މީހަކާއި ބެހޭގޮތުން ނުރަނގަޅު ވާހަކައެއް ދެއްކުމުގެ ކުރިން ވިސްނާލިންތަ؟

ހަސަދަވެރިކަން ހާމަކޮށްދޭ ފޮޓޯއެއް

އިންސާނާ ދުނިޔޭގައި ތަފާތު އަމަލުތައް ކުރާނެއެވެ. އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައިން މީހުން ބުނެއުޅޭ ވާހަކައެއް ވެއެވެ. ‘އެއްވެސް މީހަކީ “ޕާފެކްޓް” މީހެއް ނޫނެވެ’. އާއެކެވެ. އެއްވެސް މީހަކީ ތިމާގެ ދިރިއުޅުމުގައި އެންމެ ރަނގަޅު މީހަކަށް ނުވާނެއެވެ. ތިމާ ކިތައްމެ ރަނގަޅަށް އުޅުނަސް އެކަމަށް ފާޑު ކިޔާ މީހުން ވަރަށް ގިނަ ވާނެއެވެ. އަޅުގަނަޑުމެންގެ ތެރެއިން ގިނަ މީހުންނަކީ އަބަދުވެސް އެމީހެއްގެ ދިރިއުޅުން ކުރިއަށް ވުރެ ރަނގަޅުކޮށް، ހެޔޮމަގު އިޚްތިޔާރު ކުރާ މީހުންނަށް ވާއިރު، އެމީހާ އެމަގުން ދިއުމުގައި ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވާނެއެވެ. މައްސަލަ އަކީ ފާޑު ކިއުމެއް ނޫނެވެ. މައްސަލައަކީ އެމީހާގެ ދިރިއުޅުން އަނެކާއަށް ރަނގަޅަށް ނޭނގިހުރެ، ގޮތްނޭގޭ ވާހަކަތައް ފެތުރުމެވެ. މީ ދިވެހިންގެ ތެރޭގައި ވަރަށް ޢާންމުކަމެކެވެ.

އެގޮތަށް ހިތު ހުރި ގޮތަކަށް ވާހަކަތައް ފެތުރުމުން އަނެކާގެ ދިރިއުޅުމަށް ތިމާއަށް ނޭނގި ނަމަވެސް އަތްބޭނުނީއެވެ. ނުވަތަ ނޭނގޭ ވާހަކަތައް ދައްކައިގެން އަނެކާގެ ދިރިއުޅުން ޖަޖް ކުރަނީއެވެ. ނަމަވެސް މިގޮތަށް ޖަޖް ކުރުމުން އަނެކާގެ ދިރިއުޅުމަށް އެކަމުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރާ ދޭތެރޭގައި ވިސްނާލީ ކިތައް ބޭފުޅުންތޯއެވެ؟

ތިމާއަށް ވާހަކައެއް އަޑުއިވިދާނެއެވެ. ނަމަވެސް އެއީ ތެދެއްތޯ ނުވަތަ ދޮގެއްތޯ ބަލާނުލާ އޭގެތެރެއަށް ފޮނިތޮށި، ކާފޫރުތޮޅި އަޅައިގެން ރަށްޓެހިންގެ ތެރޭގައި ފަތުރަމުންދަނީ ކިތައް މީހުންތޯއެވެ؟ ވިސްނާލާށެވެ! ތިމާއަށް ދެކެވޭ އެންމެ ވާހަކައަކުންވެސް އަނެކާގެ މުޅި ދިރިއުޅުން ހަލާކުވެގެން ހިނގައިދާނެއެވެ. ގޮތް ނޭނގޭ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި ތިމާގެ އަމިއްލަ ދިރިއުޅުން ރަނގަޅު ކުރަން މަސައްކަތް ކުރާށެވެ. އަނެކާ އާއިމެދު ނުރަނގަޅު ގޮތްނޭނގޭ ވާހަކައެއް ދައްކާއިރު، އެމީހަކު ވިސްނަންޖެހޭ ވިސްނުންތަކާ، ހަނގުރާމަ ކުރަމުންދާ ކަންތައްތައް އިހްސާސް ކުރެވޭ ހެއްޔެވެ؟

މީހަކު ޖަޖް ކުރަންވާނީ ތިމާއަށް އިވޭ އަޑަކުން ނޫނެވެ. ދިރިއުޅުމުގައި ބޮޑެތި ކުށް ފާފަތައް ކޮށްފައި ހުންނަ މީހުންވެސް އެމީހާގެ ދިރިއުޅުން އަމިއްލައަށް އިސްލާހުކޮށް ރަނގަޅުވެފައި އެބަހުއްޓެވެ. މީހަކު ކުރާ ކުށެއްގެ ސަބަބުން ނުވަތަ އޭނާގެ ދިރިއުޅުމުގައި އަޅާ ކަތި ފިޔަވަޅެއްގެ ސަބަބުން އެމީހަކު ޖަޖް ނުކުރާށެވެ. ތިމާއަށް ނޭނގުނު ކަމުގައި ވިޔަސް އެމީހަކު އެ ނިންމުން ނިންމީ، ވަކި މީހެއްގެ ލާބަޔާ މަންފާ އަށްޓަކައި ކަމަށް ވެދާނެއެވެ. ނުވަތަ އެކަމުން އެމީހަކަށް އުފަލެއް ނުލިބުނީމަ ކަމަށްވެސް ވެދާނެއެވެ. ވީމާ މީހަކު ކުރާ ކަމެއްގެ ސަބަބުން އެމީހަކާމެދު ގޮތް ނުނިންމާށެވެ. ހުރިހާ ކަމެއްގައިވެސް އިސްލާމީ ރިވެތި އުޞޫލުތައް ގެންގުޅެން އާދަ ކުރާށެވެ.

އަބަދުވެސް ހަނދާންކުރާށެވެ. ބަސް ބުނުމުގެ ކުރިން ބަހަކީ ތިމާގެ އަޅެކެވެ. ނަމަވެސް ބަސް ބުނުމަށްފަހު ތިމާއަކީ އެ ބަހުގެ އަޅެވެ.

  • މި ލިޔުމަކީ ފެންވަރު.ކޮމް އިން ނެގިފައިވާ ލިޔުމެކެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*