އިންޑިޔާގެ މަސްލަޙަތު އައްޑޫގައި އޮތްކަމަށް ނަޝީދު ވިދާޅުވުމަކީ ނުރައްކަލެއް

އިންޑިއާގެ މަސްލަހަތާއި އައްޑޫ މާބޮޑަށް ގުޅިފައިވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަކީ ގައުމީ ސަލާމަތައް އޮތް ނުރައްކަލެއްގެ ސިގްނަލް ކަމަށް ރައްޔިތުން މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މެންބަރު ޚަލީލް މިހެން ވިދާޅުވީ އިއްޔެ ނަޝީދު އައްޑޫ ސިޓީގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ޚަލީލް ވިދާޅުވީ ނަޝީދު ދެއްކެވި ވާހަކަފުޅަކީ ވަރަށް ނުރައްކާތެރި ނަތީޖާއެއް ނިކުމެދާނެ ވާހަކަފުޅެއް ކަމަށެވެ.

“(އެއީ) ކޮން މަޤުޞަދެއް ހާސިލް ކުރުމަށް ދެއްކި ވާހަކައެއްތޯ ދައުލަތުން ތަޙްޤީޤު ކުރަންޖެހޭ.” ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ ނަޝީދު ވިދާޅުވަމުން އެގެންދަވަނީ 17 ނޮވެމްބަރ ގައި އުފެދޭ ސަރުކާރުގެ ސިޔާސަތުތޯ ނުވަތަ ނޫންތޯ އެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދިވެހި ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭނެ ކަމަށެވެ. “އަޅުގަނޑަށް ފެންނަނީ ރައީސް-އިލެކްޓްގެ މައްޗަށް ނަޝީދުގެ ނުފޫޒު އިންތިހާއަށް ބޮޑު ކަމަށް.” ޚަލީލް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އައްޑު އަތޮޅަކީ މުއްސަނދި އަތޮޅެއް ކަމަށާއި އައްޑު އަތޮޅަކީ އިންޑިއާ ކަނޑުގެ މެދުގައި އޮތް އަތޮޅެއް ކަމަށެވެ. އެހެން ކަމުން އައްޑު އަތޮޅު މުހިންމު ވަނީ ހަމައެކަނި ރާއްޖެއަށް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

“އިންޑިއާ ކަނޑު މިދަނީ ބަދަލުވަމުން، އިންޑިއާ ކަނޑުގައި ފިނި ހަނގުރާމައެއް އުފެދެމުން އެބަ އާދޭ. އައްޑޫ ރައްޔިތުންނަށް މިކަން ސާފުވާނެ. އިންޑިއާއާއި ޗައިނާގެ ނުރުހުންތައް އެދެބައި މީހުންގެ އުދާސްތައް އެންމެ ފަހުން ތަހައްމަލް ކުރާނެ އަދި އެންމެ ފަހުން ހަމަޖެހުމަކަށް ގެންނާނޭ ތަނަކީވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި މި އައްޑު އަތޮޅު” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އައްޑޫ ސިޓީއާމެދު ވިސްނަނީ ހަމައެކަނި ރާއްޖޭގެ ރައްޔިތުން ނޫން ކަމަށާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ފަރާތްތައް ބަލަމުންގެންދާ ކަމަށެވެ. އަދި ވިދާޅުވީ، އިންޑިއާ ކަނޑުގެ ހަމަޖެހުން ހޯދުމަށް އިއްޑޫ ސިޓީން މަސައްކަތް ކުރުމަކީ ދިވެހީންނަށް އޮތް މަސްއޫލިއްޔަތެއް އަދި ޒިންމާއެއް ކަމަށެވެ.

“ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގެ އެކުވެރިންނަކީ އިންޑިއާ، އިންޑިއާގެ ހަމަޖެހުމާއި އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިހުރި ކަމެއް، އައްޑޫ ސިޓީއާއި މި ސިޓީގެ ރައްޔިތުން އަބަދުވެސް ވިސްނަވަންވާނެ އަބަދުވެސް ބައްލަވާން ޖެހޭނެ ތިބޭފުޅުންނަކީ ހަމައެކަނި ރާއްޖޭގެ މަސްލަހަތާއި ގުޅިފައިވާ ބައެއް ނޫން، ތިބޭފުޅުންނަކީ އިންޑިއާ ކަނޑުގެ މަސްލަހަތާވެސް މާބޮޑަށް ގުޅިފައިވާ ބައެއް،” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އާސަރުކާރުގެ ބޭނުމަކީ އައްޑޫ ސިޓީގެ ތަރައްގީއަށް މުޅި ދުނިޔެއިން އެހީތެރިވުން ކަމަށާއި އައްޑޫ ސިޓީ އާއި ރާއްޖޭގެ ހަމަޖެހިން ގުޅިފައި އޮތީ މުޅި ދުނިޔޭގެ ހަމަޖެހުމާއި ކަމަށެވެ. އަދި އައްޑޫ ސިޓީގެ ހަމަޖެހުން އޮތީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި މާބޮޑަށް ގުޅިފައި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*