ނިލަންދޫ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ފައްޓައިފި

ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި ކައުންސިލްގެ މުވައްޒަފުން ޙަރަކާތްތެރިވަނީ (ފޮޓޯ: ނިލަންދޫ ރަށު ކައުންސިލް)

ފާއިތުވެދިޔަ 2 ކައުންސިލަށްވެސް ޙައްލުނުކުރެވުނު ނަރުދަމާ ނިޒާމުގެ މައްސަލަތައް ޙައްލުކުރުމަށް މިހާރުގެ ކައުންސިލުން ވެސް ކުރިމަތިލައިފިއެވެ. ނަރުދަމާ ނިޒާމުގެ މަސައްކަތް ޙައްލުކުރުމުގެ މަސައްކަތް ނިލަންދު ކައުންސިލުން ފަށާފައިވަނީ މިދިޔަ ހަފްތާ ބަންދުގައެވެ.

2008 ވަނަ އަހަރު ޔުނިސެފް އެހީއާއެކު ދިވެހި ސަރުކާރުން ނިލަންދޫގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމަކީ ވަރަށް ފުރިހަމަ ނިޒާމެކެވެ. ނަމަވެސް ނިޒާމު ގާއިމް ކުރެވުނުތާ މަދު ދުވަސްކޮޅެއްގެތެރޭގައި ދިމަވަމުން ދިޔަ މައްސަލަތަކަށް ޙައްލު ހޯދުމަށް ކައުންސިލުންވަނީ ނުކުޅެދިފައެވެ. އެންމެ ބޮޑު ކަމަކަށް ދިމާވެފައިވަނީ އެކަށީގެންވާ ގޮތަކަށް މި ނިޒާމް ބެލެހެއްޓިފައިނުވާ މައްސަލައެވެ.

މިހާރުގެ ކައުންސިލް އިންތިޚާބުވުމާއި ގުޅިގެން މި ކައުންސިލުންވެސް އެންމެ އިސްކަމެއް ދެމުން ގެންދިޔަ އެއް މަސައްކަތަކީ ނަރުދަމާ ނިޒާމަށް ދިމާވަމުންދާ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތެވެ. އެގޮތުން އެކިއެކި ފަރާތްތަކަށް އެހީތެރިކަމަށް އެދުމުން ސަރުކާރުން 12 ލައްކަ ރުފިޔާގެ އެހީއެއް ދެއްވާފައިވެއެވެ. ނަރުދަމާނިޒާމަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމަށް ވަގުތުން ވަގުތަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބެލުމަށްފަހު އެންމެ އަވަސް ޙައްލަކަށް ފެނުނީ މަގުމަތީގައި ބަހައްޓާފައު ހުރި 92 ޖަންކްޝަނާއި ގޯތިގޯތީގައި ބަހައްޓާފައިހުރި ޖަންކްޝަންތައް ސާފުކުރުމުގެ މަސައްކަތެވެ. އެހެންކަމުން 2017 ނޮވެމްބަރ 23 ވަނަ ދުވަހުން ފެށިގެން ޖަންކްޝަންތައް ސާފުކުރުމުގެ މަސައްކަތް ނިލަންދޫ ކައުންސިލްގެ ސްޕަވައިޒަރ އަޙްމަދު ޝިޔާމުގެ ބެލުމުގެ ދަށުން ކައުންސިލުގެ މުވައްޒަފުން ވަރަށް ފުރިހަމައަށް ކުރަމުން ގެންދެއެވެ. އަދި މިހާރު މަސައްކަތް ކުރިޔަށްދާ ގޮތަށް މަސައްކަތް ކުރިޔަށްދާނަމަ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަަލައަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބި ރައްޔިތުންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދެވޭނެކަމަށް ނިލަންދޫ ކައުންސިލުން ފާހަގަކުރައްވައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*