ކާރިސާތަކުން ސަލާމަތްވުމަށް އަތޮޅު ފެންވަރުގައި ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި އުފައްދާ ފުރަތަމަ މަރުކަޒު ފ. ނިލަންދޫގައި

ރާއްޖެ އަށް ދިމާވެދާނެ ކާރިސާތަކުން ރައްކާތެރިވުމުގެ ގޮތުން އަތޮޅު ފެންވަރުގައި މަސައްކަތް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި އުފައްދާ ފުރަތަމަ މަރުކަޒު ފ. ނިލަންދޫގައި މިހާރު ގާއިމް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. މިފަދައިން އެމަނިކުފާނު ވިދާޅުވީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ޚިތޯބެއްގައެވެ.

ރާއްޖެ އަށް ދިމާވެދާނެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި، ކާރިސާތަކަށް އިޖާބަ ދިނުމުގެ ގާބިލިއްޔަތުކަން އިތުރުކޮށްދިނުމުގެ ގޮތުން ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ރާއްޖެ އަށް ހަދިޔާ ކުރި ސާމާނުތައް، ވަރަށް އަވަހަށް އަތޮޅުތަކުގެ އެކި ސަރަހައްދުތަކަށް ފޮނުވާނެކަމަށްވެސް މި ޚިތޯބުގައި މިނިސްޓަރ ވިދާޅުވިއެވެ.

“އެ ވަސީލަތްތަކުގެ ސަބަބުން ކާރިސާތަކަށް އިޖާބަ ދިނުމަށް ކުރަމުން އަންނަ މަސައްކަތްތައް ހަލުވިވެ އިތުރަށް ހަރުދަނާވެ އަވަހަށް ހިދުމަތް ދެވޭނެ،” މިނިސްޓަރު ވިދާޅުވި އެވެ.

ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަ ކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި އާ އެޖެންޑާތަކެއް ވަނީ އެކުލަވާލައިފަ އެވެ. މިނިސްޓަރު ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި ޕެރިސް އެގްރިމެންޓް ހިމެނޭކަން ފާހަގަ ކުރައްވާފައިވެ އެވެ.

މީގެ އިތުރުން، ތަރައްގީގެ މަޝްރޫތައް ހިންގާއިރު ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ގޮތްތައް ހިމަނައިގެން ފަސް އަހަރުގެ ގައުމީ ޕްލޭނެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*