ރަށުގެ ވެރިންގެ ގޮތުގައި މިހާރު ގިނައީ ޒުވާނުން –  ޖަލީލު

ކުރިން ޢުމުރުން ދުވަސްވީ ހަރު މީހުން ވެރިންނަށް ތިއްބަސް، ނިލަންދޫގައި ޤާއިމްކޮށްފައިވާ އިދާރާތަކުގެ ވެރިންގެ ގޮތުގައި ގިނައިން ފެނިގެންދަނީ މިހާރު ޒުވާނުން ކަމަށް ނިލަންދޫ ރަށު ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލު ވިދާޅުވެއްޖެ އެވެ.

ކައުންސިލް ގެ ރައީސް މުޙައްމަދު ޖަލީލު މިހެން ވިދާޅުވީ ރަށުގެ ޒުވާނުންނާއި ބައްދަލު ކުރުމަށް ހުކުރު ދުވަހުގެ ރޭ އެމްޕީ ޑރ.ޚަލީލު ނިލަންދޫގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި، ސްކޫލާއި، ހޮސްޕިޓަލާއި، ޒުވާނުންގެ މަރުކަޒާއި، އެސްޓީއޯ ބޭސް ފިހާރަ އާއި ބެންކް އަދި މީރާ ފަދަ އިދާރާތަކަށް ބެލިޔަސް އިސްކޮށް ހިންގާތަން ފެނިގެންދަނީ ޒުވާނުން ކަމަށާއި، ރަށުގެ ތަރައްޤީ އާއި ކުރިއެރުމާއި ގުޅުންހުރި ހުރިހާ ކަމެއްގައިވެސް ޒުވާނުންގެ ހިއްސާ މިއަދު ބޮޑު ކަމަށް ރައީސް ޖަލީލު ވިދާޅުވި އެވެ.

ޖަލީލު ވިދާޅުވީ ވެރިންގެ ގޮތުގައި މިހާރު ބޭނުންވަނީ ތަޢުލީމީ ޤާބިލް ޒުވާނުން ކަމަށާއި، އެފުރުޞަތު ނިލަންދޫ ޒުވާނުންނަށް ވަރަށް ބޮޑަށް ހުޅުވިފައިވާ ކަމަށެވެ. އަދި ޚިޔާލާއި ފިކުރުގެ ގޮތުން ވަރަށް މުއްސަނދި ޒުވާނުން ރަށުގައި ތިބެދާނެ ކަމަށާއި، އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފައި، ޒުވާނުންނަކީ ރަށުގައި ނަން ހިނގާ ނަތީޖާ ނެރެވޭފަދަ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

މިހާރުން މިހާރަށް ބެލިޔަސް ޒުވާނުންގެ ބޭނުން ކައުންސިލަށް ވަރަށް މުހިއްމުކަން ފާހަގަ ކުރައްވަމުން ޖަލީލު ވިދާޅުވީ، ރަށުގެ ބިނާވެށި ޕްލޭނަކީ ޒުވާނުންގެ ގިނަ ބަޔަކު ބޭނުންވާ ގޮތަށް ބައްޓަން ކުރެވިފައިވާ ޕްލޭނަކަށް ވުމަށް އެދިވަޑާއިގަންނަވާ ކަމަށާއި، އަލަށް ހިއްކާފައިވާ ސަރަޙައްދު ޕްލޭން ކުރުމުގައި ހުރިހާ ޒުވާނުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އަދި ކައުންސިލުން ކުރަމުންދާ ކޮންމެ ކަމަކަށް ޒުވާނުންނަށް އަބަދުވެސް ކައުންސިލްގެ ދޮރު ހުޅުވިފައި ހުންނާނެ ކަމަށާއި، ދޭދޭ މީހުން ދައްކާ ވާހަކަތައް އަޑު އެހުމުގެ ބަދަލުގައި ކަން ހިނގާގޮތް ރަނގަޅަށް ސާފުކޮށް، ކައުންސިލާއި ގުޅިގެން ކުރިއަށް ދިއުމަށް ރަށުގެ ހުރިހާ ޒުވާނުންގެ ކިބައިން އެދިވަޑާއިގަންނަވާ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. އަދި ކައުންސިލުން ކުރެވޭ ނުރަނގަޅު ކަންކަން ބުނެދެއްވުމަށް އެދިވަޑައިގެން އެކަންކަން ރަނގަޅު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ޖަލީލު ދެއްވެވި އެވެ.

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*