ވެރިކަމުގެ ފުރަތަމަ ހަފްތާ: ރައްޔިތުންގެ ހިތްތައް ނުތަނަވަސްކަމުގެ ތެރެއަށް

ކޯލިޝަންގެ ހަތަރު ލީޑަރުން ރައީސް އިބޫއާއި ނައިބުރައީސް ފައިސަލްއާއެކު ބައްދަލުވުމެއްގައި

ގއ. ވިލިނގިލީގެ ބޭންކް އޮފް މޯލްޑިވްސް ބްރާންޗް ފަޅާލައިފިއެވެ. ފުއައްމުލަކު ސިޓީގެ މީރާ އޮފީސް ފަޅާލައިފިއެވެ. އައްޑޫގެ ތިން ގެއަކަށް ގޭންގަކުން ހަމަލާތީ ތަކެއްޗަށް ގެއްލުންދީފިއެވެ. އައްޑޫގެ ފިހާރަތަކެއްގެ ބިއްލޫރިތައް ތަޅާލައިފިއެވެ. ޕީޕީއެމްގެ އެކްޓިވިސްޓް ސިއްދީގަށް ޙަމަލާދީފިއެވެ. ސިއްދީގަށް ޙަމަލާދިން އެމްޑީޕީގެ އެކްޓިވިސްޓް އަދި އެތައް ގޭންގް މާރާމާރީތަކެއްގައި ބައިވެރިވެ ބޮޑެތި ކުއްތަކަށް އަރައިގެންފައިވާ ސްމިތު ސިޔާސީ ނުފޫޒުގެ ސަބަބުން ދޫކޮށްލައިފިއެވެ. ރާއްޖޭގައި އޮތް އިންޑިޔާގެ ދެ ހެލިކޮޕްޓަރު އިންޑިޔާއަށް ފޮނުވާނުލަން ނިންމައިފިއެވެ. ރާއްޖޭގައި ތިބޭ އިންޑިޔާ ސިފައިންގެ ޢަދަދު 40 އިން 60 އަށް އިތުރުކުރަން ނިންމައިފިއެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި އިންޑިޔާގެ ބޭސްއެއް ހެދުމަށްދަނީ ތައްޔާރުވަމުންނެވެ. މޯދީ ރާއްޖެ ވަޑައިގަތީ ޑީލްއެއްގެ ދަށުންނެވެ. ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ދެ ޕާޓީން މަޖިލިސްގެ ހުރިހާ ގޮނޑިތަކަށް ވާދަކުރަން ވިސްނަންފަށައިފިއެވެ. ޖޭޕީގެ ވަޒީރުންނަށް ފާޑުކިޔާތީ ޑރ.ޖަމީލު ހިތްހަމަ ނުޖެހިއްޖެއެވެ. މާލެއާއި ހުޅުމާލެ ގުޅުވާފައިވާ ހައިވޭގައި ބޮޑެތި އެކްސިޑެންޓްތަކެއް ހިނގައިފިއެވެ.

މިއީ ރައީސް އިބްރާހީމް މުޙަންމަދު ސޯލިޙްގެ ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހިނގާއިފައިވާ ބައެއް ކަންކަމެވެ. ކަންބޮޑުވާންޖެހޭ ފަދަ ކަންކަމެވެ. ރާއްޖޭގެ ތާރީޚުގައި ބޭންކެއް ފަޅަލި ފުރަތަމަ ފަހަރެވެ. 15 މިލިޔަން ރުފިޔާ ވަގަށް ނެގިއެވެ. ބޭންކް އޮފް މޯލްޑިވްސްއަކީ ސެކިއުރިޓީ އެންމެ ވަރުގަދަ އެއްތަނެވެ. އެހާ ފަސޭހައިން ވަގުންތައް އަތުވީވެސް އެހެންކަމަށްވެދާނެއެވެ. ހަމަ އެހެންމެ، މީރާގެ އޮފީހެއް ފަޅާލުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ދެންއޮތީ ރައްޔިތުންގެ ރައްކާތެރިކަމެވެ. މީސްމީހުންގެ ގެދޮރާއި ތަކެއްޗަށް ގެއްލުންދިންއިރު ސަރުކަރަށް އެކަން ހުއްޓުވުނު ކަމަކަށް ނުވިއެވެ. ޕީޕީއެމްގެ ސަޕޯޓަރުންތަކަކަށް ނިސްބަތްވާ ފިހާރަތަކަކަށް ގެއްލުން ދިން އިރުވެސް އެކަން ބޮޑުކަމަކަށް ނުވިއެވެ. އަދި ނުރައްކާތެރި ކުއްވެރިޔަކު ޕީޕީއެމްގެ ސަޕޯޓަރަކަށް ޙަމަލާ ދިނުންވެސް އެއީ ބޮޑުކަމަކަށް ނުވީތާނގާއި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ނުކުތީ ކުއްވެރިޔާގެ ދިފާޢުގައެވެ. ސްޕޯޓްސް މިނިސްޓަރު މަހުލޫފްއާއި މެންބަރު އީވާއާއި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ސްމިތް ވަގުތުން ދޫކޮށްލުމަށް ގޮވާލުން ވެގެންދިޔައީ ކަންބޮޑުވުން އިތުރުވި ކަމަކަށެވެ. އޭނާ ދޫކޮށްލުން ހިނގާފައިވަނީ ގޯސްކޮށްކަމަށް ހޯމް މިނިސްޓަރު އިމްރާންވެސް ވަނީ އެންމެ ފަހުން އެއްބަސްވެފައެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ރައްޔިތުންގެ ރައްކާތެރިކަމަށް ސަރުކަރުން ފަރުވާލެއް ނެތީތޯއެވެ؟ ވެރިކަން ދެމެހެއްޓުމަށް ކުރަން އޮތްކަމަކީ އެމްޑީޕީގެ އެކްޓިވިސްޓުން މަގުތަކަށް ދޫކޮށް އިނދިކޮޅު ފަރާތްތަކުން “ގިއްގަޅުވާލުން” ތޯއެވެ؟

ދެންއޮތީ އެންމެ ނުރައްކާތެރި މައްސަލައެވެ. އިންޑިޔާގެ އަޅުވެތިކަމަށް ރާއްޖެ ދިއުމަށް އެއްވެސް ރައްޔިތަކު ނޭދޭނެއެވެ. އިންޑިޔާގެ ހެލިކޮޕްޓަރުތައް ބޭއްވުމާއި ސިފައިން އިތުރުކުރުމަކީ އިންތިހާއަށް ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ މައްސަލަތަކެކެވެ. އަދި އިންޑިޔާގެ ބޭސްއެއް ރާއްޖޭގައި ގާއިމްކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ރާއްޖޭގެ އުތުރާއި ދެކުނުގައި ބިނާކުރަމުން ދިއުމަކީ ހަނުތިބެގެން އެކަމަށް ޙައްލުލިބޭނެ ކަމެއްނޫނެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް އެމްޕީ ޑރ.ޚަލީލް ގޮވާލެއްވީ އެސަބަބާހުރެއެވެ.

ކޯލިޝަންތެރޭގައި އޮތް ހަމަނުޖެހުންތަކުންވެސް ރައްޔިތުންނަށް ދަނީ މާޔޫސްކަން ގެނުވަމުންނެވެ. ޖޭޕީގެ މިނިސްޓަރުންނަށް އެމްޑީޕީން ކިޔާ ފާޑުތަކަށް ޖޭޕީންވަނީ ފާޅުގައި ރައްދުދޭންފަށާފައެވެ. އެމްޑީޕީގެ އެކްޓިވިސްޓުން މެދުވެރިކޮށް ރައީސް މައުމޫންއަށް ނިސްބަތްވާ ކެބިނެޓް މިނިސްޓަރުންނަށްވެސް ދަނީ ހުތުރު ބަސްތައް ރައްދުކުރަމުންނެވެ. ނަތީޖާއަކީ ހަމަނުޖެހުން ބޮޑުވެ އެންމެ ފަހުން މަޖިލީހުގެ ގޮޑިތަކަށް ވާދަކުރާނެ ފޯމިއުލާއެއްވެސް ނުނެރެވުމެވެ. ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކުގެ މިހާރުގެ އަމާޒަކީ ދާއިރާތަކަށް ހުރިހާ ޕާޓީތަކުންވެސް ވާދަކުރުމެވެ.

ސަރުކާރުގެ ފުރަތަމަ ހަފްތާގައިވެސް މިވަނީ ރައްޔިތުންގެ ހިތްތަކަށް ނުތަނަވަސްކަން ގެނުވާފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*