ކޮޅިގަނޑު ވަރުގަދަވެ ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު

ފެން ހިއްކުމުގެ މަސައްކަތް ނިލަންދޫގައި މިއަދު ކުރިޔަށްދަނީ

ސްރީ ލަންކާ ކައިރީގައި އުފެދުނު ކޮޅިގަނޑު އިތުރަށް ވަރުގަދަވެ ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑުކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއްޖެއެވެ.

ލަންކާ އަދި އިންޑިޔާ ހިސާބަށް މިސްރާބު ޖަހާފައިވާ މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީސް އިން މީގެ ކުރިން ވެސް ވިދާޅުވެފައި ވެއެވެ.

ކޮޅިގަނޑު މިހާރު ދަތުރުކުރަމުންދަނީ ރާއްޖޭގެ އުތުރުން ރާއްޖެއާއި ދުރަށް އަރަބި ކަނޑާއި ދިމާލަށް ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އެހެންކަމުން ކޮޅިގަނޑު ތޫފާނަކަށް ބަދަލުވި ނަމަވެސް، ރާއްޖެއަށް ތޫފާން އެރުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް މެޓް އިން ބުނެއެވެ.

ނަމަވެސް ކޮޅިގަނޑުގެ ބާރުގަދަވަމުން ދާތީ ރާއްޖޭގެ ސަރަހައްދަށް ކޮޅިގަނޑުގެ ވިލާތައް އަރާނެ ކަމަށް ވަނީ މައުލޫމާތު ދީފައެވެ. އަދި ކުރިއަށް އޮތް 12 ގަޑި އިރުވެސް ރާއްޖެއަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެކަމަށް ލަފާ ކުރެވެއެވެ.

މި ވިއްސާރައިގެ ސަބަބުން ހއ.އަތޮޅުން ފެށިގެން ކ.އަތޮޅާއި ދެމެދު މިއަދު މެންދުރު 15:00 އިން މިރޭ 19:00 އާއި ހަމައަށް ޔެލޯ އެލާޓް ވަނީ ނެރެފައެވެ.

މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

މި ވިއްސާރައިގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ބޭނުން ކުރާ މޯލްޑިވިއަންގެ ފްލައިޓްތަކުގެ ބައެއް ދަތުރުތައް ވަނީ ކެންސަލް ކޮށްފައެވެ. އަދި ލަންކާއަށް ކުރުމަށް ހަމަޖެހިފައިވާ ބައެއް އެއާލައިންތަކުގެ ދަތުރުތައްވެސް ވަނީ ކެންސަލް ކޮށްފައެވެ.

މި ވިއްސާރާގައި ލަންކާއަށާއި ރާއްޖެއަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. އެގޮތުން ލަންކާއަށް މިހާރު ކުރަމުންދާ މި ވިއްސާރައިގައި މިހާތަނަށް 4 މީހަކު މަރުވެ 23 މީހަކު ވަނީ ގެއްލިފައެވެ. އަދި ރާއްޖޭގެ ބައެއް ރައްތަކުގައި  ވަރަށް ބޮޑަށް ފެންބޮޑުވެ ހިފާ ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުންވެފައެވެ.

.މި ކޮޅިގަނޑުގެ ސަބަބުން އަވައްޓެރި ސްރީލަންކާއަށް ވަނީ އިތުރު 12 ގަޑިއިރަށް ރެޑް އެލާޓް ނެރެފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*