ފ. ކައުންސިލްގެ ރައީސް: ތަރައްގީ ލިބޭ ނަމަ ހާސްކަމެއް ނެތް

ފ.އަތޮޅު ކައުންސިލްގެ ރައީސް، ރައީސް ޔާމީންއާއި ސަލާމް ކުރެއްވުމަށް އަތްދިއްކޮށްލައްވަނީ

ފ. އަތޮޅު ތަރައްގީވެ އޭގެ ފައިދާ މުޅި ގައުމަށް ކުރާނެ ފަދަ ބޮޑު މަޝްރޫއެއް އެ އަތޮޅުގައި ކުރިއަށް ގެންދާ ނަމަ އެކަމުގައި ކަންބޮޑުވުމެއް ނެތް ކަމަށާއި އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ފ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުލް ހަމީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސައުދީގެ ޝާހީ އާއިލާއަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން، “އަވަސް” އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ކައުންސިލްގެ ރައީސް އަބްދުލް ހަމީދު ވިދާޅުވީ، މުޅި އަތޮޅު ބަޔަކަށް ވިއްކާލާ ވާހަކައަކީ މުޅިން ދޮގެއް ކަމަށާއި އެއީ ބަޔަކު މީހުން ފިތުނަ އުފައްދަން ސިޔާސީ ބޭނުމުގައި ދައްކާ ވާހަކަތަކެއް ކަމަށެވެ. މީގެ ކުރިން ސަރުކާރާ އެކު ބޭއްވި ބައްދަލުވުންތަކާ ގުޅޭ ގޮތުން އަބްދުލް ހަމީދު ވިދާޅުވީ، ހިމިތި އާއި އެ ރަށާ ގުޅިފައިވާ ތިން ނޯޓިކަލް މޭލުގެ މާވަރު ފަޅުގެ ތަރައްގީ ކުރުމަށް ސައުދީގެ މިހާރުގެ ރަސްގެފާނު ޝައުގުވެރިކަން ފާޅު ކުރިކަމުގެ މައުލޫމާތު ކުރީގެ ޓޫރިޒަމް މިނިސްޓްރީން ހިއްސާ ކުރި ކަމަށެވެ.
އަބްދުލް ހަމީދު ވިދާޅުވީ އޭރު ވެސް މުޅި އަތޮޅުން މީހުން ބާލާ ވާހަކަ ނުދައްކާ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އަދި ސަރުކާރުގެ ސިޔާސަތަކީ ފ. އަތޮޅުގެ ކުދިކުދި ރަށްރަށުގެ މީހުން، ބޮޑެތި ސަރަހައްދުތަކަށް ބަދަލުވާން ބޭނުން ނަމަ އެ ފުރުސަތު ދިނުން ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އަތޮޅުގައި މިހާރުވެސް އޮތީ އެންމެ ރިސޯޓެކެވެ. އެ އަތޮޅަށް ތަރައްގީ ގެނެސް އާބާދީ ބޮޑުކޮށް އިގްތިސާދީ ކުރިއެރުން އަތޮޅުގެ ކޮންމެ ރައްޔިތަކު ވެސް ބޭނުންވާ ކަމަށް ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭނާ ކަންބޮޑުވާ ކަމަކީ ފ. އަތޮޅާ ގުޅޭ ގޮތުން އެކި ފަރާތްތަކުން ދޮގު މައުލޫމާތުތައް އާންމު ކުރަމުން ދިޔުމެވެ. އަދި ތަރައްގީގެ މަޝްރޫއަކަށް ހުރަސް އެޅުމަށް ވެސް ފިތުނަ އުފެދޭ ގޮތަށް ދޮގު މައުލޫމާތު އާންމު ކުރުން ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޭރުގެ އިންވެސްޓަރުން އައިސް، ފ އަތޮޅު ތަރައްގީ ކުރުމަކީ އޭނާ އާއި އެ އަތޮޅުގެ އެހެން ރައްޔިތުންގެ އުންމީދަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
“ދޮގު މައުލޫމާތު ފަތުރާތީ އަޅުގަނޑު މި ހުރީ ކަންބޮޑުވެފައި. މަޝްރޫއެއް އަންނާތީ ކަންބޮޑެއް ނުވޭ،” އަބްދުލް ހަމީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި އެ މަޝްރޫއާ ގުޅޭ ގޮތުން 2015 ވަނަ އަހަރުގެ ތެރޭގައި ކައުންސިލްގައި މަޝްވަރާ ކުރި ގޮތަށް އިތުރު މަޝްވަރާއެއް ނުކުރެ އެވެ. އޭރު ވެސް ކައުންސިލްގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންގެ ހިޔާލު ތަފާތުވުންތަކެއް ހުރިކަން ފާހަގަ ކުރެއްވި އެވެ.
އެ އަތޮޅު ކައުންސިލްގެ އެހެން މެންބަރެއް ކަމަށްވާ، އަބްދުލް ޖަލީލު ވެސް ވިދާޅުވީ މުޅި އަތޮޅުން މީހުން ހުސްކޮށް އަތޮޅު ވިއްކާ ވާހަކަ އަކީ ތެދެއް ކަމަށް ގަބޫލު ކުރަން ދައްޗެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ނިލަންދޫގައި 12 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔުމާއި އެ އަތޮޅުގެ ބައެއް ރަށްރަށުގައި ނަރުދަމާގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމެވެ. އަދި އެ އަތޮޅުގެ އެއާޕޯޓް މަޝްރޫއުގެ.ފެށުމުގެ ތައްޔާރީތައް ވެސް ވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެފަދަ ބޮޑު މަޝްރޫއުތަކެއް ފެށިފައި އޮއްވާ މުޅި އަތޮޅު ހުސްކުރާނެ ކަމަށް އޭނާ ގަބޫލު ނުކުރައްވަ އެވެ.
“ތި ފެތުރުގެން އުޅޭ ވާހަކައިގެ ސީދާ މައުލޫމާތެއް އަޅުގަނޑުމެންނަކަށް ނުލިބޭ. އެކަމަކު ދަންނަވާލައިގެން މިއުޅެނީ. އެކަމަކު އަޅުގަނޑަށް ހަމަ ވަރަށް ޔަގީން މުޅި އަތޮޅު ވިއްކާލާ ވާހަކަ އަކީ ދޮގެއްކަން. އެއީ ނިލަންދޫގެ ބިންހިއްކާ އެހެން ވެސް ތަރައްގީގެ ކަންކަން މި އަތޮޅުގައި ދައުލަތުގެ ބޮޑު ހޭދައެއްކޮށްގެން ހިންގާ. އެފަދަ ހޭދަތަކެއް ހިއެއް ނުވޭ ކޮށްފާނެހެނެއް މި އަތޮޅުން މީހުން ހުސްކުރަންޔާ،” ޖަލީލު ވިދާޅުވި އެވެ.
މީގެ ކުރިން ރައީސް ފ. އަތޮޅަށް ކުރެއްވި ޒިޔާރަތެއްގައި ވިދާޅުވީ، ސައުދީގެ މިހާރުގެ ޝާހީ އާއިލާއިން ފ. އަތޮޅުގައި ސިނާއީ ސަހަރެއް ތަރައްގީ ކުރަން ޝައުގުވެރިވާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމާ ހުރެ އެ މަޝްރޫއުގެ ކަންކަން ލަސްވެގެން ދާ ކަމުގެ އިޝާރާތެއް ރައީސް ކުރެއްވި އެވެ. އެވާހަކަތައް އަލުން ދެކެވިގެން އުޅެނީ، ސައުދީގެ ރަސްގެފާނު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވާތީ އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*