ފަރޭ – ދަނޑުމަތީގައި ވެސް ދަނޑުން ބޭރުގައި ވެސް ނަމޫނާ ކެޕްޓަނެއް

ފަރުހާދު އިސްމާޢީލް- ނިލަންދޫގެ ފަޚުރުވެރި ދަރިއެއް. (ފޮޓޯ: ވަގުތު)

ފުޓްބޯޅަ އަކީ މި ކުޑަކުޑަ ދިވެހިރާއްޖޭގެ އެންމެންވެސް ގަޔާވާ، އެ ކުޅިވަރެއްގެ ރޫޙު އިންތިހާޔަށް އޮންނަ، ފޯރިގަދަ ކުޅިވަރެކެވެ. އެންމެ ކުޑަ ކުދިންނާއި ހިސާބުން ފެށިގެން ގޮސް، އެންމެ ހަރު އުމުރުގެ މީހުންނާއި ހަމައަށްވެސް އޮންނަ މި ކުޅިވަރު ކުޅޭ އެތައް ބަޔަކު މި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ އިރު، ދައްކަން މި އުޅެނީ އެއިން ނަމޫނާ ކުޅުންތެރިއެއް ކަމުގައިވާ ގްރީން ސްޓްރީޓްގެ ކެޕްޓަންގެ މަސްއޫލިއްޔަތު އަދާ ކުރާ ފަރްޙާދު އިސްމާއިލް (ފަރޭ) ގެ ވާހަކައެވެ.

ފަރޭ އަށް ފުޓްބޯޅައިގެ ތެރެއަށް ވަދެވުނުއިރު އުމުރުން އެންމެ ދިހަ އަހަރެވެ. އެ އުމުރުގެ އެހެން ކުދިންނާއި އަޅާ ކިޔާއިރު އިސްކޮޅުގެ ގޮތުންވެސް ރަނގަޅަށް ހުރި ފަރޭ ނަމޫނާ އަކަށް ބެލީ އޭނާގެ ތިމާގެ ބޭބެއެއް ކަމުގައިވާ ނިއުރޭޑިއަންޓް އަދި ޤައުމީ ޓީމަށްވެސް ކުޅެފައިވާ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި އަންވަރު އަލީ އެވެ. އަންވަރު އެ ރަށަށް (ފ.ނިލަންދޫ) އަށް ގޮސް އުޅުނު ދުވަސްކޮޅު ފަރޭ ވަނީ އަންވަރު އާއި އެއްކޮށް ކުޅެން ގޮސްފައެވެ. މި ހިސާބުން ފަރޭގެ ހިތުގައި ފުޓްބޯޅަ އަށް ލޯބި ޖެހި، އުމުރުން ބޮޑެތި މީހުންނާއި އެކު ގަވާއިދުން ފުޓްބޯޅަ ކުޅެން ފެށިއެވެ.

“2001 ވަނަ އަހަރުން ފެށިގެން އޭރު އަތޮޅުވެރިން ބާއްވާނެ އަތޮޅު މުބާރާތް، ދެން ގްރޭޑް 9 ގައި އުޅުނުއިރު އަތޮޅުގެ އެހެން ރަށެއްގެ ކޯޗަކަށް ދިޔައީ ސުޒޭނު. އެ މުބާރާތުގައި ސްކޫލް ކުދިންނަށް ކުޅެން ހުއްދަ ދިން ހިސާބުން އަޅުގަނޑު ކުޅުނީ ފ.ނިލަންދޫ ޓީމަށް. ކުޅެފަ އެ އަހަރު ގެންނަންވެސް އުޅުނު، ދެން ސްކޫލްވެސް ނުނިމޭތީ މަންމަ އެހާ ހިތްހަމައެއް ނުޖެހުނު އަންނާކަށް. އޭގެ ޖެހިގެން އައި އަހަރުގަ ސުޒޭން ދިޔައީ ނިލަންދޫ ކޯޗަކަށް. ދެން މުބާރާތް ނިންމި ގޮތަށް ސުޒޭން އައީ އަހަރެން ގޮވައިގެން.” ފުރަތަމަ ޑިވިޝަނަށް ކުޅެން ފެށި ގޮތް ކިޔައިދެމުން ފަރޭ ބުންޏެވެ.

އޭރުގެ އެންމެ ރަނގަޅަށް ކުޅެމުން އައި އެއް ޓީމު ކަމުގައިވާ ވިކްޓްރީ ސްޕޯޓްސް ކްލަބުން ފުޓްބޯޅަ ކެރިއާރ ފެށި ފަރޭ ވަނީ އެ ކްލަބަށް 3 އަހަރު ކުޅެފައެވެ. އޭގެ ފަހުން ވެލެންސިއާ، ނިއުރޭޑިއަންޓް، މާޒިޔާ، ފަދަ ރާއްޖޭގެ ހުރިރާ ބޮޑެތި ކްލަބްތަކެއްގެ ޖާޒީ އިން ފަރޭ ވަނީ ފެނިގެން ގޮސްފައެވެ. ކުޅުނު ހުރިހާ ކްލަބެއްގައި ހެން ބޮޑެތި ކާމިޔާބީތައް ހޯދައި، ރަން މެޑަލް ނަގާފައިވާ ފަރޭ އަކީ އޭނާގެ ރަށުގެ އިތުރުން އަތޮޅުގައި ކުޅުނު ހުރިހާ މުބާރާތެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި 19 އަހަރުން ދަށުގެ ޤައުމީ ޓީމާއި 23 އަހަރުން ދަށުގެ ޤައުމީ ޓީމަށްވެސް ކުޅެފައިވާ ހުނަރުވެރި މޮޅު ކުޅުންތެރިއެކެވެ.

ފަރޭ މިހާރު ކުޅެމުން އަންނަ ކްލަބް ކަމުގައިވާ ގްރީން ސްޓްރީޓަކީ އޭނާގެ ކޯޗް ކަމުގެ ދަށުން 3 ވަނަ ޑިވިޝަނުން 2 ވަނަ ޑިވިޝަނަށް ކޮލިފައިވެ، ސޮބާގެ އިރުޝާދުގެ ދަށުން ފަސްޓް ޑިވިޝަނަށް ކޮލިފައިވެފައިވާ ޓީމެކެވެ. ގްރީން ސްޓްރީޓްގެ ޑިފެންސް ލައިނުގައި އިސް ދައުރެއް އަދާ ކުރަމުން، ޓީމުގެ ކެޕްޓަންގެ ޒިންމާވެސް އުފުލަމުން އަންނަ ފަރޭ ގަބޫލުކުރާ ގޮތުގައި އޭނާ ކޯޗް ކަން ކޮށްދިން ޓީމެއް، އެއް ލެވެލުން އަނެއް ލެވެލްއަށް އައިސް، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވެފައިވާއިރު، އެ ޓީމަށް ކުޅެ، ކެޕްޓަން ބޭންޑް އެޅުމުގެ ފުރުސަތު ލިބުމަކީވެސް ވަރަށް ބޮޑު ކާމިޔާބީއެކެވެ.

“ޤައުމީ ޓީމަށް ހޮވުނު ދުވަހު ހިތަށް އެރި ފުޓްބޯޅާގައި މިއަށްވުރެ ކާމިޔާބު ކަމެއް ދެން ނީންނާނެއޭ. ކުޅޭ ޤައުމެއްގެ ސްކޮޑް ތެރޭ ހިމެނުމަކީވެސް ވަރަށް ފަޙުރުވެރިވާ ކަމެއް. ރާއްޖޭގެ ތާރީޙުގައި އުފެދުނު އެންމެ ވަރުގަދަ އެއް ފުޓްބޯޅަ ސްކޮޑް އޮތް ދުވަސްވަރު، އޭގެ ތެރޭ ހިމެނުނީމަ ހިތަށްއެރި މިއީ ވަރަށް ބޮޑު ކާމިޔާބީއެކޭ” 2008ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި ރަން މެޑަލް ނެގި ރާއްޖޭ ޓީމުގެ ސްކޮޑަށް ނަގައި، ކަންދިމާ ކުރިގޮތުން މުބާރާތުގެ ކުރިން އަނިޔާއާއި ކުރިމަތިލާން ޖެހުނު ފަރޭ ބުންޏެވެ.

ރާއްޖޭގެ އެންމެ ކުރީ ސަފުގައި ހިމެނޭ ކޯޗުންނާއި، ރާއްޖެއިން ބޭރުން އައިސްފައިވާ ގިނަ ކޯޗުންތަކަކާއި އެކުވެސް މަސައްކަތް ކޮށްފައިވާ ފަރޭ ދެކޭ ގޮތުގައި އޭނާގެ މިހާރުގެ ކޯޗް، ސޮބާހު މުހައްމަދު (ސޮބާ) އަކީ ތަފާތު ކޯޗެކެވެ. ފަރޭގެ ކެރިއާރ އެންމެ ފުރަތަމަ ވިކްޓްރީ އިން ފެށި އިރުވެސް އޭނާ އާއި އެއްކޮށް ކުޅެފައިވާ ސޮބާ އަކީ ވިކްޓްރީގެ އިތުރުން ވީބީ އަދި ޤައުމީ ޓީމުގައިވެސް އެއްކޮށް ކުޅެ، ރަނގަޅު ގުޅުމެއް އުފައްދާފައިވާ ދެ ކުޅުންތެރިންނެވެ. ފަރޭ ބުނާ ގޮތުގައި އޭނާ އެކޭ އެއްފަދައިން ސޮބާވެސް ޑިފެންޑަރެއްގެ މަގާމަށް ކުޅެފައި ހުރުމުން އޭނާއަށް ވަކިން ކިޔައިދޭ އިރުވެސް ވަރަށް ފަސޭހަވާ ކަމަށެވެ.

މިވަގުތު ގްރީން ސްޓްރީޓްގެ ކެޕްޓަން ފަރޭގެ ވިސްނުން ހުރީ އެ ޓީމުގައި ހުރެގެން އޭނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލާށެވެ. މި ގައުމުގެ އިންޑިވިޖުއަލް އެންމެ ކާމިޔާބު ކުޅުންތެރިންގެ ލިސްޓްގައި ހިމެނޭ ފަރޭ އަކީ އެހެން ހުރިހާ ކުޅުންތެރިންނަށް ހުރި ލާމަސީލު ނަމޫނާއެކެވެ.

(މިލިޔުމަކީ ވަގުތު ނޫހުގައި ޖަހާފައިވާ ލިޔުމެކެވެ.)

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*