ފެރީ ލަފާ ވާޓަރު އަދި މުދާ ބާލާ ވާޓަރު އެއް ފަރުދަކަށް ހިބަކޮށްދީފައި؟!

ކާމިޔާބު 3 އިރުމަތީ ބަނދަރުގެ ފެރީ ލަފާ ފުރާ ސަރަޙައްދުގައި އަދި މުދާ ބާލާ ވާޓަރުގައި އަޅާފައި. މިކަން ބޮޑު ޝަކުވާއަކަށް ބަދަލުވެފައި!

ނިލަންދޫ އިރުމަތީ ބަނދަރުގެ އިރުމަތީ ވާޓަރު މީގެ ކުރިން ޢާންމު ގޮތެއްގައި ބޭނުންކުރަމުން ދިޔައީ ފ.އަތޮޅު ފެރީގައި ދަތުރުކުރާ މީހުންގެ ފަސޭހައަކަށް އަރާ ފޭބުމަށާއި މުދާބާލާ ޚާއްސަ ސަރަހައްދެއްގެ ގޮތުގައެވެ. އެ ދުވަސްވަރު އެ ސަރަހައްދުގައި ބަހައްޓާފައިހުރި ބޯޑެއްގައި ލިޔެފައި ހުއްޓާ ފެންނަ ހަނދާންވަނީ “1 ގަޑީއިރަށްވުރެ އިތުރަށް މި ސަރަޙައްދުގައި އުޅަންދު ފަހަރު ބާއްވައިގެން ނުވާނެ” ކަމަށެވެ. އެހެން އޮތުމުން ވަރަށް ގިނަ ބަޔަކު އެކަމަށް އިޙްތިރާމްކޮށް އެގޮތަށް ޢަމަލުކުރަމުން ދިޔަ މަންޒަރު ފެނިގެން ދިޔައެވެ.
ނަމަވެސް، ނިލަންދުއާއި މާލެއާއި ދެމެދު މާލެ ދަތުރުކުރުމަށް ދުއްވާ ހަމައެކަނި އުޅަނދު، ކާމިޔާބު 7 ދުއްވަންފެށި ހިސާބުން މި މަންޒަރުވަނީ މުޅިންހެން ބަދަލުވެގެން ގޮސްފައެވެ. މާލެ އިން އައިސް އަނެއްކާ ފުރަންދެން އޮންނަތަން މި ފެންނަނީ ފެރީޖެއްސުމަށާއި އަދި މުސާ ބޭލުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދުގައެވެ.
ދާދިފަހުން ފެރީން ނިލަންދޫއަށް އައި މީހަކު ބުނި އަޑު އިވުނެވެ. “މިރަށަށް އަހަރުމެން އަރާ ފައިބަން މިޖެހެނީ ހާދަހާ ދަތި ޙާލެއްގައެވެ. ފެރީގައި އައިސް މަޑުކޮށްލާނެ ތަނެއް ނުލިބިގެން ބަނދަރުގައި އަޅާފައި ހުންނަ އޮޑިފަހަރުތައް ހުރަސްކޮށްވެސް ފައިބަންޖެހެއެވެ.”
އޭނާ އިތުރު ކަމެއްވެސް ފާހަގަކުރިއެވެ. އެގޮތުން ބަނދަރުގައި ހަދާފައިވާ ސިޑިބަރި ކައިރީ ކުދި ޑިންގީތައް އަޅާފައި ހުރުމުގެ ސަބަބުން ބަނދަރުގެ އެއްވެސް ސިޑި ބަރިޔަކާއި ގާތް ނުކުރެވޭ މައްސަލައެވެ.
ފެރީގައި މަސައްކަތްކުރާ މުވައްޒަފަކު ހާމަކުރި ގޮތުގައި ކާމިޔާބު 7 އިރުމަތީ ވާޓަރުގައި “ދާއިމަށް” އަޅާފައި އޮތުމުގެ ސަބަބުން ހަފްތާގެ ގިނަ ދުވަސްތަކުގައި ފެރީގައި ދަތުރުކުރާ މީހުން އަރާ ފޭބުމަށް ގިނަ ދަތިދަކެއް ކުރިމަތި ވެއެވެ. އަދި ފެރީގައި ދަތުރުކުރާ ދުވަސްވީ މީހުނާއި، ކުޑަކުދިންނަށް އަދި ބަލި މީހުންނަށް ބައެއް ނުރައްކާތެރި ހާދިސާތަކާއިވެސް ކުރިމަތިވާކަން އޭނާ ފާހަގަކުރިއެވެ.
މީގެ އިތުރުން ވެސް، މުދާ ހިފައިގެން ނިލަންދޫއަށް އަންނަ ފަރާތްތަކަށް މުދާ ބޭލުމުގައި ވެސް ދަތިތައް ހުރި ކަމުގެ ޝަކުވާތައް ގިނައެވެ. އަދި ހަމަ އެހެންމެ އޮޑިފަހަރަށް މުދާ ބަރުކުރުމުގައި ވެސް މިޝަކުވާތައް އިންތިހާއަށް ބޮޑެވެ.
މިފަދަ ޝަކުވާތަކުގެ ސަބަބުން، ކައުންސިލް އިދާރާއަށް ގޮސް ކައުންސިލް ވެރިޔެއްގެ އަރިހު މި ޝަކުވާ ކުރި މީހަކަށް ދިންޖަވާބުން ކަންބޮޑުވުން އުފެދެއެވެ. ކާމިޔާބު 7 މިދެންނެވި ސަރަޙައްދު “ހިސޯރު”ކުރާ ކަމުގެ ޝަކުވާ އެވެރިޔަކަށް ދެންނެވުމުން، “މިހާރު އެތަނުގައި ތިޔަ ބުނާ ބޯޑެއް ނުހުންނާނެ” އޭ ކިޔާ ފުއްދާލީއެވެ. ޢާންމު ފައިދާއަށް އެއްވެސް ވިސްނުމެއް އަދި ޚިޔާލެއްވެސް ނެތި ދީފައިވަނީ ވަރަށް ނާޒިންމާދާރު ޖަވާބެކެވެ.
ޢާންމު ފައިދާއަށްޓަކައި ހަމަޔަކަށް އެޅުވިދާނެ މިފަދަ ކުޑަކުޑަ ކަމެއްވެސް ކުރުމުގައި ނިލަންދޫގެ ވެރިން މިވަނީ ނުކުޅެދިފައެެވެ. ފަހަރުގައި، އެހެން ކަންކަމެކޭ އެއްފަދައިން މިކަން ޚިޔާލަށްވެސް ނާންނަނީއެވެ. އަދި ނުވެސް ފެންނަނީއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*