ބަނދަރުމަތި ރޭވުންތެރިކަމެއް ނެތް ބޮޑު ގުދަނެއް

ކޮންމެ ރަށެއްގެ ރައްޔިތުންވެސް ބޭނުންވާނީ ރަށަށް އަރާ ބީރައްޓެހިން މިއީ ހާދަ ހިތްފަސޭހަ ރީތި އަދި ސާފު ރަށެކޭ ބުނާ އަޑުއަހާށެވެ. އެކަން އެންމެ ފުރަތަވެސް ތަސައްވުރު ކުރެވިގެންދާނީ އެރަށެއްގެ ބަނދަރުމަތިން ނުވަތަ އޮޑި ދޯނިފަހަރު ލަފާފުރާ ސަރަޙައްދަކުންނެވެ. އެ ސަރަހައްދު ޗާލު ރީތި ބަގީޗާއިން ޒީނަތްތެރިކޮށް ހިތްފަސޭހަކަން ގެނެސްފައި ހުރިނަމަ އެންމެވެސް ހިތްހަމަޖެހޭނެއެވެ. އެއާއި ޚިލާފަށް އެއްވެސް އަޅާލުމެއްނެތި ދޫކޮށްލެވިފައި ހުރެއްޖެނަމަ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އުފެދޭނެއެވެ. އަދި ރަށަށް އަރާމީހުން ރަށުގެ ވެރިންގެ ދުރުވިސްނުމާއި ހިންގުންތެރިކަމާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު އެބަލިބެއެވެ.
ނިލަންދޫއަށް ދިމާވެފައިވަނީ މިފަދަ ދެރަ ގޮތެކެވެ. އޮޑިދޯނިފަހަރު މިހާރުގެ ބަނދަރަށް ލަފާއިރު ކަނާތްފަރާތުން އެންމެ ފުރަތަމަވެސް މަރުޙަބާކިޔާނީ “ތިލަފުށި” އެވެ. ބަނދަރުމަތި ޒީނަތްތެރި ކުރުމަށް ހަދާފައިހުރި ބުރުތަކުގެ ތެރެއިންނާއި ފާރުތަކުގެ މަތީން މަރުޙަބާ ކިޔަނީ އޮޑިދޯނިފަހަރުގައި ގެންގުޅޭ މަސްވައްޓާއި، ކަންނެލި އޮޑިފަހަރުގެ ކަންނެލިއަޅާ ފައިބަރު ފޮއްޓާއި، ބޮޔާއި އަދި މިނޫންވެސް މިފަދަ ސާމާނުތަކެވެ.
ބަނދަރުމަތިން ފެންނަނީ އެއްވެސް އަޅާލުމެއް އަދި ރޭވުންތެރިކަމެއްނެތި ދޫކޮށްލެވިފައިވާ ރައްޔިތުންގެ މާސިންގާ އެހެނަސް އިންތިހާއަށް މުހިންމު ސަރަހައްދެކެވެ. މިފަދަކަންކަން ޙައްލުކުރުމަށް ނިލަންދޫ ރަށު ކައުންސިލް ނުކުޅެދިފައިވެޔޭ ބުނުމުން އެއީ ދޮގަކަށް ނުވާނެއެވެ.
ދެންއޮތީ މިތަކެތި މިތަނުން ނަގަން ކައުންސިލުން އެންގިޔަސް، ވަކިގެންދާނީ ކޮންތާކަށްތޯ އުފެދޭ ސުވާލެވެ. މިތަކެތި އެތަނުން ނެގުމަށް ކައުންސިލުން އަންގަންވާނީ އެ ބަހައްޓާނެ އެހެންގޮތެއް ކައުންސިލުން ތަނަވަސްކޮށްދީފައެވެ. ކައުންސިލުން ކުރަމުންދާ ބޭކާރު ޚަރަދުއް ހުއްޓުވައިގެންވެސް މިފަދަ ތަކެތި ރައްކާކުރާނެ ގުދަނެއް ކަހަލަ ޢިމާރާތެއް ހެދިދާނެއެވެ. އަދި އެ ޢިމާރާތުގައި ތަކެތި ބެހެއްޓޭނީ ކުއްޔަށް ކަމަށްވެސް ކަނޑައެޅިދާނެއެވެ.
މިފަދަ ޢިމާރާތެއް ހަދައިފިނަމަ އެތައްގޮތަކުން ފައިދާލިބޭނެއެވެ. އެއްކަމަކީ ބަނދަރުމަތި ދޫކޮށްލެވިފައި އޮތް އޮތުން ހަމަޔަކަށް އެޅުނީއެވެ. ދެވަނަކަމަކަށް ރައްޔިތުންގެ މާލިޔއްޔަތަށް ކޮންމެވެސް މިންވަރެއްގެ އާމްދަނީއެއް ލިބޭނެގޮތަށް ހަމަޖެހުނީއެވެ.
މިފަދަ ވިސްނުއްތަކެއް ތަންފީޒުކުރާނެ ކައުންސިލަރުން ރައްޔިތުންގެ ވެރިކަން ހިންގަން އައުންވެގެންދާނީ އެރަށެއްގެ ކުރިއެރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރަކަށެވެ. ކުރިޔަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބުކަމުން، ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއިމެދު ފުންކޮށް ވިސްނައި ރައްޔިތުންނަށް އިހުމާލުނުވެ، ޤާބިލްކަމާއެކު ވެރިކަންކުރާނެ ބަޔަކު ގެންނަންޖެހެނީ މިފަދަ ސަބަބުތަކެއް ހުރީމައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*