ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލު ކުރަން ފަށައިފި

ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި ބިޔާކުރަމުންގެންދާ ހިޔާ ފްލެޓްތައް

ސަރުކާރުން ކުރިއަށް ގެންދާ ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު 7000 މީހުންނަށް ލިޔުން ހަވާލުކުރަން ފަށައިފިއެވެ.

ފްލެޓް ލިބުނު މީހުންނަށް ލިޔުން ހަވާލުކުރަން ފަށާފައިވަނީ މިއަދުއެވެ. އެ ލިޔުމުގައިވާ ގޮތުން ފްލެޓްގެ އެއްބަސްވުމާއި ފައިސާ ދެއްކުން ކުރިއަށް ގެންދާނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 12 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސާރވިސް މުވައްޒަފުންނަށް 1000 ފްލެޓް، އުމުރުން 18- 40 ދެމުދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓް، ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓް، މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓް، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް، ޓީޗަރުންނަށް 625 ފްލެޓް، އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފްލެޓް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އައިލާތަކަށް 200 ފްލެޓް، ގުޅިފަޅާއި ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކުނު ފަރާތަކަށް 300 ފްލެޓް، ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް އަދި މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ ވަރަށް ދަތިހާލުގައި އުޅޭ ގޭބިސީތަކަށް ދޫކުރާ 256 ފްލެޓެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އިތުރުން ބައެއް ރަށްރަށުން ދޫކުރި ފްލެޓްތައް ލިބުނު މީހުންގެ ވަގުތީ ލިސްޓް ވެސް ވަނީ އާންމުކޮށްފައެވެ،

ހިޔާ މަޝްރޫއުގެ ފްލެޓުތައް ދޫކުރަން ފަށާފައިވާއިރު، އަލަށް އެކުލަވާލާ ސަރުކާރުން ފްލެޓް ލިސްޓް ބާތިލްކޮށް، ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައްވާނެކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ތަރުޖަމާނު، މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވަނީ “ހިޔާ” މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކަށް، އައު ސަރުކާރުން ފްލެޓް ނުދީފިނަމަ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ދައުވާ ކުރުމުގެ ފުރުޞަތު އޮންނާނެކަމަށް ވިދާޅުވެފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*