މައްސަލަ އުޅެނީ ޖޭއެސްސީ އެކުލަވާލުމުގައި، ރިޒާގެ އެއް ނޫން: ޑރ.ޚަލީލް

ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބުދުﷲ ޚަލީލު ރައްޔިތުންގެ މަޖިލިސްގެ ބަހުސްފައި ވާހަކަފުޅުދައްކަވަނީ

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ކުރިމަތިވެފައިވާ މައްސަލަތައް ކުރިމަތިވެފައިވަނީ އެ ކޮމިޝަންގެ މެންބަރު ރައްޔިތުންގެ މަޖިލިސްގެ ފަރާތުން ކަނޑައަޅާފައިވާ ކ.ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާގެ ސަބަބުން ނޫން ކަމަށާއި އެއީ އެކޮމިޝަން އެކުލެވިގެންވާ ގޮތުގެ ނަތީޖާކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ޑރ.ޢަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިގޮތަށް ވިދާޅުވެފައިވަނީ ޖޭއެސްސީގެ މެންބަރުކަމުން ރިޒާ ވަކިކުރުމަށް އެމްޑީޕީގެ ފަރާތުން ވައިކަރަދޫ ދާއިރާގެ މެންބަރު ނާޒިމް ހުށަހަޅުއްވާފައިވާ ޤަރާރަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ނާޒިމް ހުށަހަޅުއްވާފައިވާ ޤަރާރަށް ވާހަކަފުޅުދައްކަވަމުން އެކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނަވައި ކޯޓުތަކުގައި ވަކާލާތު ނުކުރެއްވޭނަމަ، ދައުލަތުގެ ބަންޑާރަ ނައިބާއި، ވަކީލުންގެ ފަރާތުން އައްޔަންކުރާ ވަކީލަށްވެސް އެކަން ނުކުރެއްވޭނެކަމަށެވެ. އަދި އެކޮމިޝަންގައި ހިމެނޭ މެންބަރަކަށް ވަކާލާތު ކުރުމުގައި ހަރަކާތްތެރި ނުވެވޭނެކަމަށް އޮތީ ކޮން ޤާނޫނެއްގައިތޯވެސް އެމަނިކުފާނުވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން، އެއްވެސް ތާކުންތާކު ނުޖެހޭ ޤަރާރެއް ހުށަހަޅުއްވައިގެން ރިޒާ ވަކިކުރުމަށް މަސައްކަތް ކުރަމުން ގެންދަނީ ޖޭއެސްސީ އަތްދަށުލައި ބޭނުންވާ ވަކި ކަންތައްތަކެއް ޙާޞިލްކުރުމުގެ ބޭނުމުގައިކަމަށާއި، އަދި މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމަށް މިހާރުގެ މަޖިލިސް ރައީސް، ޤާސިމްގެ ނަންފުޅުވެސް އެމްޑީޕީން ފޮނުވާނެ ދުވަސް ދުރުގައި އޮތްކަމަށް ދެކެވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ. އެގޮތުން، “މައްސަލައަކީ މަހުޖަނު” ކަމަށް ނަޝީދު ވިދާޅުވެފައިވަނީ ސީދާ ޤާސިމަށް އަމާޒުކޮށް އެމަނިކުފާނުގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވައްޓާލުމުގެ ބޭނުމުގައި ކަމަށްވެސް ވިދާޅުވިއެވެ.

ޤަރާރުގެ ބަހުސަށްފަހު މިއަދުގެ ވޯޓްގެ ވަގުތުގައި ނެގި ވޯޓުން ރިޒާވަނީ ޖޭއެސްސީއިން ވަކިކޮށްފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*