އެމްޕީ ޑރ.ޚަލީލު ނިލަންދޫ ޒުވާނުންނާ ބައްދަލުކުރައްވައިފި

ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޑރ.ޚަލީލު ނިލަންދޫ ޒުވާނުންނާއި ބައްދަލުކުރައްވައިފި އެވެ.
ހުކުރު ދުވަހުގެރޭ ޕީޕީއެމް ނިލަންދޫ ޖަގަހައިގަ ބޭއްވުނު މި ބައްދަލުވުމުގައި އެމްޕީ ޑރ.ޚަލީލު ވަނީ ދާދި ފަހުން ޒުވާނުންގެ ދުވަހު ޜާއްޖޭގެ އެކި ރަށްރަށުގައި ޤާއިމްކޮށްފައިވާ ޒުވާނުންގެ މަރުކަޒުތަކުން ހިންގި ޙަރަކާތްތަކުން އެއްވަނަ ނިލަންދޫ ޒުވާނުންގެ މަރުކަޒު ހޯދާފައިވާތީ، އެއީ ލިބިގެންދިޔަ އުފާވެރި ޚަބަރެއް ކަމަށާއި، ނިލަންދޫގެ އެންމެހާ ޒުވާނުންނަށް ލިބިގެންދިޔަ ފަޚުރެއް ކަމަށް ވިދާޅުވެފައި އެވެ. އަދި ނިލަންދޫ ޔޫތު ސެންޓަރގެ ކޯޑިނޭޓަރ ޢަލީ އަޙުމަދު އާއި ހުރިހާ މުވައްޒަފުންނަށް މަރުޙަބާ ކިޔާފައި ވެއެވެ.
އެމްޕީ ޑރ.ޚަލީލު ވިދާޅުވީ ކުރެވޭ ބުރަ މަސައްކަތުން ލިބޭ މިފަދަ ރީތި ނަން ދެމެހެއްޓޭނީ އެއް އަމާޒަކަށް ވާޞިލް ވުމަށް އަމާޒެއް ކަނޑައަޅާއި، އެއަމާޒަށް ވާޞިލް ވުމަށް އަހައްމިއްޔަތުކަން ދީގެން ކަމަށެވެ. އަދި އެކަމަށް ޒުވާނުންގެ މަސައްކަތުގެ ވައްޓަފާޅި އާއި އެކަމަކަށް ޒުވާނުންގެ ޝައުޤުވެރިކަން ހުންނަ މިންވަރު މުހިއްމު ދައުރެއް އަދާކުރާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އިވޭ ކޮންމެ އަޑަކަށް އިޖާބަދީ، އެވާހަކަ ޤަބޫލު ކުރުމުގެ ބަދަލުގައި ޙަޤީޤަތް ހޯދައި، ޒުވާނުންގެ ސިކުނޑިތައް މިހާރަށްވުރެ ބޮޑަށް ހުޅުވައި، ރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކުގައި ޒުވާނުންގެ ހިއްސާ އޮތީ ކިހާ މިންވަރަކަށްތޯ ބެލުން މުހިއްމު ކަމަށެވެ. އަދި މިހާރަށްވުރެ ބޮޑަށް ކައުންސިލުން ކުރެވޭ މަސައްކަތްތަކުގައި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑުކޮށް ދެއްވުމަށްވެސް އެމްޕީ ޑރ.ޚަލީލު ވިދާޅުވި އެވެ.
މިބައްދަލުވުމުގައި އެމްޕީ ޑރ.ޚަލީލުގެ އިތުރުން ނިލަންދޫ ރަށު ކައުންސިލް ގެ ރައީސް މުޙައްމަދު ޖަލީލު އާއި، ނައިބް ރައީސް ޢަލީ މުޙައްމަދު އާއި ކައުންސިލް މެމްބަރ ޢަބްދުއްލަތީފު މުޙައްމަދުގެ އިތުރުން ހޮސްޕިޓަލްގެ މެނޭޖަރ އަޙުމަދު ނާޒިމް އާއި ޔޫތު ސެންޓަރ ގެ ކޯޑިނޭޓަރ ޢަލީ އަޙުމަދު އާއި ބޭސް ފިހާރަ ހިންގުމާއި ޙަވާލުވެހުރި އިބްތިޝާމް އަދި ބައެއް އެހެން ފަރާތްތަކުން ބައިވެރިވެފައި ވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*