ރަށު ކައުންސިލަށް ކަމުނުދިޔަ މީހާ އަތޮޅު ކައުންސިލަށް

“އެއީ ވަރަށް ދަށްފެންވަރުގެ މީހެއް. ރަށު ކައުންސިލަށް ކުރިމަތި ލިޔަސް ދެން އަހަރުމެން ނުކުންނާނީ ދެކޮޅަށް” މިއީ ފ.ދަރަނބޫދޫ ރަށު ކައުންސިލްގެ މިހާރު ނިމެމުން މިދާ ދައުރަށް އިންތިޚާބު ކުރެވުނު މަޙުމޫދާ ގުޅޭގޮތުން ރަށު ކައުންސިލަށް އޭނާ ނެރެގެން، އޭނާ ހޮވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރި މީހެއްގެ ވާހަކައެވެ.
ކެންޕެއިންގައި އިސްކޮށް މަސައްކަތްކުރި އެހެން މީހަކު ބުނިގޮތުގައި މަޙްމޫދަނީ އެއްވެސް ގޮތަކަށް މީހުންނާއި ގުޅިގެން މަސައްކަތްކުރަން އެނގޭ މީހެއް ކަމަށް ނުވާއިރު، އޭނާގެ ގޮތަކީ އަބަދުވެސް އަމިއްލައަށް ފެންނަ ގޮތް އިސްކުރުން ކަމަށެވެ. އެހެންކަމުން ދަރަނބޫދޫ ރައްޔިތުންގެ ވެރިޔަކަށް އޭނާ ގެންނަން އެއްގޮތަކަށްވެސް ބޭނުންނުވާކަމަށް އޭނާ ބުންޏެވެ.
ދެންފެނިގެން ދިޔައީ އާދަޔާ ޚިލާފު މަންޒަރެކެވެ. ރަށުގެ ވެރިކަމަށް ގެނައުމަށް ކަމުނުދިޔަ އެއްކަލަ މަޙްމޫދު ހަމަ އެމީހުން ބުނާ ލާދީނީ ނުބައިނުލަފާ އެމްޑީޕީގެ ޓިކެޓްގައި ފ.އަތޮޅު ރައްޔިތުންގެ ވެރިޔަކަށް ގެނައުމަށް މަސައްކަތް ފެށިތަނެވެ. “ނާގާބިލްކަމުން ހައްދުން ނެއްޓިފައިވާ” އަދި “އަމިއްލަ ގޮތްތައް ކަންކަމުގައި އިސްކުރާ” މަހްމޫދުގެ ކިބައިން ދަރަނބޫދޫ ރައްޔިތުން ސީދާގޮތެއްގައި ސަލާމަތްކުރެވޭނީ މިގޮތަށް ކަމަށްވާތީއޭ ބުނާ އަޑުވެސް އިވުނެވެ.
ނިމިގެންމިދާ ދައުރުގައި ދަރަބޫދޫ ކައުންސިލަރެއްގެ ގޮތުން ފެއިލް ވެފައި ވަނިކޮށް، ދެވަނަ ދައުރަކަށް ދަރަބޫދޫ ރަށު ކައުންސިލަށް ކުރިމަތިލުމަށް މަޙުމޫދު ނިންމި ހިސާބުން ކަންބޮޑުވުންތަކެއް އުފެދުނު ކަމަށް ވެއެވެ. އަދި އެނިންމުން ބަދަލުކޮށް، ދަރަބޫދޫ ރަށުކައުންސިލަށް ކުރިމަތި ނުލުމަށް އޮތީ އެހެން ދިމާލަކަށް މިސްރާބު ބަދަލު ކުރެވިގެން ކަމަށްވާތީ، ބަޔެއްގެ މަސައްކަތުން މަޙުމޫދުގެ މިސްރާބު ގަސްދުގައި “ބަދަލުކޮށްލީ” ކަމަށް އެއިގެ ތެރެއިން އިސް މީހަކު ބުނި ކަމަށް ވެއެވެ.
އެހެންކަމަށްވާނަމަ، މިފަހަރު މިއޮތީ ދަރަނބޫދޫ ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެ ފ.އަތޮޅުގެ ރައްޔިތުން ކަތިލާފައިތާއެވެ. ދަރަނބޫދޫއަށް އެމީހެއްގެ “ތުރާ” ބޮޑުވެފައިވާކަމަށް ބުނެ ރަށު ކައުންސިލަށް އޭނާ އިންތިޚާބުކުރުމުގައި އެންމެ އިސްކޮށް އުޅުނު ފަރާތްތަކުން އޭނާ އަތޮޅުގެ ވެރިއަކަށް ގެންނަން ގަދައަޅައި މަސައްކަތްކުރީތީއެވެ.
މިފަހަރު މިކަން ކާމިޔާބުވެސް ވެއްޖެއެވެ. ނަމަވެސް އުފެދޭ މުހިންމު ސުވާލެއް އެބަ އޮތެވެ. ރަށު ކައުންސިލަށް ގާބިލް ނުވި މީހަކު އަތޮޅު ކައުންސިލަށް ގާބިލްކަމަށް ނިންމި ހިސާބުން، އެވަރު މީހަކު ހޮވަން މަސައްކަތްކުރި މީހުންގެ އިޚްލާސްތެރި ނިޔަތާއި މެދު އުފެދޭ ސުވާލެވެ. ހަމައެހެންމެ، އަތޮޅުގެ ރައްޔިތުން އޮޔާދިޔަޔަސް އެންމެރަނގަޅު ކަމަށް ނިންމި އިރު އެކަމުގެ ސަބަބުން އަމިއްލަ ފަސްގަނޑަށް ލިބިދާނެ ލޮޅުންތަކާމެދު ވިސްނިބާއޭ އުފެދޭސުވާލެވެ.

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*