ނަރުދަމާ ނިޒާމު ”ކުޑަ ދުވަހެކޭ އެއްގޮތްވާނެ“: ޝިޔާމް

ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި ކައުންސިލްގެ މުވައްޒަފުން ޙަރަކާތްތެރިވަނީ (ފޮޓޯ: ނިލަންދޫ ރަށު ކައުންސިލް)

ނިލަންދޫ ނަރުދަމާ ނިޒާމް މިހާރު “ކުޑަ ދުވަހެކޭ އެއްގޮތްވާނެ” ކަމަށް ނިލަންދޫ ރައްޔިތުންގެ ކަންކަން ހިންގާ ބެލެހެއްޓުމާއި ޙަވާލުކޮށްފައިވާ ސުޕަވައިޒަރު އަހްމަދު ޝިޔާމް ހާމަކުރައްވައިފިއެވެ. އޭނާ މިގޮތަށް ހާމަކުރައްވާފައިވަނީ ނިލަންދޫ ނަރުދަމާ ނިޒާމުގެ 92 ޖަންކްޝަނާއި މައްސަލަ ބޮޑު ހިސާބުތަކުގެ ގޯތިގޯތީގައި ބަހައްޓާފައިވާ ޓޭންކްތައް ސާފުކުރުމަށް ފަހުގައެވެ.

މީގެ ކުރިން އެއް ގޮތަކަށް ވެސް ސާފުނުކޮށް ދޫކޮށްލާފައިވާ ނަރުދަމާ ނިޒާމާއި ޝިޔާމު ޙަވާލުވުމަށްފަހު، ޖަންކްޝަންތަކުން ނަޖިސް ހުސްކުރުމަށްފަހު ކޮންމެ ޖަންކްޝަނެއްވެސް ވަކިވަކިން ސާފުކޮށްފައިވެއެވެ. އޭގެ އޭގެ ތެރޭގައި އޭގައި ހުރި މޯޓަރުތަކާއި އޮޓޯ ސުވިޗްތައްވެސް ހިމެނެއެވެ.

ޝިޔާމުގެ އިތުރުން މި މަސައްކަތްތައް ކުރުމުގައި ރައްޔިތުންގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުން ލިބިފައިވެއެވެ.

“މީގެ ކުރިން ވެސް އަހަރުމެން މި އެއްޗެހި ސާފުކުރިން. އެކަމަކު މިހާރު މި އެނގެނީ އެނގުމާއި ނޭނގުމުގެ ތަފާތު. އޭރުގައި ހަދާގޮތަކީ ޖަންކްޝަންތަކުގެ މަތި ނަގާފައި ނަޖިސްތައް މަތިމަތިން ހުސްކުރަނީ” މަސައްކަތުގައި ބައިވެރިވި ރައްޔިތުންގެ މުވައްޒަފެއް ހާމަކުރިއެވެ.

އޭނާ އިތުރަށް ބުނީ، ރަނގަޅަށް ސާފުކުރަން އެނގިފައި ނުވުމުގެ ސަބަބުން އޮޓޯ ސްވިޗްތަކަށް އިލޮށި ލައްވައި ސާފުކުރަން އުޅުމުގެ ތެރޭގައި އޭގެތެރެއިންވެސް ގިނަ ސާމާނު އޭރުގައި ހަލާކުވެފައިވާ ކަމަށެވެ. އަދި ހަލާކުވެފައިވާކަމަށް ބަލާ، ގިނަ ޖަންކްޝަންތަކުގައި ހުރި އޮޓޯ ޕަންޕްތައް އާއެއްޗިއްސައް ބަދަލުކޮށް، އޭގެ ތެރެއިން ބައެއް ޕަންޕްތައް ނައްތާލާފައިވާނެ ކަމަށެވެ. ނަމަވެސް ޝިޔާމު ޙަވާލުވުމަށްފަހު ހަލާކުވެގެން ނަގާފައިވާ ގާތްގަނޑަކަށް ހުރިހާ ޕަންޕްތަކެއްވެސް މިހާރު ހަދާފައިވާ ކަމަށް ވެސް އޭނާ ބުނެއެވެ.

“އަޅުގަނޑުމެނަށް މިހާރު ގަބޫލުކުރެވެނީ، ނޭނގުމުގެ އިތުރުން، އޭރުގެ ކައުންސިލުންވެސް މިކަންކަމަށް އެހާ ފަރުވާ ނުބަހައްޓަނިއްޔޭ. އޭރުގައި އަހަރުމެން މަސައްކަތްކުރޭތޯ ނުކުރޭތޯވެސް ބަލާނެ މީހަކު ނުހުރޭ. މިހާރު އަހަރުމެންގެ ވެރިމީހާ އަބަދު ހުންނަނީ ކައިރީގައި. ވާނުވާ ކައުންސިލަރުން ބަލާ. އަސްލު ވަރަށް ތަފާތު.” އޭނާ އިތުރަށް ކިޔައިދިނެވެ.

ނިލަންދެއަށް އެނގިފައިވާ ގޮތުގައި، ނަރުދަމާ ނިޒާމުގައި 40 ކިލޯ ޖަނަރޭޓަރެއްގެ އިތުރުން އިތުރު ޖަނަރޭޓަރު ހުންނަކަން ކުރީގެ ކައުންސިލަށްވެސް އެނގިފައެއް ނެތެވެ.

“ނޭނގޭނީ ފަރުވާ ކުޑަވީމާދޯ! ރައްޔިތުންގެ ކަންކަން އޭރުގެ ރައީސް ބެލިވަރު މިއިން އެނގެނީ ދޯ!” މިހާރުގެ ކައުންސިލުން ސްޓޮކް ނަގަން ކުރި މަސައްކަތުގެ ތެރެއިން 5 އަދި 3 ކިލޯގެ ޖަނަރޭޓަރެއްވެސް ހުރިކަން ބަޔާންކުރަމުން އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން މައި ޕަންޕް ސްޓޭޝަނުންވެސް ހަލާކުވެގެން ނަގާފައިވާ ޕަންޕްތައް ހަދާ، ހަޔެއްކަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މިހާރު 5 ޕަންޕް ހިންގަމުން ދެއެވެ. ސުޕަވައިޒަރު ޝިޔާމު ހާމަކުރެއްވި ގޮތުގައި ނަރުދަމާ ނިޒާމުގެ ޕްރެޝަރު ދައްވުމުގެ ސަބަބުން ދިމާވި މައްސަލަތައްވެސް މިހާރު އެވަނީ ޙައްލުވެގެން ގޮސްފައެވެ.

ނިލަންދޫ ރަށު ކައުންސިލުން މިހާރުވަނީ އެހުރިހާ އިންޖީނުތަކެއް ވެސް ރަނިންގ ކޮންޑިޝަންއަށް ގެނެސްފައެވެ. އަދި މުޅި ތަނުގެ ސްޓޮކްނަގާ ރައްޔިތުންގެ މާލިއްޔަތުގެ ތެރެއަށް އެ ރެކޯޑްތައް ވައްދާފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*