“ސިއްތިބީ މައިޒާން”: ނިލަންދޫ ރަށު ކައުންސިލްގެ ނަމޫނާ މަސައްކަތެއް

ސިއްތިބީ މައިޒާން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނިލަންދޫ ރަށު ކައުންސިލުން އިސްނަގައިގެން ހެދި ސިއްތިބީ މައިޒާން ވެފައިމިވަނީ ގިނަ ދުވަސްތަކަކަށްފަހު ނިލަންދޫގައި ކުރެވިގެންދިޔަ ނަމޫނާ މަސައްކަތަކަށެވެ. ނިލަންދޫ ރަށު ކައުންސިލްގެ 100 ދުވަހުގެ ޕްލޭންގައި ހިމެނިގެން ކުރެވުނު އެންމެ ބުރަ އަދި މުހިންމު މަސައްކަތަށެވެ.

100 ދުވަހުގެ ޕްލޭން ހެދިއިރު ގިނަ ބައެއްގެ ވިސްނުމުގައި ހުރީ، ރަށު އިރުމަތީ ކޮޅު ސާފުކޮށްލައި ކޮންމެވެސް ވަރަކަށް ގޮނޑިކޮޅެއް ޖަހާލީމާ “ސިއްތިބީ މައިޒާން”ގެ މަސައްކަތް ނިމުނީ ކަމަށެވެ. ނަމަވެސް، އެތަން ސާފުކޮށް މަސައްކަތުގައި ކުލަޖެހެން ފެށި ހިސާބުން ފެށިގެން މައިޒާނުގެ ތަސައްވުރު ބޮޑުވަމުން ދިޔަ ދިއުންވެގެން ދިޔައީ، ބުރަ މަސައްކަތެއްގެ ފެށުން ކަމުގައެވެ.

ނިލަންދޫ ކައުންސިލްގެ ރައީސްއާއި ނާއިބު ރައީސްގެ ވިސްނުންފުޅު ވަރަށް ގާތުން އެނގުނު މީހެއްގެ ހައިސިއްޔަތުން ދަންނަވާލަންޖެހެނީ، ގޮންޖެހުންތައް ގިނަޔަސް އެކަން ކާމިޔާބު ކުރުމުގައި ފުރަތަމަ ދުވަހުން ފެށިގެންވެސް ގެންގުޅުންވައް ފެއްޓެވި ޢަޒުމުގެ ވަރުގަދަ ކަމެވެ. އެއާއިއެކު އެބޭފުޅުންނާއެކު ޢަމަލީ މަސައްކަތުގައި އެންމެ ގިނަ ވަގުތު ހޭދަކުރި، އޭނާގެ އަމިއްލަ ބަހުންނަމަ، “ކައުންސިލަރުންގެ ކައުންސިލަރު” އަޙުމަދު ޝިޔާމުގެ މުރާލިކަމާއި، ހުނަރުވެރިކަމެވެ.

އެ މައިޒާނަށް ވަންނަ ދޮރާ ހަމައިންވެސް އުފެއްދުންތެރި ޚިޔާލުތައް އެތަނުގައި ބޭނުންކޮށްފައި ހުންނާނެ މިންވަރު އެނގިގެންދާނެއެވެ. ރަށުން ލިބެންހުރި ތަކެތި ބޭނުންކޮށްގެން އެތައް ހަޓުތަކެއް ހަދާފައި އެބަހުއްޓެވެ. ހިތް ދަމައިގަންނަކަހަލަ އުނދޯލިތަކާއި، ގޮނޑިތައް ހަދާފައި އެބަހުއްޓެވެ. ހަޓުތަކުގައި ހަދާފައިވާ މޭޒުތައް އެހާ އުފެއްދުންތެރިވެފައި ޗާލެވެ. ރުއްރުކުގެ ބުޑުން އެންމެ މޮހޮރެއް އިސްކުރެއްގެ ހިސާބު ވެސް ނުޖަހައި ހަތަރުފައިލީ ސަލި ގޮނޑިތަކެއް ހަދާފައި އެބަހުއްޓެވެ. ކުޑަކުދިން ކުޅެން ދެ ސީސޯ ލަކުޑިން ހަދާފައި ހުރުމުގެ އިތުރުން، ދެ ރުކެއްގެ ދޭތެރޭގައި ލަކުޑިއާއި ވަލުން ބްރިޖެއްވެސް އަޅާފައި އެބަ އޮތެވެ. އެނގިފައިވާ ގޮތުގައި އެތަނުގައި ހަދާފައިވާ އެންމެ އުނދޯއްޔެއް ގަތުމަށްވެސް ރަށުން ބޭރު މީހަކު 6،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. އަގު އެބަހުރި އެހެންނޫންތޯއެވެ؟

މައިޒާނުގައި ބާބެކިއު ސްޓޭންޑް ބަހައްޓައި، ކައިބޮއެ އުޅެވޭނެ ގޮތަށް މޭޒާއި، ގިނަ ބަޔަކަށް ތިބެވޭނެ ގޮތަށް ދިގު އަށި ހަދާފައިވެއެވެ.

އެތަނަށް އިތުރު ފުރިހަމަކަމެއް ގެނުވާނީ އެތަނުގައި ހެދޭ ރެސްޓޯރަންޓުންނެވެ. ރެސްޓޯރަންޓަށް ބޭނުންވާނެ މައި ހަޓު ހިމާރު ހުރީ ހަދާފައެވެ. އަދި އައުޓްޑޯ އޭރިޔާއެއް އެކަމަށް ޚާއްސަކޮށްފައިވެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ހެޔޮހެދޭ ފަރާތަކުން އެތަނަށް ބޭނުންވާ އިތުރު ގޮނޑިތަކާއި އެއްޗެހި ހަދިޔާކުރާ ގޮތަށް މިހާރުވަނީ ނިންމާފައެވެ. އަދި ކައިރި ރިޒޯޓްތަކުން މި ހިތްގައިމު މާޙައުލަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

މައިޒާން ހުޅުވަން ވަޑައިގެންނެވި، ވިލުރީފުގެ ވެރިން ވިދާޅުވަނީ، “ރާއްޖޭގެ ރަށެއްގައި ހެދިފައިވާ އެންމެ ހިތްގައިމު މައިޒާނަށް މިތަންވެދާނެ، ހަމަގައިމުވެސް މިހާ ހިތްގައިމު ކަމެއް މި ސަރަޙައްދަކުން ނުދެކެން” ކަމަށެވެ.

ކޮންމެއަކަށް ނިލަންދޫ ރަށު ކައުންސިލަށް 100 ދުވަސް ފާހަގަކޮށްފައި މިވަނީ ވަރަށް ކާމިޔާބު ކަމާއެކުގައެވެ. އަދި ހަރަކާތްތެރި، ރައްޔިތުންނަށް ޚިދުމަތް ކުރާނެ ވިސްނުމުގެ ބަޔަކު ކައުންސިލަށް އިންތިޚާބުކޮށްފިނަމަ، ރައްޔިތުންގެ ކަންކަމަށް އަޅާލާ ވިސްނާނެ މިންވަރު މި ކަންކަމުން ދޭހަކޮށްދެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*