ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން އާބާދީ އެއްފަސްކުރުމަށް މަގުފަހިވާނެ – އައިއެމްއެފް

ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން އާބާދީ އެއްފަސްކުރުމަށް މަގުފަހިވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.

އައިއެމްއެފް އިން މިހެން ބުނީ މި މަހުގެ ހަތަރަކުން މިއަދާއި ހަމަޔަށް އެ ޖަމިއްޔާގެ ޓީމަކުން، ނިމިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދީ ހާލަތު ބެލުމަށް ހެދި ސާވޭއަކަށް ފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރަމުންނެވެ.

އައިއެމްއެފްގެ ފަރާތުން ރާއްޖެއަށް ވަޑައިގެންއުޅުއްވާ ވަފްދުގެ އެންމެ އިސްކޮށް ހުންނެވި ފިލިޕް ކަރަމް ވިދާޅުވީ މާލޭ ސަރަހައްދުގައި ކުރިޔަށްދާ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން، އާބާދީ އެއްފަސްކުރުމަށް މަގުފަހި ވެގެންދާނޭކަމަށް ބެެވޭ ކަމަށެވެ.

އަދި މީގެ ނަތީޖާއެއްގެ ގޮތުން ކަރަންޓު، ދަތުރުފަތުރު އަދި އެހެނިހެން އިޖްތިމާއި އަދި އަސާސީ ހިދްމަތްތައް ފޯރުކޮށް ދިނުމުގައި ހުރި ދަތިތަކަށް ލުޔެއްލިބޭނޭ ކަމަށް ބެލެވޭ ކަމަށް ކަރަމް ވިދާޅުވިއެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ހައްލެއްހޯދުމަށް ފަސޭހަވެގެން ދާނެކަމަށްވެސް ކަރަމް ވިދާޅުވިއެވެ.

“އަދި އުމްރާނީ ތަރައްގީއަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން، ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ. ނަމަވެސް، މިކަންކަމުގެ ސަބަބުން ދަރަނި އިތުރުވެ، މެދުވެރިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން، މަޝްރޫއުތައް ހަރުދަނާކަމާއެކު ކުރިޔަށް ގެންދިޔުން މުހިއްމެވެ.” ކަރަމް ވިދާޅުވިއެވެ.

މިގޮތުން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި އިސްކަމެއް ދޭންވީ ފިސްކަލް އަދި އެކްސްޓާނަލް ޑެފިސިޓްތައް ކުޑަކުރުމަށާއި ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށާއި، މާލީ ދާއިރާ ތަރައްގީކުރުމަށާއި ދިގުރާސްތާގައި އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެނައުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އޭނާ ވަނީ ސަރުކާރުގެ ހަރަދާއި އާމްދަނީގެ ސިޔާސަތަށް ބަލާއިރު، ހަރަދު ކުޑަކުރުމުގެ ގޮތުން ސަބްސިޑީގެ ސިޔާސަތަށް ގެނެވިފައިވާ ބަދަލާ، ވަޒީފާއާ މުސާރަދިނުމުގެ ސިޔާސަތުތަކަށް އައިއެމްއެފްއިން ދީފައިވާ ލަފަޔާ އެއްގޮތަށް ތަންފީޒުކޮށްފައިވާކަން ފާހަގަކޮށްފައެވެ.

“ދައުލަތުގެ މާލިއްޔަތު މެނޭޖްކުރުން ހަރުދަނާ ކުރެވިފައިވާކަންވެސް ފާހަގަކުރެވެއެވެ. މީގެ އިތުރުން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރަންޖެހިފައިވާ އިތުރު ހޭދަތައް ފޫބެއްދުމަށްޓަކައި އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ހަރަދާއި އާމްދަނީ މެނޭޖްކުރުމަށް އާމްދަނީއާ ހަރަދުގެ ސިޔާސަތު އިސްލާހުކޮށް ފިސްކަލް ކޮންސޮލިޑޭޝަންއަށް އިސްކަމެއް ދީގެން ކުރިޔަށް ގެންދިޔުން މުހިއްމެވެ” ކަރަމް ވިދާޅުވިއެވެ.

ރާއްޖެ އަކީ ކުޑަ އަދި ހުޅުވާލެވިފައިވާ އިގްތިޞާދަކަށްވެފައި، ޑޮލަރަށް ބަރޯސާވާ މިންވަރުގެ ސަބަބުން އެމެރިކާ ޑޮލަރަށް ޕެގްކުރެވިފައިވާ އެކްސްޗޭންޖް ރޭޓް ނިޒާމަކީ މިވަގުތަށް ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމު ކަމަށާއި އެހެންނަމަވެސް، އޭޝިއާ ސަރަހައްދުން ރާއްޖެއަށް ފަތުރުވެރިން އައުން އިތުރުވެ ތަރައްގީގެ އެކިއެކި ކަންކަމަށް މިސަރަހައްދުން ހޯދާ ފައިނޭންސް އިތުރުވެއްޖެނަމަ، މުސްތަގްބަލުގައި ރާއްޖޭގެ އެކްސްޗޭންޖް ރޭޓް ނިޒާމް އިމްޕޯޓް ވެއިޓެޑް ކަރަންސީ ކޮމްޕޮސިޓަަކަށް ބަދަލުކުރުމާމެދު ވިސްނުމަށް ވެސް ކަރަމް ވަނީ އިލްތިމާސްކޮށްފައެވެ.

އައިއެމްއެފެގެ ވަފްދު ވަނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް އާއި، ރައްޔިތުން މަޖިލީހުގެ އިގްތިސާދީ ކޮމިޓީއާ މާލިއްޔަތު ކޮމިޓީގެ މެމްބަރުންނާއި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކޮށް މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ބޭންކްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އޮޕަރޭޓަރުންނާއި އަމިއްލަ ކުންފުނިތައް ހިންގަވާ އިސް ބޭފުޅުންނާއި ރާއްޖޭގައި ހަރާކާތްތެރިވާ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވިއެވެ.

މިވަފުދުން ތައްޔާރުކުރާ ރިޕޯޓް، އެމްއެމްއޭގެ އިސްވެރީންގެ ހުއްދައާއިއެކު، އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*