓީއާއިގުޅިގެންކަމަށް ފެންނާތީއާއި އެގޮތުގެމަތީން ކުރިއަށް ވަޑައިގަތުމަށް ދާއިރާގެ ގިނަ ރައްޔިތުންގެ ލަފަޔާއިއެކު ޕީޕީއެމްއާއި ގުޅިވަޑައިގެން މިއަދާއިހަމައަށްވެސް ޕާޓީގައި ވަފާތެރިކަމާއިއެކު ހުންނަވާފައެވެ. ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްކަން ކުރައްވާފައިވުމުގެ އިތުރުން އަގުހުރި އިޚްލާޞްތެރި މަސައްކަތްޕުޅުތަކެއް ޕާޓީއަށްވެސް ކޮށްދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައި ގިނަބަޔަކު ޑރ. ޚަލީލް ފާހަގަކުރެއެވެ.

މިރޭގެ ބައްދަލުވުމުގައި ޓިކެޓް ޙަވާލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ޒާތީކަންކަން އެއްކިބާކޮށް މިއީ އަމިއްލަ މަސްލަހަތަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރަންވީ ވަގުތުކަމަށާއި ޤައުމުގެ ކަންކަން އިސްލާޙު ކުރެއްވުމަށް މަސައްކަތް ކުރަން މިވަގުތު ތިއްބެވީ ޕީޕީއެމްގެ ބޭފުޅުންކަމާއި އެގޮތުން މިރޭ ޓިކެޓް ލިބިލެއްވި ބޭފުޅުންނަކީ އެ މަސައްކަތުގައި ތިއްބަވާނެ ބޭފުޅުން ކަމުގައެވެ. އެހެންކަމުން މިރޭ ޓިކެޓް ދެވުނު ބޭފުޅުންނަށް ތާއީދުކޮށްދެއްވައި އެއްވެސް ޝަރުތަކާއިނުލާ އެބޭފުޅުން ހޮއްވަވައިދެއްވުމަށް މަސައްކަތްކުރެއްވުމަށް ރައީސް ޔާމީންވަނީ އެދިވަޑައިގެންފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*