ވަކިތާރީޚެއްޖެހީ ވަގުންތަކެއް ޤާނޫނަށް ފިލަން: ޑރ. ޚަލީލް

ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބުދުﷲ ޚަލީލު ރައްޔިތުންގެ މަޖިލިސްގެ ބަހުސްފައި ވާހަކަފުޅުދައްކަވަނީ

ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް އުފެއްދި ދެ ކޮމިޝަންގެ ބޭނުމަކީ ސިޔާސީ ވަކި ބޭނުންތަކެއް ހާސިލް ކުރުން ކަމަށާއި އެ ބިލްގައި ވަކިތާރީޚުތަކެއްޖެހީ ވަގުންތަކެއް ޤާނޫނުތަކަށް ފިލާނެގޮތް ހޯދުންކަމަށް ވިދާޅުވެ، ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބުދުﷲ ޚަލީލް މިއަދު ސަރުކާޜަށް ފާޑު ވިދާޅުވެއްޖެ އެވެ.

“ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް” އަށް ބަހުސްކުރައްވަމުން ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ބިލަށް ބަލާއިރު، ފެންނަނީ ވަކި މަގްސަދެއް ހާސިލް ކުރުމުގެ ބޭނުމުގައި ހުށަހެޅި ބިލެއްގެ ގޮތުގައިކަމަށެވެ. ބިލުގައި ޖަހާފައި އޮތް ތާރީހަކީ އެކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވީ ކުއްލިއަކަށް މަޖިލީހަށް ބިލެއް ވައްދައިގެން ކުރަން އުޅެނީ ކީއްތޯ އުފެދޭ ސުވާލަށް ޖަވާބު ދޭން ޖެހޭ ކަމަށެވެ. ދެ މަސް ދުވަހުގެ ތެރޭގައި ޝަރީއަތް ހިންގައި ޖަލަށް ލެވޭ ގޮތަށް ބިލް ބައްޓަންކޮށްފައި އޮތީ، އަންނަ އަހަރު މާޗު މަހު އޮންނަ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވި ހަރުދަނާ ޝަހްސިއްޔަތުތަކަކަށް އަދަބު ދިނުމުގެ މަގްސަދުގައި ކަމަށް އަޑު އިވިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

“އަނިޔާވެރިކަން ނުގެންނާނެ ކަމަށް ބުނެ، ކޮރަޕްޝަން ނުހިންގާނެ ކަމަށް ބުނެ އައި ކަމަށް ބުނާ ސަރުކާރުން އިންތިހާ އަށް އަނިޔާވެރިކަން އިސް ކުރާ މަންޒަރު ފެންނަނީ. ފެނިގެން މި ދަނީ މިހާރު އޮތް އިދިކޮޅު ފަރާތްތަކުގެ އަޑު ފަނޑުކޮށްލުމަށް ކުރާ މަސައްކަތުގެ ފެށުން” ހަލީލް ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވީ 2012 ވަނަ އަހަރުގެ ކުރިން، ވެސް އެތައް ބަޔަކު މަރާލާފައިވާ އިރު، އެ މީހުންގެ މަރުގެ މައްސަލަތައް ވެސް ތަހުގީގުކޮށް، ޒިންމާވާން ޖެހޭ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެހެންވެ، ބިލް ފާސް ކުރާ އިރު، މިހާރު އޮތް ތާރީޚު ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުންވެސް، ހަލީލް ވިދާޅުވީ ބިލަކީ އުފެދުމުގައި ވެސް ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށެވެ. އަދި ބިލު މަޖިލީހަށް ބަލައިގަނެވިގެން ވެސް ނުވާނެ ކަމަށާއި އެގޮތަށް ވަކި ބަޔަކަށް އަމާޒުކޮށް ތާރީހުތަަކެއް ކަނޑަނޭޅޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*