ރާއްޖޭ މިވައްޓާލަނީ ބޮޑު ނުރައްކަލަކަށް: ޑރ.ޚަލީލް

ދިވެހިރާއްޖޭގައި އެއްވެސް ޤައުމެއްގެ މިލިޓަރީ ބޭސްއެއް ހެދިގެން ނުވާނެކަމަށާއި ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައިވެސް ރާއްޖެ ނުރައްކަލާ ދިމާލަށް މިހާރުގެ ސަރުކާރުން ގެންދާކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ޑރ.ޢަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. އޭނާ މިގޮތަށް ވިދާޅުވެފައިވަނީ އިންޑިޔާއިން ދީފައިވާކަމަށް ބުނާ 2 ހެލިކޮޕްޓަރު ބެލެހެއްޓުމަށް ބައިތިއްބާ އިންޑިޔާ ސިފައިންގެ ޢަދަދު އިތުރުކުރުމަށް ނިންމުމާގުޅިގެން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

ރާއްޖޭގައި އޮތް އިންޑިޔާގެ ދެ ހެލިކޮޕްޓަރު ބެލެހެއްޓުމަށް މިވަގުތު ތިބޭ 40 ސިފައިންގެ ޢަދަދު 60 އަށް އިތުރުކުރުމަށްވަނީ ނިންމާފައެވެ. މި ކަމާގުޅިގެން ދިވެހިންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ދަނީ މިކަމަށް ނުރުހުންފާޅުކުރަމުންނެވެ.

އިންޑިއާ ސިފައިން ތިބެނީ ލ.އަތޮޅާއި އައްޑޫ ސިޓީގައެވެ. ލ.އަތޮޅު އިސްކަންދަރު އެއާބޭސްގައި ހެލިކޮޕްޓަރު އޮތް ނަމަވެސް އިންޑިއާ ސިފައިން ތިބެނީ ގަމުގައި ހުންނަ އާންމުންގެ އެކި ގެތަކުގައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާގެ ދެހެލިކޮޕްޓަރާއި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ގެންދަން ދިވެހި ސަރުކާރުން އެންގި ނަމަވެސް އިންޑިއާ އިން ދިވެހި ސަރުކާރުގެ އެންގުމަށް ބޯލަނބާފައެއް ނުވެއެވެ.

މިހާތަނަށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ކޮންމެ ހަމަސް ދުވަހަކުން ސިފައިންގެ އާޕްލެޓޫނެއް ރާއްޖެ އަންނަ ގޮތަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގެ ފިއްތުންތައް ކުރިމަތިވުމުން އިންޑިއާ ސިފައިންގެ ރާއްޖޭގައި ތާށިވެފައި ތިބޭތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެއެވެ.

އިންޑިއާ އިން ރާއްޖެއަށް ދެ ހެލިކޮޕްޓަރު ހަދިޔާކުރި ކަމަށް ބުނި ނަމަވެސް އެއީ ދެ އަހަރުން އާކުރާ ގޮތަށް 2010 ގައި ހެދި އެއްބަސްވުމެއްގެ ދަށުން އިންޑިއާ ސިފައިން ރާއްޖޭގައި އޮޕަރޭޓްކުރަން ރާއްޖޭގައި ބޭއްވި ދެ ހެލިކޮޕްޓަރެވެ.

އެއީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރަށް ޖަވާބުދާރީވާން ޖެހޭ ގޮތަށް، އޮޕަރޭޓްކުރާ ހެލިކޮޕްޓަރުތަކެކެވެ. ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ބޭނުމަށް ރާއްޖޭގައި ތިބޭ އިންޑިއާ މީހުންގެ މައްޗަކަށް އަދި އެ މީހުން ތިބޭ ތަނަކަށް ވެސް ރާއްޖޭގެ ގާނޫނުތަކެއް ނުހިނގާނެ އެވެ. އެއީ ފުރިހަމަ ޑިޕްލޮމެޓިކް އިމިއުނިޓީގައި ތިބޭ ބައެކެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު އިތުރު ކުރަން ނިންމާފައި މިވަނީ ރައީސް ސޯލިހް ސަރުކާރުން އިންޑިއާ އާއި ގާތް ގުޅުމެއް ބާއްވާނެ ކަމަށް ވައުދުވެ، ވެރިކަމާއި ހަވާލުވިތާ ހަފްތާއެއް ވެސް ނުވަނީސްކަން ފާހަގަކުރެވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*