އިންޑިއާ ކަނޑާއި އައްޑޫ ގުޅުވައި ނަޝީދު ދެއްކި ވާހަކައިގެ ހަގީގަތް އެނގެން ޖެހޭ

ރައީސް ނަޝީދު މީޑިއާއަށް މަޢުލޫމާތު ދެއްވަނީ

މި އަހަރުގެ މޭ މަހުގެ ތެރޭގައި އައްޑޫ ސިޓީގެ ކައުންސިލަރުންތަކަކާ އެކު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި މަޝްވަރާތަކެއްގެ އޯޑިއޯ ލީކުވި އެވެ. އެ އޯޑިއޯގައި ދިވެހި ދައުލަތުން ވަކިވެ، ވަކި ދައުލަތެއް ހަދަން ހިނގާށޭ އައްޑޫ ރައްޔިތަކު ބުނުމުން ރައީސް ނަޝީދު ވިދާޅުވީ “ހަތިޔާރު ނެތިއްޔާ ވަތްކެތް ނުވެވޭނެ” ކަމަށެވެ.

 ނަމަވެސް އައްޑޫ ވަރުގެ އާބާދީއެއް ވަކި ދައުލަތެއް ހަދައިގެން އުޅޭ ބްރިޓިޝް ވާޖިން އައިލެންޑްސްގެ ޓޯޓޮލާ މިސާލެއްގެ ގޮތުގައި ނަޝީދު ނަންގަވައި އެ ވާހަކަފުޅު ވަނީ ދައްކަވައިފަ އެވެ.

އެވާހަކަ އެހެން ދެކެވި އޮބިފައި ވަނިކޮށް އައްޑޫ ވަކި ދައުލަތަކަށް ހަދަން ބޭނުންވާ ކަހަލަ އިޝާރާތްތަކެއް ނަޝީދު މިވަނީ އަނެއްކާ ވެސް ދައްވައިފަ އެވެ. ސީދާ ވަކި ދައުލަތެއް ހަދަން ބޭނުންވާ ކަމަށް ވިދާޅެއް ނުވެ އެވެ. ނަމަވެސް ނަޝީދު ދެއްކެވި ވާހަކައިން އެކަހަލަ މާނައެއް ދޭހަވާ ކަމަށް ބައެއް ބޭފުޅުން ވިދާޅުވި އެވެ.

މިހަފްތާގެ އަންގާރަ ދުވަހު އައްޑުއަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އެ ސިޓީގެ ހިތަދޫގައި ހުންނަވައި އައްޑޫ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގެ މަސްލަތަހަތު ގުޅިފައި ވަނީ އިންޑިއާ ކަނޑާ ކަމަށެވެ. އަދި އައްޑޫ ސިޓީ ވެގެން ދާނީ އިންޑިއާ އާއި ޗައިނާ ހަނގުރާމަ ނިމުމަކަށް ގެނެސްދޭ ސިޓީއަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެވާހަކަތަކާ ގުޅިގެން ބައެއް ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. ޕީޕީއެމްގެ އެސްޖީ އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރުން އަބްދުﷲ ހަލީލް ވިދާޅުވީ ނަޝީދު އައްޑޫގައި ދެއްކި ވާހަކަފުޅުން ދޭހަވަނީ ކޮންމެ ގޮތެއް ހަދާފައި ވެސް ވެރިކަމުގެ އާރާއި ބާރު ބޭނުންވާ ކަން ކަމަށެވެ. އެހެންވީމާ އައްޑޫ ވަކި ދައުލަތަކަށް ހަދަން ނަޝީދު މަސައްކަތް ނުކުރާނެއޭ ވިދާޅުވުމަށް ދަތި ކަމަށް ހަލީލް ވިދާޅުވި އެވެ.

“ނަޝީދުގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް އިންޑިއާ ކަނޑުގެ މަސްލަހަތާއި އައްޑޫ ސިޓީއާ ގުޅުވާ ވާހަކަތަކެއް ދެކެވުނު. އެހެންވީމާ އައްޑޫ ސިޓީ މިނިވަން ދައުލަތަކަށް ހަދަން ނަޝީދު މަސައްކަތް ނުކުރާނެޔޭ ދަނަންވަން ދަތި،” ނިލަންދޫ ދާއިރާގެ މެމްބަރު ހަލީލް ވިދާޅުވި އެވެ.

ނަޝީދު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި އެ ސިޓީގެ ވަކި ވަކި ރައްޔިތުންނާ ވެސް ވަނީ ބައްދަލުކުރައްވައިފަ އެވެ. އަދި އެ ސިޓީގައި ނަޝީދުގެ އޮފީހެއް ވެސް ވަނީ ހުޅުވައިފަ އެވެ.

މިނިވަން ވެގެން ރާއްޖެ އައިސް ފުރަތަމަ ދަތުރުފުޅު އައްޑުއަށް ކުރެއްވުމުން ގިނަ ބަޔަކު ވަނީ ސުވާލުތަކެއް ކުރުވައިފަ އެވެ. ނަޝީދާ މާ ގާތް ގުޅުމެއް އައްޑުއާ އޮތީ ކީއްވެތޯ އެވެ. މިއީ ޖަވާބު ނުލިބޭ ސުވާލުތަކެކެވެ.

އައްޑޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ އެންމެ ގާތް ބަޔަކީ އިންޑިއާކަން އައްޑޫ ރައްޔިތުން ދަންނަން ޖެހޭ ކަމަށެވެ. ނަޝީދު އެހެން ވިދާޅުވެފައިވާ އިރު ވޭތުވެ ދިޔަ ފަސް އަހަރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާތް ގުޅުމެއް ބާއްވާފައި ވަނީ ޗައިނާއާ އެވެ.

ނަޝީދު ވެރިކަމުގައި އެމްޑީޕީ ސަރުކާރުން ވަނީ އިންޑިއާ އާ ގާތް ގުޅުމެއް ބާއްވައިފަ އެވެ. އަދި އިންޑިއާގެ މިލިޓަރީ ބޭސްއެއް އައްޑޫގައި އަޅާ ކަމުގެ ވާހަކަތަކެއް ވެސް 2009 ވަނަ އަހަރު ދެކެވުނެވެ.

އަދި ރާއްޖޭގެ އެންމެ ބޮޑު ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް 50 އަހަރަށް ކުއްޔަށްދިނެވެ.

ޖީއެމްއާރު އަތުން އެއާޕޯޓް އަނބުރާ ނެގީ ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި 2012 ވަނަ އަހަރު އެވެ. ނަތީޖާއެއްގެ ގޮތުން ދިވެހި ދައުލަތުން ބަދަލުގެ ގޮތުގައި ޖީއެމްއާރަށް 271 މިލިއަން ޑޮލަރު (4،178 މިލިއަން ރުފިޔާ) ދައްކަން ޖެހުނެ އެވެ.

އެކަން އެގޮތަށް ހިނގާފައި ވަނިކޮށް ނަޝީދުގެ އައްޑޫ ދަތުރުފުޅުގައި ރާއްޖޭގެ އެންމެ ގާތް ބަޔަކީ އިންޑިއާކަން ހަނދާން ކުރުމަށް ނަޝީދު ވިދާޅުވުމުން ސުވާލު އުފެދެ އެވެ.

“ޒަމާނުއްސުރެ ފަށައިގެން ދިވެހިރާއްޖޭގެ އެކުވެރިންނަކީ އިންޑިއާ. އިންޑިއާގެ ހަމަޖެހުމާއި އިންޑިއާގެ ސަލާމަތާއި ރައްކާތެރި ކަމަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމާއި ގުޅިފައި ހުރި ކަމެއް. އައްޑޫ ސިޓީ އާއި މި ސިޓީގެ ރައްޔިތުން އަބަދު ވެސް ވިސްނަވާން ޖެހޭނެ. އަބަދު ވެސް ބައްލަވާނެ ޖެހޭނެ ތިޔަ ބޭފުޅުންނަކީ ހަމައެކަނިި ދިވެހިރާއްޖޭގެ މަސްލަހަތާ ގުޅިފައިވާ ބައެއް ނޫން.” ނަޝީދު ވިދާޅުވި އެވެ.

އައްޑޫގެ ކައުންސިލަރުންނާ އެކު ކުރި މަޝްވަރާގައި އައްޑޫ ވަކި ދައުލަތަކަށް ހެދޭނެ ކަމުގެ ވާހަކަތަކެއް މިދިޔަ މޭ މަހު ނަޝީދު ދެއްކެވި އެވެ. މިސާލެއް ގޮތުން ދެއްކެވީ ބްރިޓިޝް ވާޖިން އައިލެންޑްސް އެވެ.

“އަޅުގަނޑު ޓޯޓޮލާއަށް ދިޔައިން. ބްރިޓިޝް ވާޖިން އައިލެންޑްސް ކެރީބިއަންގައި. ހަމަ އައްޑޫ ވަރުގެ އަތޮޅެއް އެއަށް ވުރެ މީހުން ވެސް މަދު. ހަމަ ގާތް ގަނޑަކަށް އެހާކަންވަރު. އަދި 32،000 މީހުން އައްޑޫގައި އެބައުޅޭ ދެއްތޯ.” ލީކުވި އޯޑިއޯގައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަފުޅުގެ މާނަ ދިވެހިންނަށް ކިޔައިދޭން ޖެހެ އެވެ. ރާއްޖޭގެ މަސްލަހަތު އަދި އިންޑިއާ ކަނޑުގެ މަސްލަހަތު ގުޅިފައި ވަނީ އައްޑޫ ސިޓީއާ ކަމަށް ބުނާ ބުނުމަކީ ކޮން މާނައެއްގައި ބުނާ ބުނުމެއްތޯ ސާފުވާން ޖެހެ އެވެ.

  • މިލިޔުމަކީ ސަން.އެމް.ވީ އިން ނަގާފައިވާ ލިޔުމެއް.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*