ރައްޔިތުންގެ މަޖިލިސްގެ ދާއިރާތައް އިތުރުނުވާނެ އިސްލާޙެއް ހުށަހަޅައިފި

ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބުދުﷲ ޚަލީލް މަޖިލިސްގެ ކޮމެޓީއެއްގައި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް އިތުރު ނުވާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާޙް ހުށަހަޅައިފިއެވެ. އެ އިސްލާހު ހުށަހަޅާފައި ވަނީ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް އެވެ. ހަލީލް ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނުނު އަސާސީގެ 71 ވަނަ މާއްދާގެ (ހ) އިސްލާހު ކުރުމަށް ހުށަހަޅާފަ އެވެ. އެއީ 28 މެއި 2014 ގައި އެކުލަވާލެވުނު ގޮތަށް މަޖިލީހުގައި ހިމެނޭ އިދާރީ ދާއިރާތައް ތަމްސީލު ކުރާ މެންބަރުންގެ އަދަދަކީ 85 ކަމުގައި ކަނޑައެޅުމަށެވެ. އަދި ކޮންމެ އިދާރީ ދާއިރާއެއް ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމަށާއި ކޮންމެ ދާއިރާއަކުން ނިކުންނަވާނީ އެއް މެންބަރު ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ގާނޫނު އަސާސީގެ 72 ވަނަ މާއްދާގެ (ނ) އުވާލުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތައް ކަނޑައަޅާނޭ ގޮތާއި، އެ އިންތިހާބީ ދާއިރާތައް ކަނޑައަޅާ ސަރަހައްދު ކަނޑައެޅޭނެ ގޮތް ގާނޫނަކުން ބަޔާން ކުރަން ޖެހޭނެ ކަމަށެވެ. އަދި އިދާރީ ދާއިރާތަކުގެ އާބާދީ އިންތިހާބީ ދާއިރާތަކަށް ބެހުމުގައި ވީ އެންމެ ބޮޑަކަށް ހަމަހަމަ ކުރެވޭނެ އުސޫލެއް ގާނޫނަކުން ކަނޑައަޅަން ޖެހޭނެ ކަމަށް އުވާލަން ހުށަހެޅި މާއްދާގައި ބުނެފައިވެ އެވެ.

މަޖިލީހުގައި ތިއްބަވާނީ 85 މެންބަރުންގެ ގޮތުގައި ކަނޑައެޅުމަށް ބިލެއް މަޖިލީހަށް ވައްދާފައިވާ އިރު އީސީ އިން ވަނީ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބްގައި މާލެ ސިޓީއަށް ދެ ދާއިރާ އިތުރުކޮށް ޖުމްލަ 87 ދާއިރާއާ އެކު އިންތިހާބީ ދާއިރާތަކުގެ ފައިނަލް ރިޕޯޓް ގެޒެޓުކޮށްފަ އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*