ދެވަނަ ދައުރުގެ ކައުންސިލް: 3 އަހަރުން ނަގުދު 3.4 މިލިޔަން ރުފިޔާގެ ގެއްލުން

ނަގުދު ފައިސާގެ އިތުރުން އެހެނިހެން ގޮތްގޮތުން ލިބުނު ގެއްލުން 3 މިލިޔަނަށް އަރާ!

ފ.ނިލަންދޫ ރަށު ކައުންސިލްގެ ދެވަނަ ދައުރުގެ ދުވަސްވަރުު ނިލަންދޫ ރައްޔިތުންގެ މާލިއްޔަތުންނާއި ސަރުކާރުން އެކިއެކި ކަންކަމަށް ވެދެއްވާފައިވާ އެހީތަކުން 3.4 މިލިޔަން ރުފިޔާ ގެއްލިފައިވާކަން ނިލަންދެއަށް ކަށަވަރުވެއްޖެއެވެ. މިކަންކަން ހާމަވަމުން މިދަނީ ރައްޔިތުންނަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މިހާރުގެ ކައުންސިލުން ކަންކަން ހިންގުމުގެ މަގުސަދުގައި ރައްޔިތުންގެ މާލިއްޔަތު އޮޑިޓު ކުރުމުންނާއި، މެނެޖްމަންޓް ރިވިއުއެއް ހެދުމުގެ ތެރޭގައެވެ.

ނަގުދު ފައިސާގެ ގެއްލުން
ނަގުދު ފައިސާގެ ގޮތުގައި ގެއްލުނު ފައިސާގެ ތެރޭގައި ހިމެނެނީ ނިލަންދޫ ރައްޔިތުގެ ފިހާރައެއް ހުޅުވައިގެން އެތަން ކޮންމެ މަހަކު ގާތްގަނޑަކަށް 55،000 ރުފިޔާގެ ގެއްލުމުގައި ހިންގަންޖެހުމުން ލިބިގެންދިޔަ 1.1 މިލިޔަން ރުފިޔާގެ ގެއްލުމާއި، މިނިވަން 50 ފާހަގަކުރުމުގެ ގޮތުންނާއި ނިލަންދޫގައި ކުރަންހުރި ބައެއް އެހެންކަންކަމަށް ސަރުކާރުން ދެއްވި 500،000 އަށްވުރެ ގިނަ ރުފިޔާ ތިޖޫރީގައި ބަހައްޓާފައިވަނިކޮށް ތިޖޫރީ ވަގަށް ނެގުމުގެ ސަބަބުން ގެއްލިގެން ދިޔަ އެ ފައިސާއާއި، ޕިކަޕެއް ގަތުމަށް ނިލަންދޫ ރައްޔިތުންނަށް ދޫކުރި 300،000 ރުފިޔާގެ ތެރެއިން 272،000 ރުފިޔާ އެޑްވާންސްކޮށް ވުޖޫދުގައި ނެތް ކުންފުންޏަކަށް ދިނުމުން ގެއްލިގެން ދިޔަ ފައިސާއެވެ. އަދި ހަމަ އެހެންމެ، ރައްޔިތުންގެ ވިޔަފާރިއެއް ފެށުމަށް ޢިމާރާތުގެ މަރާމާތަށްކަމަށް ބުނެ، ޚަރަދުކުރި 1.5 މިލިޔަން ރުފިޔާވެސް މީގެ ތެރޭގައި ހިމެނެއެވެ.
ތިޖޫރީ ގެއްލުނުއިރު، އޭގައި އެފައިސާ ހުންނަތާ 5 މަސްދުވަހަށްވުރެ ގިނަ ދުވަސްވާނެކަމަށް ބެލެވެއެވެ. ނިލަންދޫގައި ބޭންކެއް ހުރެ ޖަމާ ނުކޮށް އެގޮތަށް ބެހެއްޓުމަކީ މާލިއްޔަތުގެ ގަވައިދާ ޚިލާފަށް ހިންގާފައިވާ ޢަމަލެކެވެ. ތިޖޫރީ ވަގަށް ނެގުމާ ގުޅިގެން އޭރުގެ ކައުންސިލްގެ ރައީސް ރައްޔިތުންނާއި ބައްދަލުކޮށް، “ނިލަންދޫ ރައްޔިތުންގެ ފައިސާއެއް ނުގެއްލޭ. ގެއްލުނީ ސަރުކާރުގެ ފައިސާ” ކަމަށް ވިދާޅުވެފައިވެއެވެ. އަދި ހަމަ އެެހެންމެ އެޑްވާސްކޮށް ޕިކަޕްގަންނަން ފައިސާ ދޫކުރުމަކީވެސް މާލިއްޔަތުގެ ޤާނޫނާ ޚިލާފަށް ހިންގާފައިވާ ޢަމަލެކެވެ.
މީގެ އިތުރުން، ފިހާރައަށް މުދާގެނައުމުގައި ވެސް ވަކިފަރާތަކަށް ފައިދާކުރުމުގެ ގޮތުން ހިންގާފައިވާ ކަންކަމުގެ ސަބަބުންވެސް ރައްޔިތުންނަށްވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައެވެ. އެގޮތުން ފުރިތަމަ ވިޔަފާރި ހުޅުވުމަށް މުދާގެނައުމަށް ނިލަންދޫގައި ދުއްވަމުންދާ ހަމައެކަނި ނާލު ބޯޓަށް ގާތްގަނޑަކަށް 150،000 ޚަރަދުކޮށްފައިވާކަމަށް ބެލެވެއެވެ. އެއީ މުދާ އޮޑިއެއް ކުއްޔަށް ހިފައިގެން މުދާ ގެނައިނަމަ 40،000 ރުފިޔާ ފުއްދާލެވޭނެ ޚަރަދެކެވެ. ފިހާރަ ހިންގި މުއްދަތުގެ ތެރޭގައި ބޯޓުގެ ނާލަށް އެކަނި 800،000 ޚަރަދުކޮށްފައި އޮންނާނެ ކަމަށް އަންދާޒާތަކުން ދައްކައެވެ. ނަމަވެސް މިއީ މުދާ އުފުލާ ދޯންޏެއްގައި މިކަން ކުރިނަމަ މި ޢަދަދުގެ 3 ބައިކުޅަ އެއްބައިން ފުދޭނެކަމަށްވެސް ހިސާބުތަކުން ދައްކައެވެ.

ރައްޔިތުންގެ ފިހާރަ: ބޮޑު ޚިޔާނާތެއް
ނިލަންދޫ ރައްޔިތުންގެ ފިހާރަ ވެގެން ގޮސްފައިވަނީ ޚިޔާނާތް ވުމަށާއި ވަކި ބަޔަކަށް މަންފާ ކުރުވުމަށް ހުޅުވައިދިން ދޮރެއްގެ ގޮތުގައެވެ. ނިލަންދޫގެ އިސް ސަފުގައި ހިމެނޭ އެތައް ބަޔަކު ދެކޮޅު ހަދަމުން ދަނިކޮށްވެސް ފިހާރަ ހުޅުވީ “އަމިއްލަ ޖީބު ބޮޑުކުރަން” ކަމަށް ވެދާނެއެވެ.
ކުރިން ދެންނެވި ނަގުދު ފައިސާ އިން ލިބުނު ގެއްލުމުގެ އިތުރުން، ފިހާރަ ހުޅުވުމަށް މުދާ ގެނައިއިރު، 3 މަސްދުވަހުން މުއްދަތު ހަމަވާ ކާބޯތަކެތީގެ އެތައްވައްތަރުތަކެއް ގެނައުމުގެ ސަބަބުންވެސް އެތައް ލައްކަ ރުފިޔާއެެއްގެ ގެއްލުން ވެފައިވެއެވެ. އެގޮތުން ފާހަގަކުރެވޭ އެކައްޗަކީ ކޯސްޓް ކިރު ދަޅެވެ. ޢާންމު ގޮތެއްގައި 1 އަހަރަށްވުރެ ގިނަ ދުވަހު މުއްދަތު ހަމަނުވެ ހުއްނަ މިދަޅުތައް ބެލެވޭތުން އޭރު ގަނެފައި ހުންނާނީ ބާޒާރުގެ ހަމަ އަގަށްވުރެ ކުޑަކޮށް ނަމަވެސް ފިހާރައަށް ބިލްކޮށްފައިވަނީ ހަމަ އަގުގައެވެ. އަތި އެތަކެތި ކުޑަ ދަވަސްކޮލެއްގައި މުއްދަތު ހަމަވުމުގެ ސަބަބުން ޖެހުނީ އުކާލާށެވެ.

ރައްޔިތުންގެ އިންޖީނުގެއަށްވީ އިހުމާލު
މީގެ އިތުރުން ކައުންސިލް ހިންގި ދުވަސްވަރު އިންޖީނުގެއަށް ގެނައި 12 ނުޒުލްއެއްގެ ތެރެއިން 8 ނުޒުލެއް ވީނުވީއެއް ނޭގި ގެއްލުމުގެ އިތުރުން 400 ކިލޯގެ އިންޖީނުގެ މަރާމާތަށްފަހު އޭގެ މޯޓަރު އެލައިން ނުކޮށް އަޅުވާ ހިންގުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ގެއްލުނު ނުޒުލެއްގެ އަގަކީ 11،000 ރުފިޔާއެވެ.
ނިލަންދެ އިން ހިންގި އިންވެސްޓިގޭޝަނުން އެނގުނު ގޮތުގައި ނިލަންދޫ އިންޖީނުގެއަށް ގެންގޮސްފައިވާ ޕެނަލް ބޯޑުވެސް ގެންގޮސްފައިވަނީ އެފެންވަރުގެ ޕެނަލް ބޯޑެއްގެ އަގަށްވުރެ 300،000 ރުފިޔާ ބޮޑު ކޮށެވެ. އޭގެ ޕެނަލް ބޯޑެއްގެ އަގަކީ 1.2 މިލިޔަން ރިޔާއެވެ. އެ 3 ލައްކަ ރުފިޔާ ވަދެފައިވާ ދިމާލެއް ނިލަންދޫ ރައްޔިތުންނަށް އެނގުންވެސް މުހިންމެވެ. ހަމަ އެހެންމެ ޕެނަލް ބޯޑުގެ ވޮރެންޓީ މުއްދަތުގައި އޭގައި ހުރި ކާޑުތަކެއް ނައްޓައި ފެންވަރު ދައް ކާޑުތަކެއް ޕެނަލް ބޯޑުވިއްކި ޕްލޭންކްޓަންއިން ދެކޮޅު ހަދަމުން ދަނިކޮށްވެސް އެޅުވުމުގެ ސަބަބުން ޕެނަލް ބޯޑަށާއި އިންޖީނުތަކުގެ މޯޓަރުތަކަށް ސިންކްރޮނައިޒް މައްސަލަތަކެއް ދިމާވެ، ގެއްލުންތަކެއް ލިބިގެން ގޮސްފައިވެއެވެ. ބޭނުން ނުކުރެވޭ، ފެންވަރުދައް މީގެ އެތައް ކާޑެއް ގަނެފައި އެބަހުއްޓެވެ. މީގެ ކާޑެއްގެ އަގަކީ 8000 ރުފިޔާއެވެ.
ނިލަންދޫ ރައްޔިތުންގެ މާލިއްޔަތަށްވެފައިވާ ޖުމްލަ ގެއްލުމަށް ބަލާއިރު ގާތްގަނޑަކަށް 6 މިލިޔަނަށްވުރެ ބޮޑުވާނެ ކަމަށް ހިސާބުތަކުން ދައްކައެވެ. ސުވާލަކީ މިކަންކަމާއި ޒިންމާ ނަގަންކެރޭނެތޯއެވެ؟

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*