މަސައްކަތަށް އެހީތެރިވުމަށް ވީއްލުމާއި، ރަށަށް އެރުމާއެކު ކޯޑިނޭޓަރުގެއްލުން އަރަތަކަށް!

ޒުވާނުންގެ ދުވަހަށް ނިލަންދޫ ޒުވާނުންގެ މަރުކަޒު ތައްޔާރު ކުރަމުން ގެންދަނީ.

ދައުލަތުން މުސާރަދީފައި ވަޒީފާތަކަށް އެކިމީހުން އައްޔަންކުރަނީ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާއި އެކުގައެވެ. ބައެއް ފަރާތްތަކުން ވަޒީފާގެ މަސްއޫލިއްޔަތު އިންތިހާއަށް ރަނގަޅަށް އަދާކޮށް މަދަދުގާރުންގެ ގޮތުގައި ޙަރަކާތްތެރިވާއިރު، އަނެއްބައި ފަރާތްތަކުން މިފެންނަނީ މިޒިންމާތަކާއި މަސްއޫލިއްޔަތުތައް ހަނދާނުގައި ހަރުލާފައި ނެތް މަންޒަރެވެ. އެފަދަ ފަރާތްތަކާއި ފަހަރުގައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް ހަވާލު ނުކުރަނީ ކަމަށްވެސް ވެދާނެއެވެ. ޚިޔާލު މާމޮޅަށް ހުއްޓަސް، ކަންފަސޭހަ ކަމުގެ ސަފްހާ ބޮޑީކަމަށްވެސް ވެދާނެއެވެ. ނޫނީ ކަންނެތްކަން ބޮޑުވީމާ، ތިމާއަށް ކަމެއް ނުކުރެވޭތާނގާއި އެހެން މީހުންނަށްވެސް ނުކުރެވޭކަން ދެއްކުމުގެ ގޮތުން ވިޔާނުދާ އަނގަތެޅުން މޮޅުއިތުރުކަމަށް ހީވަނީ ކަމަށްވެސް ވެދާނެއެވެ. ނޫނީ އެހެން މީހުނަށްވުރެ “ބޮޑު”ވީމާ، ސުޕަވައިޒަރެއްގެ ދައުރު އަދާކުރަނީ ކަމަށްވެސް ވެދާނެއެވެ. މިހުރީ ހައްތާވެސް ވެދާނެ ގޮތްތަކެވެ.

ކޮންމެ އަކަސް މިކަހަލަ ކަމެއް ދާދިފަހުން ނިލަންދޫއިން ވަނީ ފެނިފައެވެ. ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ދާދިފަހުން ހަމަޖެއްސެވި ޢަބުދުލް ޖަލީލް އަޙްމަދަކީ ސީދާ މިނިސްޓްރީއަށް ނުކުންނަވަންޖެހޭ މުވައްޒަފެކެވެ. ނަމަވެސް ނިލަންދޫގައި އޮންނަ އެކިއެކި މުނާސަބަތުތަކަށާއި އެކިއެކި ހަފްލާތަކަށް ޔޫތް މިނިސްޓްރީން ފަސޭހަކަމާއެކު އޭނާއަށް ރިލީޒް ލިބެއެވެ. އެގޮތުން އެންމެ ފުރަތަމަ ރިލީޒް ލިބުނީ ރައީސް ޔާމީން 1 ނޮވެންބަރުގައި ނިލަންދޫއަށް ކުރެއްވި ދަތުރާއި ދިމާކޮށެވެ. ރައީސްގެ ޒިޔާރަތާއި ގުޅިގެން ނިލަންދޫގެ ޒުވާނުންތަކެއް ރަށުތެރެ ޒީނަތްތެރިކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔަތަން ފެނުނެވެ. ނަމަވެސް ، ކޯޑިނޭޓަރު ފެނުނީ ވަރަށް މުރާލިކަމާއެކު ރަށުތެރޭގައި ދެކޮޅަށް ސައިކަލާއި ކާރުގައި ދުއްވާތަނެވެ. ވަރަށް މަދުން މަސައްކަތް ހިނގާ ސަރަހައްދަށް ޒިޔާރަތް ކުރައްވާކަމަށެވެއެވެ. އެސަރަހައްދަށް ޒިޔާރަތްކޮށްލާ ވަގުތުގައިވެސް، މަސައްކަތުގައި ބައިވެރިވުމުގެ ބަދަލުގައި އޭނާގެ މުއްސަނދި ޚިޔާލުތަކުން މަސައްކަތް ކުރަންތިބޭ ޒުވާނުންގެ ސިކުނޑިތައް މުއްސަނދި ކުރެއްވުމަށްފަހު ފެންނަނީ މަންޒަރުން ގެއްލޭތަނެވެ. އެއީ އެދުވަހެވެ.

ދެން އައީ ރައީސް ޔާމީންގެ ސަރުކާރުން އެންމެ އިސްކަންދޭ ޒުވާނުންނާ ގުޅުންހުރި، ގައުމީ ޒުވާނުންގެ ދުވަސް ނޮވެންބަރު 17 އެވެ. އެދުވަހުގެ ތައްޔާރީތަކަށްވެސް އޭނާ ހުންނެވީ ވީއްލުމާއެކު ނިލަންދޫގައެވެ. ނިލަންދޫ ޒުވާނުންގެ މަރުކަޒުގައި އެދުވަހު މަސައްކަތްކުރި ޒުވާނުންތަކެއް ބުނިގޮތުގައި ކޯޑިނޭޓަރު ޖަލީ އެތަނަށް ބުރައިވެސް ނުލައެވެ. މަސައްކަތުގައި ބައިވެރިވުމަށް އެތައް ފަހަރަކު ދައުވަތު ދިންކަމަށްވެސް ވެއެވެ. ޒުވާނުންގެ މަރުކަޒު ޒީނަތްތެރިކުރުމަށް ބުރަ މަސައްކަތްތަކެއް ޒުވާނުން ކުރަމުން ދިޔައިރު، ޒުވާން ކޯޑިނޭޓަރ ފެނުނީ އެއަރކޯން ކާރުގައި ސަޅިކަނޑަން ދުއްވަމުން ދިޔަ މަންޒަރެވެ. ބޮޑު މުސާރަދީފައި ނުވިތާކަށް ރިލީޒް ދީފައި ނިލަންދޫއަށް ފޮނުވި މަސައްކަތް ހަނދާނަކަށް ނައެވެ. ރައީސް ޔާމީން ދެއްވި މަގާމެއްގައި ހުންނެވިއިރު، ފެނިގެންދިޔައީ ޒުވާނުންނަކީ ރައީސް ޔާމީން އެންމެ އިސްކަންދެއްވާ ޢުމުރުފުރާކަން ހަނދާނުގައިނެތި، ބައިސާ ކަނޑަމުން އުޅުއްވާ ތަނެވެ.

ޒުވާނުންގެ ދުވަހާއި ގުޅުންހުރި އެހެންކަމެކެވެ. ޒުވާނުންގެ ދުވަހުގައި މަސައްކަތް ކުރި އެތައް ޒުވާނުންގެ އަގުވަޒަން ކުރުމުގެ ހަފްލާއެއްވެސް މީގެ 2 ރެއެއްކުރިން ޒުވާނުންގެ މަރުކަޒުގައި ބޭއްވިއެވެ. ޒުވާނުން ކުރި މަސައްކަތް ބަލައިގަނެ ޔޫތް މިނިސްޓްރީންވަނީ ނިލަންދޫގެ ޒުވާނުންގެ މަރުކަޒު 1 ވަނަ އަށް ވާދަކުރާކަމަށް އަންގާފައެވެ. ނަމަވެސް، ޒުވާނުންނަށް މި ލިބުނު އުފާވެރިކަން ފާހަގަކުރުމަށް ނިލަންދޫ ޔޫތް ސެންޓަރއިން އިންތިޒާމްކޮށް ބޭއްވި ހަފްލާގައި ބައިވެރިވުމަށް އެދި ދައުވަތު ދިނުމުންވެސް ރަށުގައި ހުންނަވައި ޒުވާނުންނަށް ހިތްވަރުދެއްވުމަށް އެ ހަފްލާއަށް ނުދުރުވެއެވެ.

މި ކަންކަން މިހެން ހުއްޓަސް އުފާކުރަންޖެހޭކަމަކީ، ކޯޑިނޭޓަރު ޖަލީލުގެ ރަސްމީ ޒިންމާތައް އޮތްގޮތަށް ބާއްވަވާފައި އަދި ނިލަންދޫ ރަށު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސްކަމުގައި ހުންނަވައި އެ މަސްއޫލިއްޔަތުން، ބައެއް ޒުވާނުންގެ ބަހުންނަމަ ފެއިލްވެފައިވިޔަސް، މިއަދު އޭނާއަކީ މިހާރުގެ ކައުންސިލަށް ރަނގަޅު އެޑްވައިޒަރަކަށްވަނީ ވެފައެވެ. މިފަހަކަށް އައިސް ކޮންމެ ދުވަހަކީވެސް ނިލަންދޫ ރަށު ކައުންސިލަށް ފޭސްބުކް މެދުވެރިކޮށް ވަރަށް ތަނަވަސް ޚިޔާލުތަކެއް ދެމުންގެންދާ ދުވަސްތަކެކެވެ. އަދި ކައުންސިލަށް ނުކުރެވޭ ކަންކަން ވަރަށް ރަނގަޅަށް ދަނީ ހަނދާންކޮށްދެއްވަމުންނެވެ. އަމިއްލަ މަސްއޫލިއްޔަތު އުފުލުމުގައި ފަރުވާކުޑަވެ ފެއިލްވެފައިވިޔަސް، އަދި އެކަމުގެ ސަބަބުން ދެވަނަ ފަހަރަށް ނިލަންދޫ ރަށު ކައުންސިލަށް ކުރިމަތިލެއްވުމުން ރައްޔިތުން ނޫނެކޭ ބުނެފައިވި ނަމަވެސް، އެހެން މީހުންގެ ޒިންމާ ހަނދާންކޮށްދީ ފާޑު ކިޔުމަކީވެސް ރަނގަޅު ސިފައެއްތާއެވެ.

ނިލަންދޫ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތަކުގައި ޒުވާނުންގެ މަރުކަޒާއި އެ މަސައްކަތުގައި ޝާމިލްވާ ޒުވާނުންނާއެކު މަސައްކަތު ނުނުކުންނެވީ، ވަޒީފާ ލިބިފައިވަނީ ‘2019 އަހަރުގެ މަޖިލިސް އިންތިޚާބުގައި އަޅުގަނޑަށް ކެންޕެއިން ކޮށްދިނުން’ ކަމަށްވުމުން، އެޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް ނުކުންނަވަންޖެހޭ ‘ރަސްމީ އޮފީހަށް’ ނުކުންނަވަންޖެހޭ ގަޑި ނުޖެހޭތީ ކަމަށް ވެދާނެއެވެ. ނޫނީ މި ކޯޑީނޭޓަރާއި ޔޫތް މިނިސްޓްރީން ޙަވާލުކޮށްފައިވަނީ ނިލަންދޫ ކައުންސިލް ހިނގާ ނުހިނގާގޮތް ބެލުންބާއެވެ؟

ބަހުން މެޓާ ހިލުމާއި، ޢަމަލީ މަސައްކަތުން މެޓާ ހެދުން، މިއީ ތަފާތު ދެކަމެއް ދޯއެވެ!

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*