މުއްދަތު ހަމަވިއިރު ޕީޕީއެމް އެއްވެސް ކެންޑިޑޭޓެއްގެ ފޯމް އިލެކްޝަނަށް ހުށައެއްނާޅާ

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތު ހަމަވިއިރު ވެރިކަން ކުރާ ޕީޕީއެމްގެ އެއްވެސް ކެންޑިޑޭޓަކު އިންތިޚާބަށް ކުރިމަތިލުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅާފައި ނުވާނެ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ސެކެރެޓަރީ ޖެނަރަލް އަބްދުﷲ ޚަލީލު ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެދި 700 އަށް ވުރެ ގިނަ ފޯމް ޕީޕީއެމް އަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް އެއްވެސް ފޯމެއް އިލެކްޝަންސްއަށް ހުށަހަޅާފައި ނުވަނީ އެ ހުށެހެޅޭ ފެންވަރަށް މައުލޫމާތު ނެތުމުން ކަމަށާއި، އިންތިހާބު ފަސްކުރުމަށް ކޯޓަށް ދާން މަޖުބޫރުވީ އެ ސަބަބާ ހުރެ ކަމަށެވެ.

“ޕާޓީ ހިންގުމަށް ބަދަލު އައިއިރު، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޕާރޓީގެ އެއްވެސް ލިޔެކިޔުމެއް ނުލިބޭ. ނުލިބޭތީ އަޅުގަނޑުމެން އެ މައްސަލަވެސް އޮންނާނީ ދައުލަތުގެ ކަމާ ބެހޭ ފަރާތަށް ހުށަހަޅާފަ” އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުންގެ ލިޔެކިޔުންތައް ނުލިބި، ކައުންސިލް އިންތިހާބްގައި ބައިވެރިވާ ކެންޑިޑޭޓުންގެ ނަންތަކާއި، ދަފްތަރާއި ބެހޭ މައުލޫމާތަތައް ނޭނގޭ ކަމަށެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް އިން ކަނޑައަޅާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އެ އިންތިހާބު ފަސްކުރަން ޕީޕީއެމް އިން ސިވިލް ކޯޓަށް ހުށަހެޅުމާއި ގުޅިގެން އެ ކޯޓުން ވަނީ އެ އިންތިޚާބު ދެމަސްދުވަހަށް ފަސްކޮށްފައެވެ.

“ދެ މަސް ދުވަސް ލިބުނީމަ ދެން ޖެހޭނީ ދެމަސް ދުވަހަށް ބަލައިގެން މަސައްކަތް ކުރަން. އަޅުގަނޑުމެން މި ގެންދަނީ މިހާރުވެސް މަސައްކަތް ކުރަމުން. އަޅުގަނޑުމެން މިހާރު ލިބެން ހުރި މައުލޫމާތެއް އެއްކޮށް އެ މައުލޫމާތުގެ އަލީގަ ފޯމްތައް ހުށަހެޅޭ ފެންވަރަށް އަޅުގަނޑުމެންގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި ގެންދަނީ”. އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޕްރައިމަރީ ބާއްވަން ޖެހޭ ރަށްތަކުގައި ޕްރައިމަރީ ބާއްވާނެ ކަމަށާއި، އެހެންނަމަވެސް އަދި އެކަމަށް ތާރީހެއް ކަނޑައަޅާފައެއް ނުވާކަމަށެވެ.

މުއްދަތު ހަމަވިއިރު ޕީޕީއެމް އެއްވެސް ކެންޑިޑޭޓެއްގެ ފޯމް އިލެކްޝަނަށް ހުށައެއްނާޅާ ކަމަށް ޕީޕީއެމްއިން މިއަދު ބުނެފައިވާއިރު، އެޕާޓީގެ ޓިކެޓްގައި ނިލަންދޫ ކައުންސިލަށް ވާދަ ކުރުމަށް އެއް ކެނޑިޑޭޓެއްގެ ފޯމް ޕާޓީގެ އޮފީހަށް ހުށައަޅާފައި ވެއެވެ. އެއީ ޢަލީ މުޙައްމަދު އެވެ.

 

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*