ނަރުދަމާގެ މައްސަލަތައް ޙައްލުކުރުމަށް ކައުންސިލުން ބޮޑެތި މަސައްކަތްތަކެއްކުރަނީ

ފ.ނިލަންދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ނިލަންދޫ ކައުންސިލުން ބޮޑެތި މަސައްކަތްތަކެއް ފަށައިގެން ކުރިޔަށް އެބަގެންދެއެވެ. އެގޮތުން، އެންމެ ބޮޑުކަމެއްގެ ގޮތުގައި ކައުންސިލުން ކުރިޔަށް ގެންދަނީ ގޭގެޔަށް ޒިޔާރަތްކޮށް ގޭގޭގައި ހުރި ޖަންކްޝަންތައް ބަލައިފާސް ކުރުމުގެ މަސައްކަތެވެ. މިގޮތަށް ފާސްކުރުމުގެ ތެރޭގައި ބައެއް ގެތަކުގެ ޖަންކްޝަންތަކުން ވަނީ ސުތުލި ގޯނި، އުނބު، ގާ، އަދި ބޮޑެތި ފޮތިގަނޑު ފަދަ ތަކެތި ފެނިފައެވެ. މީގެ އިތުރުން ގަސްގަހުގެ މޫ ވަދެ ބައެއް ޖަންކްޝަންތަކުގައި ވަނީ މައްސަލަ ޖެހިފައެވެ.

މި ނިޒާމް ގާއިމްކުރެވި ބޭނުންކުރަން ފެށުނީ، ގެތަކުގައި ބަހައްޓާ ޖަންކްޝަންތަކުގައި ދާގަނޑު ޖަހައި ނަރުދަމާ ނިޒާމުގެ ތެރެއަށް މިހާރު ފެންނަމުންދާ ސާމާނު ނުދާނެ ގޮތަކަށެވެ. ނަމަވެސް ބައެއް ގޯތި ތަކުގައި ހުރި ޖަންކްޝަންތަކުން ވަނީ ދާގަނޑުތައް ނަގައިފައެވެ. މިކަމުގެ ސަބަބުން ނަރުދަމާ ނިޒާމްގެ ތެރެއަށް ދާންނުޖެހޭ ތަކެތި ގޮސް، ބައެއްފަހަރު ވެކިއުމް ޕަންޕްތަކުގައި ތާށިވެ އެ ޕަންޕްތައް ވެސް ހަލާކުވެފައިވާކަމަށް ކައުންސިލުން ވާހަކަދެއްކެވި ވެރިޔަކު ވިދާޅުވިއެވެ.

ނަރުދަމާ ނިޒާމްގައި މިފަހަކަށް އައިސް ބޮޑެތި މައްސަލަތައްޖެހި، މި ނިޒާމްވަނީ ފެއިލްވުމާ ގާތުގައެވެ. ރަށުގެ ބައެއް ދިމަދިމާލުން ނަޖިސްފެނާއި ނަޖިސް އަރައި ރަށުގެ ބައެއް ހިސާބުތައް ތަޣައްޔަރުވެފައިވާތާ އަހަރަކާ ގާތްވެފައިވާކަމަށް އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ބުނެއެވެ.

ކައުންސިލުން ވާހަކަފުޅު ދެއްކެވި ވެރިޔާ ހާމަކުރެއްވި ގޮތުގައި، ޢާންމުންގެ މިފަދަ މުހިންމު ބޭނުންތަކަށް ގާއިމްކުރެވިފައިވާ ނިޒާމް ހެޔޮގޮތުގައި ބޭނުންކުރެވޭނީ އެންމެހާ ރައްޔިތުންގެ އެއްބާރުލުން ލިބިގެނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*