ރައީސް އިބޫގެ ކެބިނެޓް ނަޒާހަތްތެރިތަ؟

ރައީސް އިބްރާހީމް މުޙަންމަދު ސޯލިޙްގެ ކެބިނެޓް ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

15 އޮކްޓޫބަރު 2015 ވަނަ ދުވަހު އޭރުގެ އިންތިޚާބީ ރައީސް، އާދެ! މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ސޯލިހް ސަން އޮންލައިންއަށް ދެއްވާފައިވާ އިންޓަވިއުއެއްގައި އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނޭނީ ރައްޔިތުންނަށް ޚިދުމަތްކުރެވޭ، ޤާބިލް، ނަޒާހަތްތެރި، ތެދުވެރި، އަމާނާތްތެރި ބޭފުޅުން ކަމަށެވެ. އެޚަބަރަކި ހަމަގައިމުވެސް ދިވެހި ވަރަށް ގިނަ ރައްޔިތުންތަކެއް އެކަމަކަށް އިންތިޒާރުކުރާނެ ޚަބަރެކެވެ. އަދި ރައީސް އިބޫގެ ސަރުކާރާމެދު ކުރެވޭ އުންމީދުތައް ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ ޚަބަރެކެވެ.

މިހާހިސާބުން ދެން ކުރެވޭ ސުވާލަކީ އައްޔަންކޮށްފައިވާ އެމަނިކުފާނުގެ ކެބިނެޓުގައި ތިއްބެވީ ނަޒާހަތްތެރިންތޯ އުފެދޭ ސުވާލެވެ. މި ސުވާލު އުފެދެނީވެސް ކެބިނެޓް އިއުލާންކުރި ހިސާބުން ރައްޔިތުންގެ އެކިފަންތީގެ މީހުން އަދި އެކި ވިސްނުމުގެ މީހުން ރައީސް އިބޫގެ ކެބިނެޓާއިމެދު ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއި ގުޅިގެންނެވެ. ކަފިކަފިވެފައިވާ ޚިޔާލުތަކުގެ ތެރެއިން އެއްބަޔަކު ބުނަނީ ރައީސް އިބޫގެ ކެބިނެޓުގައި ތިއްބެވި ގިނަ ފަރާތްތަކަކީ އާމޫނުތަކެއް ނޫންކަމަށެވެ.

އެގޮތުން، ޢަލީ ވަޙީދު، މާރިޔާ އަޙްމަދު ދީދީ، ޢަބްދުﷲ ޝާހިދު، ޢަބުދުﷲ އަމީން، މަލީޙް ޖަމާލް، ސިދާތާ ޝަރީފް ފަދަ ބޭފުޅުންގެ ނަންފުޅުތައް ފާހަގަކުރަމުން ގެންދެއެވެ. ޢަލީ ވަޙީދަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގައި ޑީއާރޕީން އެމްޑީޕީއަށް ބަދަލުވުމަށްފަހު މާލެއިން ގޯއްޗަކާއި ރާއްޖެއިން ބޭރުން ފްލެޓްތަކެއް ނުޙައްގު ފައިސާއިން ބައްލަވާގެންފައިވާކަމަށް ތުހުމަތު ކުރެވޭ ބޭފުޅެކެވެ. މާރިޔާ އަޙްމަދު ދީދީއަކީ އެމްޑީޕީގެ ވެރިކަމުގެ އެންމެ ބާރުގަދަ ދުވަސްވަރު މެގަރމޯލްޑިވްސް ކިޔާ އޭވިއޭޝަން ކުންފުންޏެއް ބޭރުގެ ބަޔަކާއި ގުޅިގެން އުފައްދަވައިގެން ވިޔަފާރި ކުރެއްވި ބޭފުޅެކެވެ. ހަމަ އެހެންމެ ޤައުމީ ދިފާޢީ ބާރުތަކަށް ވަރަށް ބޮޑެތި ދުއްތުރާތައް ކުރައްވާފައި ހުންނެވި ކަނބަލެކެވެ. ޢަބުދުﷲ ޝާހިދުއަކީ ރައީސް މައުމޫންގެ ވެރިކަމުގައި ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ކުރެވި ފަސްބައި ކިލަނބުވެފައިވާ ބޭފުޅެކެވެ. އަމީންއާއި މަލީޙްގެ ޙާލަކީވެސް އެއީއެވެ. ސިދާތާ ޝަރީފަކީ އިބްތިހާލުގެ މަރުގެ މައްސަލާގައި އިހުމާލުވިކަމަށް އިނގިލި ދިއްކުރެވޭ އެންމެ ޒިންމާދާރު މަގާމުގައި އޭރު ހުންނެވި ކަމަނާއެވެ.

މީގެ އިތުރުން، ކެބިނެޓުގެ މަގާމުތައް ބަހާލާފައިވާ ގޮތަށް ބަލާލިޔަސް މިކަން ސިފަވާނެއެވެ. ފެންނަ ފެނުމަށް އިންސާފުވެރި ބެހުމަކުން ބަހާފައިއެވަނީ ކާންބޭނުންވާ ވަރަށް ކެވޭގޮތަށެވެ. ހެޔޮވަރަކަށް ވައްކަން ކުރެވޭގޮތަށެވެ. އޭގެ ހެއްކަކީ، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ވިޔަފާރިއާއި ގުޅުންހުރި ހުރިހާ މިނިސްޓްރީތަކެއް އެމަނިކުފާނަށް ދެއްވާފައިވުމެވެ. ޓޫރިޒަމް، ޓްރާންސްޕޯޓް، ސިވިލް އޭވިއޭޝަން އަދި އެންވައިރަމަންޓްއެވެ.

ރައީސް އިބޫގެ ކެބިނެޓް އައްޔަން ކުރުމުގައި މި ސިފަތައް އެކުލެވިފައިވުމާއެކު، އެއީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވިފަދަ ނަޒާހަތްތެރި ކެބިނެޓަކަށްވުރެ ހަޑިމުޑުދާރު އެތައް ޢަމަލުތަކެއް ކޮށްފައިވާ ބޭފުޅުންތަކެއް ހިމެނޭ، އަދި ނުރަނގަޅު ކަންތައްތަކެއް ކުރުމަށް މަގުފަހިވާގޮތަށް އައްޔަންކުރައްވާފައިވާ ކެބިނެޓެއްގެ ސިފަ ޖެހިގެންދާކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެއްބަސްވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*