ފ. އަތޮޅުގައި ސައުދީގެ ބިޔަ މަޝްރޫއެއް ފެށޭނެ ކަމުގެ އުއްމީދު ބޮޑު – ރައީސް ޔާމީން

ފ.އަތޮޅު ކައުންސިލްގެ ރައީސް، ރައީސް ޔާމީންއާއި ސަލާމް ކުރެއްވުމަށް އަތްދިއްކޮށްލައްވަނީ

ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ފަރާތްތަކުން ފ. އަތޮޅުގައި ދުނިޔޭގެ ފެންވަރުގެ އިގްތިސާދީ ބިޔަ މަޝްރޫއެއް ފެށުމަށް ޝައުގުވެރިވެފައިވާ ކަމަށާއި އެ މަޝްރޫއު ފެށޭނެ ކަމުގައި އުންމީދު ބޮޑު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ފ. މަގޫދޫ ބަނދަރު ހުޅުވުމަށް އެ ރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ސައުދީގެ ވެރިކަމުގައި މިހާރު ތިއްބެވި އިސް ފަރާތްތަކުން ބޭނުން ވަނީ، އެކި ސިނާއީ މަސައްކަތްތައް ހިމެނޭ ގޮތުން މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ އިގްތިސާދީ ސަހަރެއް ފ. އަތޮޅުގައި ތަރައްގީ ކުރަން ކަމަށެވެ.

ސައުދީ ސަރުކާރުން ފ. އަތޮޅުގައި ފަށާ ބޮޑު މަޝްރޫއަށް ބޭނުންވާ ހުރިހާ ކުރެއްހުންތަކެއް ވެސް މިހާރު ނިންމާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި މަޝްރޫއުގެ ސަބަބުން “އެތައް ސަތޭކަ ވަޒީފާ އުފެދިގެން ގޮސް” މުޅި ފ.އަތޮޅަކީ ރާއްޖޭގެ އެންމެ ތަނަވަސް އަތޮޅަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވިގޮތުގައި މިދިޔަ އަހަރު އެ މަޝްރޫއު ފަށަން އުންމީދު ކުރަމުން ދިޔަ ނަމަވެސް، ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމާ ހުރެ އެ މަޝްރޫއުގެ ފެށުން މަޑުޖެހިގެން ދިޔައީ ކަމަށެވެ. އެހެން ކަމުން މިފަދަ މަޝްރޫއުތައް ހިންގުމަށް ގައުމުގެ އަމާންކަމާއި މަސްލަހަތު އަދި ސިޔާސީ ހަމަޖެހުން މުހިންމު ކަމަށާއި މި މަޝްރޫއު މިއަހަރު ފެށިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނިއުމަތްތައް ލިބެނީ ވެސް އަދި އެ ގެއްލިގެން ދަނީ ވެސް، އިންސާނުންގެ އަމިއްލައަށް ކުރާ އަމަލުތަކުގެ ސަބަބުން ކަމަށް ދެނެގަންނަން ޖެހޭ ކަމަށާއި މިފަދަ މަޝްރޫއުތައް އައުން ބިނާވެފައި ވަނީ ވެސް އޭގެ މައްޗަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*